ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަށް ފަހު ބޮލީވުޑްގެ ސްޕަސްޓާރު ޝާހުރުކް ހާން އަންނީ އަލުން އެބުނި ފިލްމީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނާގެ ތިން ފިލްމް އެއް ކުރިއަށް އެބައޮތެވެ.
ޝާހު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ފްލޮޕް ފިލްމް "ޒީރޯ" އިން 2018 ވަނަ އަހަރުގައިއެވެ. ބޮޑު ބްރޭކަކަށް ފަހު އޭނާ ފެނިގެންދާ ފުރަތަމަ ފިލްމް "ޕަޓާން" ވަނީ އަންނަ އަހަރުގެ ޖެނުއަރީ 25 އަށް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިއެވެ.
ދެން އޭނާގެ ފެނިގެންދާނެ ފިލްމް އަކީ "ޖަވާން" އެވެ. މި ފިލްމް އަކީ ސައުތުގެ ގިނަ ތަރިން ތަކެއްވެސް ފެނިގެންދާނެ ފިލްމްއެކެވެ. މި ފިލްމް ރިލީޒް ކުރުމަށް ތާވަލް ކޮށްފައި ވަނީ އަންނަ އަަހރު ޖޫން މަހުގެ 2 ވަނަ ދުވަހަށެވެ. ނަމަވެސް މި ތާރީހަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.
އެއަށް ފަހު ޝާހުގެ 3 ވަނަ ފިލްމް "ޑަންކީ" ގެ މަސައްކަތް މިހާރު އަންނަނީ ބާރު ސްޕީޑުގައި ކުރަމުންނެވެ. އަދި ޝޫޓިންގ ވެސް ނުނިމޭ މި ފިލްމް އާއި ބެހޭގޮތުން މާގިނަ މައުލޫމާތެއް މިހާތާނަށް އަދި ހާމައެއް ނުކުރެއެވެ.
#ShahRukhKhan𓀠 @iamsrk was spotted at a super market in #Jeddah, #SaudiArabia#Dunki pic.twitter.com/lyEA8ZP6x7
— being_monika (@MonikaBeing) November 18, 2022
ރާޖް ކުމާރު ހިރާނީ ޑައިރެކްޓް ކުރާ ފިލްމްގެ ޝޫޓިން މިހާރު ކުރިއަށް ދަނީ ސައުދި އަޔަބިޔާގައިއެވެ. "ޑުންކީ" އަކީ ހިޖުރުކުރުމާ ގުޅޭ ގޮތުން ހަދާ ސޯޝަލް ކޮމެޑީއެކެވެ. މީގެ މަންޒަރުތަކެއް ކުރިން އިންޑިއާ އާއި އިނގިރޭސިވިލާތާއި ހަންގޭރީގައި ވެސް ނަގާފައިވެ އެވެ.
ފިލްމްގެ ޓިމުން މިހާރު ސައުދީގައި ހަރަކާތްތެރި ވަމުން އަންނަ އިރުގައި ހަބަރުތަށް ބުނާގޮތުގައި 12 ވަރަކަށް ދުވަސް ޝޫޓިންގް އަށް ހޭދަވާނެއެވެ. ޝާހު ޖިއްދާ އަށް ގޮސް ސުޕަމާކެޓެއްގެ ތެރޭ އުޅެނިކޮށް މީހުންނަށް ފެނިގެން ވީޑިއޯ އާއި ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި އާއްމު ކޮށްފައިވެ އެވެ.
ތާޕްސީ ޕަންނޫ އާއި ޝާހު ފެނިގެންދާ މި ފިލްމް އަކީ ވިކީ ކޯޝާލް އާއި ބޮމަން އިރާނީ ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެ ފިލްމްއެކެވެ. 'ޑަންކީ' ރިލީޒް ކުރާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.