ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް ޢަލީއަށް ދިން ޙަމަލާއާ، ޖުމްހޫރީ ޕާޓީ (ޖޭޕީ)އާވެސް އަދި އެޕާޓީގެ ކައުންސިލް މެމްބަރު، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓު މިނިސްޓަރ ޢާއިޝަތު ނަހުލާއާވެސް ގުޅުމެއް ނެތްކަމަށް ޖޭޕީގެ ތަރުޖަމާނު ޢަލީ ޞާލިޙް ވިދާޅުވެއްޖެއެވެ.
ޢަލީ ޞާލިޙް މިހެން ވިދާޅުވީ ޝިމާޒަށް ދިން ޙަމަލާއާ ޖޭޕީއާ ނުވަތަ މިނިސްޓަރ ނަހުލާއާ ގުޅުވައި ބައެއް މީޑިއާތަކުން ތުހުމަތުކުރާތީކަމަށް ޢަލީ ޞާލިޙް ވިދާޅުވެއެވެ. ޢަލީ ޞާލިޙް ވިދާޅުވީ ޝިމާޒަށް ދިން ޙަމަލާއާ، ޖޭޕީއާއި މިނިސްޓަރ ނަހުލާއާ ގުޅުވަނީ ޒާތީގޮތުން އަބުރުކަތިލުމުގެ ގޮތުންކަމަށެވެ.
"ޝިމާޒަށް ޙަމަލާ ދިންކަމަށް ވަނީނަމަ، އެކަންވެސް އަޅުގަނޑުމެން ކުށްވެރިކުރަން. އަދި އެކަމުގައި ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކަށްވެސް ގޮވާލަން." ޖޭޕީގެ ތަރުޖަމާނު ޢަލީ ޞާލިޙް ވިދާޅުވިއެވެ.
ޢަލީ ވިދާޅުވީ ޝިމާޒާއި މިނިސްޓަރ ނަހުލާއާ މައްސަލަޖެހިގެން އުޅޭކަމަށް މީޑިއާގައި ވާހަކަދެވޭ ވާހަކައަށް ވިދާޅުވާން އޮތީ، ކޮރަޕްޝަންގެ ތުހުމަތު ކުރެވޭނަމަ އެކަމުގައި ސިޔާސީ މީހުންނާމެދު ފިޔަވަޅު އަޅަން އޮންނަ އުސޫލުން ރައީސް އޮފީހަށް ފޮނުވުން އެއީ ނިޒާމުގެ ތެރެއިން ހިނގާ ކަމެއްކަމަށެވެ. ވަޒީރުންކުރައްވާ އެފަދަ ކަންކަމަކީ ޒާތީކަމެއް ނޫންކަމަށްވެސް ޢަލީ ޞާލިޙު ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަޙުލާވެސް ވަނީ އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް އަލީއަށް ދިން ހަމަލާ ކޮށްވެރިކުރައްވާފައެވެ. މިޙަމަލާ ކުށްވެރިކުރައްވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތް އެއްވެސް ފަސްޖެހުމެއްނެތި ކުރައްވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ