ޑެޕިއުޓީ މިނިސްޓަރ ޝިމާޒަށް ބަޔަކު ޙަމަލާދީފި

ޑެޕިއުޓީ މިނިސްޓަރ ޝިމާޒަށް ބަޔަކު ޙަމަލާދީފި

Author
ޢަލީ އާދަމް
19 ނޮވެމްބަރ 2022 07:22
0

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް ޢަލީއަށް މަގުމަތިން ހަމަލާ ދީފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއިޓީ މިނިސްޓަރަކަށް ހަމަލާދިން މައްސަލައެއް ހުށަހެޅިފައިވާކަމަށާ، އެމައްސަލަ ބަލަމުންދާކަމަށެވެ.

ޝިމާޒަށް ހަމަލާ ދީފައިވަނީ ރޭގެ ވަގުތެއްގައެވެ. ޝިމާޒް ނިސްބަތްވާ ސިޔާސީ ޕާޓީ އެމްއާރުއެމްއިން ވަނީ މިކަން ކުށްވެރިކޮށްފައެވެ. އަދި މިމައްސަލަ ބަލައިދިނުމަށާއި މިކަންކުރި ބަޔަކު ހޯދައި ފިޔަވަޅު އަޅައިދިނުމަށް އެޕާޓީންވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

https://twitter.com/MRM_Office/status/1593660250770800640?s=20&t=tQMsgWC4MNCGsh9pW4sogA

ޝިމާޒާއި ޓްރާންސްޕޯޓު މިނިސްޓަރު ޢާއިޝަތު ނަހުލާއާ ދެބޭފުޅުންގެ މެދުގައި ނުތަނަވަސްކަމެއް އުފެދި ޝިމާޒް މަޤާމުން ވަކިކޮށްދިނުމަށް އެދި މިނިސްޓަރ ވަނީ ރައީސް އޮފީހަށް ސިޓީއެއް ފޮނުއްވާފައެވެ. މިސިޓީ ފޮނުއްވިކަން މީޑިއާއަށް ހާމަވީ ހިސާބުން ޝިމާޒަށް އެކިކަހަލަ އިންޒާރާއި ހަމަލާތައް އަންނަމުންދާކަން އޭނާ އަންނަނީ ހާމަކުރަމުންނެވެ. ނިމުނު ފަހްތާގެ ތެރޭގައި ބަޔަކު ވަނީ ޝިމާޒްގެ ސައިކަލުގެ މަޑީގައި ކަޓަރު އަޅައި ސައިކަލަށް ގެއްލުން ދީފައެވެ. އަދި އޭނާގެ މައްޗަށް ދޮގު ތުހުމަތުކޮށް ޢާއިލާއަށް މަރުގެ އިންޒާރު ދީ ބަޔަކު އިންޒާރު ދެމުންދާކަން ޝިމާޒްވަނީ ހާމަކޮށްފައެވެ.

ޝިމާޒް ޢަލީ މަގާމުން ވަކިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ލިބިފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ މިމަހުގެ 2ވަނަ ދުވަހު ވިދާޅުވެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ ޝިމާޒް މަޤާމުން ވަކުކުރުމަށް އެދި ޓްރާންސްޕޯޓު މިނިސްޓަރު ޢާއިޝަތު ނަހުލާ ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ސިޓީއެއް ފޮނުއްވާފައިވާކަމަށް ދެކެވޭ ވާހަކައަކީ ހަޤީޤަތެއްތޯ ސުވާލުކޮށްފައެވެ. އަދި އެސިޓީގައި ވަނީ ކޮން ވާހަކަތަކެއްތޯވެސް ސުވާލުކުރިއެވެ.

މިއުވާން ވިދާޅުވީ އެފަދަ ސިޓީއެއް ލިބިފައިވާކަމަށާ، އެއާ ގުޅިގެން ރައީސް އޮފީހުން ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހު އަޅުއްވަންޖެހޭ ފިޔަވަޅެއް އަޅުއްވާނެކަމަށެވެ.

މަޤާމުން ވަކުކުރުމަށްޓަކައި ޝިމާޒުގެ މައްޗަށް ކުރަ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށް އޭނާ ވިދާޅުވެއެވެ. އަދި މިތުހުމަތާއެކު އެކިގޮތްގޮތުން އޭނާއަށް އިންޒާރު ލިބެމުންދާކަމަށާ، އޭނާގެ ސައިކަލައި ކަޓަރުއަޅައި ހަންފަޅާލުންފަދަ ގެއްލުންތައް ބަޔަކު ދީފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޝިމާޒަކީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ސްލޮޓެއްގައި އައްޔަންކޮށްފައިވާ ބޭފުޅެކެވެ. މީގެކުރިންވެސް ޝިމާޒާ ގުޅުންހުރި މައްސަލަތަކެއް ފެންމަތިވިއެވެ. އެހެންނަމަވެސް އޭރު މިނިސްޓަރ ނަހުލާ ނުކުންނެވީ ޝިމާޒުގެ ދިފާޢުގައެވެ. އޭގެ ދުވަސްތަކެއްފަހުން އަމަ އެތުހުމަތުތަކުގައި މިނިސްޓަރ ޝިމާޒާ ދެކޮޅުވީ ކީއްވެގެންކަމެއް ނޭނގެއެވެ. މިމައްސަލާގައި ސަރުކާރުން މިހާތަނަށް ޝިމާޒާމެދު އެއްވެސް ފިޔަވަޅެއް އަޅުއްވާފެއެއް ނުވެއެވެ. ޝިމާޒް ނިސްބަތްވާ އެމްއާރުއެމްއިން ވިދާޅުވެފައިވަނީ ޝިމާޒުގެމައްޗަށް ކުރެވޭ ތުހުމަތުތަކުގައި އެއްވެސް ފިޔަވަޅެއް އަޅުއްވުމުގެކުރިން އެކަން ރަނގަޅަށް ބަލައި ތަހްޤީޤުކޮށް ހަޤީޤަތް ބަލަންޖެހޭނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.