13 ކިލޯ މަސްތުވާތަކެއްޗާއިއެކު ގިނަ އަދަދެއްގެ ފައިސާ އަތުލައިގަނެފި

13 ކިލޯ މަސްތުވާތަކެއްޗާއިއެކު ގިނަ އަދަދެއްގެ ފައިސާ އަތުލައިގަނެފި

Author
މުޙައްމަދު ޝަޒައިމް
18 ނޮވެމްބަރ 2022 01:59
0

ރޭ ފުލުހުން މާލެ ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައި 13.56 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭގެ ދެ ގެއަކާއި ހުޅުމާލޭގެ ގެސްޓްހައުސްއެއް ފާސްކުރުމަށްފަހު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ އަތުލައިގަނެފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގެ ތިން ތަނެއް ފާސްކޮށް އަތުލައިގަތީ 13.56 ކިލޯގެ މަސްތުވާތަކެއްޗާއި، 644،000 ރުފިޔާއެވެ. މި ތަކެތި އަތުލައިގަތީ ފުލުހުންގެ ކައުންޓާ ނާކޯޓިކްސް އިންޓެލިޖެންސާއި، ޑްރަގް އެންފޯސްމަންޓް ޓީމުތަކުން ރޭ ހިންގި އޮޕަރޭޝަނެއްގައެވެ. ސީޕީ ހަމީދު ވިދާޅުވީ، މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުން ކުރަމުންދާ މަސައްކަތް އަދިވެސް ކުރިއަށް ގެންދަވާނެ ކަމަށެެވެ.

މިތަކެތި ހޯދީ މާލޭގެ ދެގެއަކާއި ހުޅުމާލޭގެ ގެސްޓްހައުސްއެއް ފާސްކޮށް ހިންގި އޮޕަރޭޝަނެއްގައި ކަމަށް ޕޮލިސް ކޮމިޝަނަރ ވިދާޅުވިއެވެ. މިއޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ އަތުލައިގެންފައިވާއިރު، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ވެސް ފުލުހުން ވަނީ މަސްތުވާތަކެއްޗާ އެކު ޕާޓީކުރަމުން ދަނިކޮށް 12 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އަތުލައިގަންނަ މަސްތުވާތަކެތީގެ ސްޓޮކް ބަލަހައްޓާ ފުލުހަކު ވެސް ހައްޔަރު ކުރިއެވެ. އޭނާ މިހާރު ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.