އަލިފާނުގެ ހާދިސާ: މަރުވި އިންޑިއާ 8 މީހުންގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި

އަލިފާނުގެ ހާދިސާ: މަރުވި އިންޑިއާ 8 މީހުންގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ތެރޭގައި ހިމެނޭ އިންޑިއާ އެންމެންގެ ހަށިތައް އެ ގައުމަށް ގެންގޮސްފައިވާ ކަމަށް އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނެފިއެވެ.

ނިރުފެހި ގޭގައި މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި 10 ބިދޭސީއަކު މަރުވި އެވެ. އެއީ އިންޑިއާގެ 8 މީހަކާއި ބަންގްލަދޭޝްގެ ދެ މީހެކެވެ. މީގެ ކުރިން އިންޑިއާގެ ތިން މީހެއްގެ ހަށިގަނޑު ވަނީ އެ ގައުމަށް ފޮނުވާލައިފައެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނީ އަލިފާނުގެ ހަދިސާގައި މަރުވި އިންޑިއާ މީހުންގެ ތެރެއިން މިހާތަނަށް އެ ގައުމަށް ނުފޮނުވި ހުރި ހަށިތައް މިހާރު އެ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ.

ފުލުހުންގެ ތަހްގީގަށް އެނގިފައިވާ ގޮތުގައި އަލިފާން ރޯވީ ވޯކްޝޮޕެއްގެ ގޮތުގައި ބޭނުން ކުރަމުން އައި އިމާރާތުގެ ގްރައުންޑް ފްލޯގައެވެ. ނަމަވެސް އަލިފާންގަނޑު ވަނީ ގާތްގަނޑަކަށް މިނެޓެއް ތެރޭގައި މުޅި ގެއަށް ފެތުރިފައެވެ. އަލިފާން ރޯވިއިރު ގިނަ މީހުން ތިބީ ނިދާފައެވެ. އަލިފާން ރޯވިއިރު 26 މީހަކު އެއިމާރާތުގައި ތިއްބެވެ.

ފުލުހުން މިހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންސްޕެކްޓަ އޮފް ޕޮލިސް މުހަންމަދު ސާމީ ވިދާޅުވީ އެ އިމާރާތުގެ އެތެރެ ހަދާފައި ހުރީ ފިލައިން ކަމަށާއި އޭގެ ތެރެއިން އެއް ފްލޯގައި ހަތަރު ކޮޓަރި، އަނެއް ފްލޯގައި އަށް ކޮޓަރި ހަދާފައިވާ ކަމަށެވެ. އެ ތަންތަން ވެސް ވަކިކޮށްފައި ހުރީ ފިލައިން ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ވިއްސަކަށް ފޫޓު، ތިރީސް ފޫޓުގެ ތަނެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *