ދައުލަތަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށ،ް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހަޅުއްވާފައިވާ، ޓެކްސް މިއަދު މަޖިލީހުން 55 މެމްބަރުންގެ ވޯޓާއެކު ފާސްކުރިއިރު، އެ ބިލަށް މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރު އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ވޯޓު ނުދެއްވާކަން ހާމަ ވެއްޖެއެވެ.
މިއަދު ޓެކްސް ބިލަށް ވޯޓަށް އެހިއިރު ގާސިމް އިބުރާހިމް މަޖިލީހަށް ވަޑަައެއް ނުގަންނަވައެވެ. އޭގެ އިތުރުން، މަޖިލިހުގައި ތިއްބަވާ ޖުމުހޫރީ ޕާޓީއަށް ނިސްބަތްވާ 3 މެމްބަރުންގެ ތެރެއިން އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ބިލާ އެއްކޮޅަށް ވޯޓު ދެއްވި އިރު ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވޯޓު ދެއްވާފައިވަނީ ބިލް ފާސް ނުކުރުމަށެވެ.
މިއަދު ފާސްކުރި ޓެކްސް ބިލަކީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހެކެވެ. މި އިސްލާޙޫ ފާސްކުރަން ފެންނަ ކަމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ބައިވެރިވި 55 މެންބަރުން ވޯޓު ދެއްވިއެވެ. މިބިލާ ދެކޮޅަށް ވޯޓުދެއްވީ 26 މެންބަރެކެވެ.
ފާއިތުވެދިޔަ ދެ ޖަލްސާގަވެސް ޓެކްސް ބިލަށް ވޯޓަށް ނާހާ ލަސްކުރުމާއި ގުޅިގެން މަޖިލިސް ތެރޭގައި ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައި ވަނިކޮށް، މަޖިލިސް ރައީސް މުހައްމަދު ނަޝީދު މިއަދު ބިލަށް ވޯޓަށް އަހާފައި ވާއިރު، ބިލާއި އެއްކޮޅަށް ވޯޓު ދީފައިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ 51 މެމްބަރެކެވެ. އަދި އެމްޑީޕީއަށް ނިސްބަތްވާ 14 މެމްބަރަކު ބިލާއި ދެކޮޅަށް ވޯޓު ދީފައި ވެއެވެ. މަޖިލީހުން މިއަދު ބިލް ފާސްކޮށްފައިވަނީ ޖުމްލަ 55 މެމްބަރުންގެ ތާއީދައެކީއެވެ.
މިއަދުގެ ވޯޓުގައި ޓެކްސް ބިލް ފާސް ކުރުމަށް އިދިކޮޅު މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވޯޓު ދެއްވާފައިވާއިރު، އޭނާ ފިޔަވާ ޕީޕީއެމް ޕީއެންސީގެ ޕާލަމެޓްރީ ގްރޫޕުގެ ތެރެއިން ބިލަށް ދެން ވޯޓު ދެއްވާފައި ނުވަނީ އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމްއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ރަށުގައި ނޫޅުއްވައެވެ. އިދިކޮޅު ޕީޕީއެމް ޕިއެންސީގެ ޕީޖީގައި ހިމެނޭ އެހެން ހުރިހާ މެމްބަރުން ބިލާއި ދެކޮޅަށް ވޯޓު ދީފައިވާއިރު، މަޖިލީހުގައި ތިއްބަވާ އެމްއެންޕީގެ ތިން މެމްބަރުންވެސް ވޯޓު ދެއްވާފައިވަނީ ބިލާއި ދެކޮޅަށެވެ.
މަޖިލީހުގައި ހިމެނިވަޑައިގަަންނަވާ މިނިވަން މެމްބަރުންގެ ތެރެއިން ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުލް މުހުސިން ހަމީދު ބިލް ފާސްކުރުމަށް ވޯޓު ދެއްވިއިރު، ތުލުސްދޫ ދާއިރާގެ މެމްބަރު އިބުރާހިމް ނަސީމް ވޯޓު ބިލަށް ވޯޓު ދެއްވާފައެއް ނުވެއެވެ.
ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި މިގެނައި އިސްލާހުގައި ވާގޮތުން ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑު ވެގެން ދާނެއެވެ. މިބަދަލާއެކު ޖީއެސްޓީން 970 މިލިއަން ރުފިޔާ އަދި ޓީޖީއެސްޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.