ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށްވުރެ ރައީސަށް މުހިންމީ ޕާޓީގެ މަސްލަހަތު!

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށްވުރެ ރައީސަށް މުހިންމީ ޕާޓީގެ މަސްލަހަތު!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައީސް ނަޝީދާއި ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ބޮޑުވެ މަޖިލިސް ރައީސްކަމުގެ މަޤާމުން ރައީސް ނަޝީދު ވަކި ކުރުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައެއް މެމްބަރުން އެދުނު ނަމަވެސް ނަޝީދު މަޤާމުން ވަކި ކުރުމަށް ރައީސް ޞާލިހު ދެކޮޅު ހައްދަވައިފިއެވެ.

ދައުލަތުގެ މާލީ ޙާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޤާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކުރުމަށް މިހަފްތާގެ ހޯމަ ދުވަހުން ފެށިގެން ކުރަމުންދާ މަސައްކަތަށް މަޖިލީހުގެ ރައީސް ހުރަސް އަޅުއްވާތީ އެމްޑީޕީގެ ރައީސް ޞާލިހަށް ތާއީދު ކުރައްވާ މެމްބަރުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

މިއަދު ވޯޓަށް އެހުމަށް ނިންމައި، މެމްބަރުންނަށް އެންގުމަށްފަހު ވޯޓު ގަޑީގައި މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ ޓެކްސްގެ ބިލުގެ ކޮމެޓީ ރިޕޯޓަށް ވާހަކަ ދެއްކުމަށް އިތުރު މެމްބަރުން ތިބުމާއިއެކު މިއަދުވެސް ވޯޓަށް ނާހާނެކަމަށެވެ. ވޯޓަށް އަހާނީ ވާހަކަ ދައްކަވަން އެދުނު ހުރިހާ މެމްބަރުން ބަހުސްކޮށް ނިމުންކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މިއަދުވެސް މިބިލަށް ވޯޓަށް ނޭހުމާއި ގުޅިގެން މަޖިލީހުގައި ހިމެނޭ ރައީސް ޞާލިހަށް ތާއީދުކުރާ ގިނަ މެމްބަރުން ވަނީ މަޖިލިސް ތެރޭގައިވެސް އިހުތިޖާޖްކޮށްފައެވެ. އަދި މިއިހުތިޖާޖުތަކުގައި މެމްބަރުންވަނީ މުލިއާގެއަށް ވަޑައިގެން ރައީސް ޞާލިހާއިވެސް ބައްދަލު ކުރައްވާފައެވެ.

މެންބަރުން ޖަޒުބާތުގައި ޖެހިފައިވީނަމަވެސް މިި މައްސަލައިގައި ރައީސް އަމަލުކުރައްވަނީ ވަރަށް މަޑުމައިތިރި ކަމާއި ކެތްތެރިކަމާއެކުގައި ކަމަށް ރައީސް ޞާލިހަށް ތާއީދުކުރައްވާ މަޖިލީހުގައި ހިމެނޭ އެމްޑީޕީ މެމްބަރަކު ޚަބަރު އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ރައީސްއާއެކު މި މައްސަލައައިގައި މަޝްވަރާ ކުރުމަށް މިރޭ ވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އިތުބާރު ނެތް ކަމުގެ މައްސަލައާ މެދު ވިސްނުން ބަދަލުކުރެއްވުމަށް މިރޭ ވެސް އެދިވަޑައިގަންނަވާނެ ކަމަށެވެ.

ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމަށްޓަކައި ސަރުކާރުން ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރުމަށް ފަހު ނިންމީ އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށެވެ.

އެމްޑީޕީ ތެރޭގައި ރައީސް އާދި ނަޝީދު ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ އެކު މަޖިލީހުގައި ވެސް ދެ ފެކްޝަން މަސައްކަތް ކުރަނީ ވަކިންނެވެ. ޓެކްސް ބިލު ފާސް ކުރުމަށް ހުރަސް އަޅަމުންދާ ކަމަށް މެންބަރުން ތުހުމަތު ކުރާ އިރު އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި އާމްދަނީ ހޯދަން ސަރުކާރުން ހިމަނާފައި ވަނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކޮށްގެނެވެ.

ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޤާނޫނަށް ހުށަހެޅި އިސްލާހު މުޅި މަޖިލިސް ކޮމެޓީން މިހާރުވަނީ ފާސްކޮށްފައެވެ. އެގޮތުން ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށްވަނީ ފާސްކޮށްފައެވެ. މިބަދަލާއެކު ޖީއެސްޓީން 970 މިލިއަން ރުފިޔާ އަދި ޓީޖީއެސްޓީން 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *