އަލުން ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވިއްޖެނަމަ އައްޑޫ ސިޓީ ހުޅުމީދޫ އާއި ހިތަދޫ ބުރިޖަކުން ގުޅުވާނެކަމަށް ވިދާޅުވެ އިދިކޮޅު ރިޔާސީ ކެނޑިޑޭޓު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އެމަނިކުފާނުގެ 2018ވަނަ އަހަރުގެ ވަޢުދު އަނެއްކާވެސް ތަކުރާރުކުރައްވައިފިއެވެ. 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައިވެސް ރައީސް ޔާމީން ވަނީ އައްޑޫގައި މިވަޢުުދު ވެވަޑައިގެންފައެވެ. އެހެންނަމަވެސް އެފަހަރު އެމަނިކުފާނަށް އިންތިޚާބު ކާމިޔާބެއް ނުކުރެއްވެއެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަނަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފަށްޓަވާފައިވާ ކެމްޕެއިން ދަތުރުފުޅުގައި މިހާރު ރައީސް ޔާމީން ވީ އައްޑޫސިޓީގައެވެ. އެސިޓީގެ ހުޅުމީދޫއަކީ އެސިޓީގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ މީހުން ދިރިއުޅޭ ހަމައެކަނި ރަށެވެ. އެހެންކަމުން އެރަށުގެ ރައްޔިތުންނަށް ޚިދުމަތް ދޯދުމާއި އެހެންކަންކަމުގައިވެސް ދަތިތަކާ ކުރިމަތިވެއެވެ.
ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ އެރަށާ ހިތަދުއާ ދެމެދު ބްރިޖު އަޅުއްވާނެކަމަށް ވިދާޅުވެފައެވެ. ބައެއްކަންކަމުގައި ހުޅުދުއަށް ދިމާވެފައިވާ ދަތިތައް ޙައްލުކޮށްދެއްވުމަށް މިހާރުގެ ސަރުކާރުން މަސައްކަތް ނުކުރާކަމަށް ތުހުމަތުކޮށް ޔާމީން ވަނީ ފާޑުވިދާޅުވެފައެވެ.
ހިތަދޫ ހުޅުމީދޫ ބުރިޖަކުން ގުޅުވައި ދެއްވާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވެސް ވަޢުދުވެވަޑައިގެންނެވިއެވެ. އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމެންދާއިރު އަދި އެކަމުގެ އެއްވެސް އަޕްޑޭޓެއް ނެތެވެ.
ކޮމެންޓު ފޮނުވާ