ކުށުގެ ރެކޯޑް ސާފުކޮށްދިނުން ޑީޖޭއޭ އަށް ބަދަލުކޮށްފި

ކުށުގެ ރެކޯޑް ސާފުކޮށްދިނުން ޑީޖޭއޭ އަށް ބަދަލުކޮށްފި

Author
މުޙައްމަދު ޖިމީ
21 ނޮވެމްބަރ 2020 08:57
0

ކުށުގެ ރެކޯޑް ބެލެހެއްޓުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ދަށަށް ބަދަލުކޮށްފައިވާތީ ރެކޯޑް ސާފުކޮށްދިނުންވެސް ދެން ކުރިއަށްގެންދާނީ ޑީޖޭއޭއިންކަމަށް ބުނެފިއެވެ.

ޑީޖޭއޭއިން ބުނީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ގެނައި އިޞްލާހާއި ގުޅިގެން މަރުކަޒީކޮށް ކުށުގެ ރެކޯޑް ބަލަހައްޓާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަމަށް، އެޓަރނީ ޖެނެރަލް ކަނޑައަޅުއްވާފައި މާދަމާއިން ފެށިގެން ޝަރުޢީ ދާއިރާގެ ހުރިހާ ކޯޓުތަކެއްގެ ރެކޯޑް ސާފުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ ޑީޖޭއޭއިން ކަމަށެވެ.
ރެކޯޑް ސާފުކުރެއްވުމަށް ހުށައަޅާއިރު، ރެކޯޑް ސާފުކުރާ ފޯމް (ފޯމް ފުރިހަމަ ކުރައްވާއިރު ދާއިމީއެޑްރެހަށް އައިސްފައިވާ އެންމެހާ ބަދަލުތައް ،އަދި ދަފްތަރު، ފްލެޓް ނުވަތަ ހުޅުމާލޭގެ އެޑްރެހުގައި ރަޖިސްޓްރީވެފައިވާ ފަރާތެއް ނަމަ، އެ އެޑްރެހަކަށް ބަދަލުވުމުގެ ކުރީގެ ދާއިމީއެޑްރެސް އެނގޭނެހެން ފުރިހަމަ ކުރެއްވުންއާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއަކާއި، ދިވެހި ރައްޔިތެއް ނޫންނަމަ، ޕާސްޕޯޓުގެ ސާފު ކޮޕީ އަދި ކޮމްޕެނީއެއްގެ ރެކޯޑު ސާފުކުރާނަމަ، ކޮމްޕެނީގެ ރަޖިސްޓްރީ ގެ ސާފު ކޮޕީ ފޯމުގެ ވެރިފަރާތާއި ގުޅޭނެ ފޯނު ނަންބަރު ހިމަނަންވާނެކަމަށް ޑީޖޭއޭއިން ބުނެއެވެ.

ޑީޖޭއޭއިން ބުނީ ރެކޯޑު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ފުރިހަމަކުރެއްވުމަށްފަހު ފޯމާއި އެކު މަތީގައިވާ މަޢުލޫމާތު ހިމަނައިގެން ޕީ.ޑީ.އެފް ކޮޕީ، [email protected] އަށް އީމެއިލް ކުރެއްވުމުން ރެކޯޑު ސާފުކުރެވޭނެ އިންތިޒާމް ހަމަޖެހޭނެކަމަށެވެ. އަދި ރެކޯޑު ސާފުކުރުމަށްފަހު މެއިލް މެދުވެރިކޮށް އެފަރާތަކަށް ޖަވާބު ފޮނުވޭނެކަމަށްވެސް ޑިޖޭއޭއިން ބުނެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށްގެނައި އިޞްލާހަށް ޢަމަލުކުރަން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހ އެވެ. އެ އިސްލާހުގައި ވަނީ އެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއެއް އެޓާނީ ޖެނެރަލް ކަނޑައަޅަންވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.