ޖިނާއީ ބޮޑެތި މައްސަލަތަކުގައި 3 މަސްދުވަހު ބަންދުގައި ބޭހެއްޓޭގޮތަށް އިސްލާހު ގެނެސްފި

ޖިނާއީ ބޮޑެތި މައްސަލަތަކުގައި 3 މަސްދުވަހު ބަންދުގައި ބޭހެއްޓޭގޮތަށް އިސްލާހު ގެނެސްފި

ފުލުހުން ތަހުގީގު ހިންގަމުންދާ ޖިނާއީ ބޮޑެތި މައްސަލަތަކުގައި 3 މަސްދުވަހު ބަންދުގައި ބޭތިއްބޭގޮތަށް ޖިޏާއީ އިޖުރާތުގެ ގާނޫނަށް އިސްލާހުގެނެސް އެ އިސްލާހު މަޖިލިހުގެ ތަޅުމުން ފާސް ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ މަމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި މި އިސްލާހު މަޖިލިހުން ފާސްކޮށްފައިވަނީ 56 މެމްބަރުންގެ ތާއީދާއެކުއެވެ. ކޮމިޓީ މަރުހަލާގައި ކޮމިޓީއަށް ފުލުހުންނާއި، ޕީޖީ އޮފީހާއި، ޖޭއެސްސީގެ އިތުރުން ހިއުމަންރައިޓްސް ކޮމިޝަނާއި ބައްދަލު ކޮށްވެސް މަޖިލިހުގެ ކޮމިޓީން ވަނީ ލަފާ ހޯދާގައެވެ.

މި ބިލުން ގެނެސްދޭ އެންމެ ފާހަގަ ކޮށްލެވޭ ބަދަލެއްގެ ކަމުގައި ވެގެންދަނީ ފުލުހުން ތަހުގީގުކުރާ ބޮޑެތި ޖިނާއީ މައްސަލަތަކުގައި ފުލުހުންގެ ހައްޔަރަށް ގެންދާ މީހުންގެ ބަންދާމެދު މިހާރު ގާނޫނުގެ ކަނޑައަޅާފައިވާ މުއްދަތު ދިގުކުރުމަށް ނިންމާފައިވާ ނިންމުމެވެ. ގާނޫނުގައި މިހާރު ބުނެފައިވާގޮތުން ބޮޑެތި މައްސަލަތަކުގައި މީހަކު ބަންދުގައި ބެހެއްޓޭނީ 75 ދުވަހައަށެވެ. އެހެންނަމަވެސް ގާނޫނަށް ގެނައުމަށް މަޖިލީހުން ފާސްކުރި އިސްލާހުގައި ވާގޮތުން، ޖިނާއީ ބޮޑެތި ކުށްތަކުގައި މީހަކު ބަންދުގައި ބެހެއްޓުމަށް ފުލުހުންނަށް ދެން 90 ދުވަސް ލިބިގެން ދާނެއެވެ.

އޭގެ އިތުރުން، ޖިނާއ ބޮޑެތި ކުށްތަކުގައި ފުލުހުންގެ ބެލުމުގެ ގެންދާ މީހާގެ ތަހުގީގަށް މުއްދަތު އިތުރު ކުރުމަށް ބޭނުންވާނަމަ ތަހުގީގުގެ މުއްދަތު އިތުރު 60 ދުވަހަށް އިތުރުމުގެ ފުރުސަތު ދިނުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ. މިމުއްދަތު މިހާރު އަމަލު ކުރެވެމުންދާ ގާނޫނުގައި ކަނޑައަޅާފައި އޮންނަނީ 45 ދުވަހުގެ މުއްދަތަކަށެވެ.

ޖިނާއީ އިޖުރާތުގެ ގާނޫނުގައި ވާގޮތުން ޖިނާއީ ބޮޑު ކުށުގެ ގޮތުގައި 11 ކުށެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މީހަކު މެރުމުގެ ކުށާއި، ރޭޕް ކުރުމުގެ ކުށާއި، ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށާއި، ޓަރަރިޒަމްގެ ކުށްތަކާއި، މަނީ ލޯންޑްރިންގެ ކުށާއި، ޓެރަރިޒަމަށް ފައިނޭންސް ކުރުމާއި، ޓްރެފިކް ކުރުމުގެ ކުށާއި، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށާއި، ލައްކައަކަށްވުރެ މަތީ ފައިސާގެ އަދަދު ހިމެނޭ ކުށާއި، ޓެކްސް ނުދެއްކުމާއި އަދި އޭގެ އިތުރުން ރިޝްވަތާއި ކޮރަޕްޝަންގެ ކުށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *