ކުރީގެ ރައީސް އަބުދުﷲ ޔާމިން އަބުދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކްފާނު ހައްޔަރު ކުރުމަށް އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު ތައްޔާރުކުރި މައްސަލާއާއި ގުޅިގެން އެ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާނަށް ފިޔަވަޅު އެޅުމަށް ޖޭއެސްސީން ނިންމައިފިއެވެ.
ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި، 2018ވަނަ އަހަރު، އދ. މާމިގިލީ ކޯޓުން، އެމަނިކްފާނު ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައި ވެއެވެ. އެއަށްފަހު އެމައްސަލާގައި ގާޒީ ނިހާނަށް ޓެރަރިޒަމްގެ ދައުވާކޮށް، އޭނާ ޖަލަށްވެސް ލެވުނެވެ. އެހެންނަމަވެސް ފަހުން އެހުކުމްވަނީ ހައިކޯޓުން ބާތިލް ކޮށްފައެވެ.
ޔާމިންގެ ވެރިކަމުގައި ގާޒީ ނިހާން ނެރުއްވި އަމުރުގެ މައްސަލާގައި ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އދ.މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިހާންއާ ގުޅޭގޮތުން މި ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް ތަހުގީގުކުރެވި ތައްޔާރުކުރެވުނު ރިޕޯޓް މިދިޔަ ބުދަ ދުވަހު ބޭއްވި މި ކޮމިޝަންގެ ޖަލްސާގައި ފާސްކޮށްފައި ވާކަމުގައެވެ.
އެ މައްސަލާގައި ނިންމާފައި ވަނީ، ފުލުހުންގެ ބަޔަކު އާއްމުންގެ މީހަކާއެކު އދ.މާމިގިލީ މެޖިސްޓްރޭޓް ކޯޓަށް ގޮސް ކޯޓު އަމުރެއް ހޯދުމަށް މަސައްކަތްކުރިއިރު ފުލުހުންނާއެކު ދިޔަ އާއްމުންގެ މީހާއަށް އަމުރާ ގުޅޭގޮތުން ފަނޑިޔާރާ މުއާމަލާތުކުރުމުގެ ފުރުސަތު އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިހާން ދީފައިވާކަން ސާބިތުވާކަމަށެވެ.
މި ބަޔާނުގައި ބުނެފައިވަނީ، އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިހާންގެ މި ޢަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.7 އަދި 3.1 އާ ޚިލާފަށް އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިހާން ކޮށްފައިވާ ޢަމަލެއްކަމަށްވާތީ، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 1-32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިހާންއަށް ނަޞޭޙަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް ކޮމިޝަނުން ނިންމާފައި ވާކަމުގައެވެ.