ޢަރަބިއްޔާގެ ދިފާއުގައި ނުކުތްކަމުގެ ތުހުމަތުގައި، ޕްރިންސިޕަލް ވަކިކޮށްފި

ޢަރަބިއްޔާގެ ދިފާއުގައި ނުކުތްކަމުގެ ތުހުމަތުގައި، ޕްރިންސިޕަލް ވަކިކޮށްފި

Author
ޢަލީ އާދަމް
06 ނޮވެމްބަރ 2022 08:26
0

ޢަރަބި އިސްލާމީ ތަޢުލީމު ދިނުމަށް ރާއްޖޭގައި މިވަގުތު ހިންގާ ހަމައެކަނި ސްކޫލް އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއާމެދު ސަރުކާރުން ޢަމަލުކުރާ ގޮތާ ދެކޮޅަށް "ސޭވް ޢަރަބިއްޔާ"ގެ ނަމުގައި ހިންގާ ޙަރަކާތުގައި ބައިވެރިވާކަމުގެ ތުހުމަތުގައި ޢަރަބިއްޔާގެ ޕްރިންސިޕަލް މުޙައްމަދު ޝުޖާޢު މަޤާމުން ވަކިކޮށްފިއެވެ.

ޝުޖާޢު މިހާރުވަނީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)އަށް ބަދަލުކޮށްފައެވެ. ބައެއް މީޑިއާތަކަށް އެޑިއުކެޝަން މިނިސްޓްރީން ވަނީ މިކަން ޔަޤީންކޮށްދެއްވާފައެވެ.

ޕްރިންސިޕަލް ސުޖާޢު ވަކިކުރިކަން ޢަރަބިއްޔާ ސްކޫލަށް ކުރިމަތިވެފައިވާ ދަތިތަކާއި ސަރުކާރުން އެކަން ޙައްލުކުމުރުގައި އިހުމާލުވާކަމަށް ވާހަކަދެކެވޭ ކަންކަން ޙައްލުކުރުމަށް މަސައްކަތްކުރަން ޢަރަބިއްޔާގެ ބެލެނިވެރިންނާއި އިސްދަރިވަރުންނާއި ހެޔޮ އެދޭ ފަރާތްތަކުން އުފައްދާފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ސޭވް އަރަބިއްޔާ"އިން ކުރި ޓްވީޓެއްގައެވެ. ޝުޖާއު މަގާމުން ވަކިކުރީ "ސޭވް އަރަބިއްޔާ" ކެމްޕެއިން ހުއްޓުވުމަށް އޭނާ މަސައްކަތް ނުކުރައްވާތީ އާއި ބެލެނިވެރިންނާ އެކު އޭނާ އެކަމުގައި ބައިވެރިވާތީކަމަށް "ސޭވް ޢަރަބިއްޔާ"އިން ބުނެއެވެ.

މިކަމުގައި ސުޖާޢު މިހާތަނަށް މީޑިއާއަށް ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ސުޖާޢަކީވެސް ޢަރަބިއްޔާގެ އިސް ދަރިވަރެކެވެ. ޝުޖާއު މަގާމުން ވަކި ކުރުމާ ގުޅޭގޮތުން ބައެއް މީޑިއާއަކުން ސުވާލުކުރުމުން އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވަނީ ޝުޖާޢު އަދި މަގާމުން ވަކި ނުކުރާކަމަށާއި އެކަމަކު ދެން އޭނާ މަސައްކަތަށް ނުކުންނަވާނީ އެންއައިއީ އަށް ކަމަށެވެ.

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއަކީ 1987ވަނަ އަހަރު ރައީސް މައުމޫނުގެ ވެރިކަމުގައި، ޢަރަބި އިސްލާމީ ތަޢުލީމަށް ޚާއްސަކޮށްގެން އުފެއްދެވި ސްކޫލެކެވެ.އެމްޑީޕީގެ ފުރަތަމަ ވެރިކަމާ ހަމައަށް އެސްކޫލް ހިންގީ މަޖީދީ މަގު މިހާރު މާލެ، ޢަރަބިއްޔާ ފްލެޓުތައް ހުރި ބިމުގައެވެ. ނަޝީދުގެ ވެރިކަމުގައި އެސްކޫލް ތަޅާލައި އެތަނުގައި ފްލެޓު އަޅަން ފެށިއެވެ. އެއާއެކު ވަގުތީގޮތުން ވަރަށް ދަތި ޙާލުގައި އަރަބިއްޔާ ހިންގީ ކުރީގެ އެމްއީއެސް ޢިމާރާތުގެ ބައެއްގައެވެ. ނަޝީދުގެ ވެރިކަމުގައި ޢަރަބިއްޔާއަށް އައު ޢިމާރާތެއް އެޅީ އަމީނިއްޔާ ސްކޫލް ކުރިމަތީ އޮންނަ ބިމުގައެވެ. އެއީ މަޖީދީމަގު އަރަބިއްޔާ އަސްލު ހުރި ބިމަށްވުރެ މާކުޑަ ބިމެކެވެ. 2011ވަނަ އަހަރު ހެދި އެ އައު ޢިމާރާތަށް މާގިނަ ދުވަސް ނުވެ ހަލާކުވެ ބޮލަށްވެއްޓެން ފެށުމުން މިސަރުކާރުގައި އެތަނުން އަރަބިއްޔާގެ ދަރިވަރުން ބަދަލުކުރީ އެމްޓީސީސީ ސޯމިލް ހިންގިތަނުގައި ކުރިން ފޮރިންމިނިސްޓްރީ ހިންގަން ހެދި ވަގުތީ އިމާރާތަށެވެ.

ބެލެނިވެރިންގެ ކަންބޮޑުވުމާއެކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ބާޖަމާލުއްދީންގެ ބިން ޢަރަބިއްޔާއަށް ދެއްވާނެކަމަށެވެ. އަދި އެތަނުގައި ޢަރަބިއްޔާގެ އައު ޢިމާރާތް އަޅާނެކަމަށެވެ. އެހެންނަމަވެސް ފަހުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެބިމުން ބައެއްގައި ޖަމާލުއްދީން ސްކޫލްގެ އެނެކްސް ބިލްޑިންގއެއް އަޅާނެކަމަށް ވިދާޅުވެ އެކަން ބަޔަކާ ޙަވާލުވެސް ކޮށްފައެވެ.

މިއާއެކު އަނެއްކާވެސް ޢަރަބިއްޔާގެ ބެލެނިވެރިން "ސޭވް އަރަބިއްޔާ"އާއެކު ކަންބޮޑުވުން ފާޅުކުރަން ފެށިއެވެ. އެޙަރަކާތުން އަދިވެސް އަންނަނީ ޢަރަބިއްޔާއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.