ލަދުހަޔާތުގެ ކަންފުޅެއް ހުރިއްޔާވެސް އެމްޑީޕީން ޑިމޮކްރަސީގެ ވާހަކަ ނުދައްކާނެކަމުގައި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ދާއިރާތަކުގެ އިންތިޚާބު ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ހެންވޭރު ދަނޑަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޑިމޮކްރަސީގެ އުސޫލުން ކަންކަން ކުރާ ވާހަކަ ދައްކަން އެމްޑީޕީން ލަދު ގަންނަންޖެހޭކަމަށެވެ. އެމްޑީޕީން ވަނީ މުޅި ރާއްޖެ ވިއްކާލާފައި ކަމަށާއި، މިނިވަންކަމާއި ސިޔާސަދަތު ނެގެހެއްޓުމަށް އޮތް ހަމައެކަނި މަގަކީ ޕީޕީއެމްއަށް ވެރިކަން ލިބުންކަމަށް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީން ބޭއްވި އިންތިޚާބު ތަކުގައި ކަންކަން ހިނގާފައިވާ ގޮތް ރައްޔިތުންނަށް ސާފުކަމަށެވެ. އިންތިޚާބު ތަކުގައި ޓައްޕު ޓައްޕަަށް ވޯޓުލައިގެން އިންތިޚާބު ކުރި މީހުން ތިބި ޕާޓީއަކުން ޑިމޮކްރަސީގެ ވާހަކަ ނުދައްކައި، މިފަދަ އިންތިޚާބުތަކުން ނަމޫނާ ލިބިގަތުމަށް ޔާމީން ވަނީ ގޮވާލާފައެވެ.
އަޅުގަނޑުމެން ވޯޓު ކަރުދާސް، ގަޓާ މެޝިނަކު، ޓައްޕުތަކަކު ނޫނީ އުވަގަށާ މެޝިނަކު ނޫނެއްނޫންތޯ މިހުރީ. ދެން އެމްޑީޕީ ޑިމޮކްރަސީގެ ވާހަކަ ނުދެއްކިއްޔާ މާރަނގަޅު. މުޅި ރާއްޖެ ވިއްކާލާފައެއްނު މިއޮތީ. ލަދު ހަޔާތުގެ ކަންފުޅެއްވެސް ހުރިއްޔާ އެކަހަލަ ވާހަކަ ނުދައްކާ ގޭގަ މިއަދު ތިބެންވާނީ.
– ރައީސް ޔާމީން ވިދާޅުވިއެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ދާއިރާތަކުގެ އިންތިޚާބަކީ ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކުރިން ބާއްވާ އެންމެ މުހިންމު އިންތިޚާބު ކަމަށް ޔާމީން ވިދާޅުވިއެވެ. މިއިންތިޚާބަކީ ރާއްޖޭގެ މިނިވަންކަން ނެގެހެއްޓުމަށް ޤައުމުގެ ޒިންމާއާއި ހަވާލުވުމަށް ބާއްވާ އިންތިޚާބަށް ތައްޔާރުވުމަށް ބާއްވާ އެންމެ މުހިންމު އިންތިޚާބު ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.
2023 ވަނަ އަހަރު އިންތިޚާބުގެ ކުރިން އޮންނަ މުހިންމު އިންތިޚާބު. އިންތިޚާބު ކުރެވޭ ބޭފުޅުންނަކީ ދާއިރާގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވޭ ފަރާތްތައް. މިއީ 2023 ގެ އިންތިޚާބަކީ މިނިވަން ސިޔާދަތީ ބާރުގައި ބޭއްވުމަށް ކުރެވޭ އެންމެ މުހިންމު މަސައްކަތް.
– ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މިއިންތިޚާބުގައި އެތެރޭގެ އިންތިޒާމުތައް ވަރަށް ރަނގަޅުކަމަށެވެ. ކެނޑިޑޭޓުންގެ ޝައުގު ވެރިކަން ފެނިގެންދާއިރު، ވޯޓުލާން ގިނަ ބަޔަކު މަރުކަޒުތަކަށް އައުމަކީ ލިބޭ ބޮޑު ހިންހަމަޖެހުމެއް ކަމަށެވެ. އަދި މިއީ ވަރަށް ޑީމޮކްރަޓިކްކޮށް ހިނގާ އިންތިޚާބެއް ކަމަށާއި، މިއަދުގެ އިންތިޚާބަށްފަހު ކެނޑިޑޭޓުންގެ ތެރެއިން ކޮންމެ މީހަކު އިންތިޚާބު ވިނަމަވެސް އެމީހަކާއިއެކު އަދު ޕާޓީއާއި ދެމިތިބުމަށް އެންމެ މެމްބަރުންނަށް ޔާމީން ވަނީ އިލްތިމާސް ކުރައްވާފައެވެ.
Progressive Congress Coalition ge dhaairaa inthikhaabuge votelun feshigen kuriah dhany #RY2023 pic.twitter.com/mee7WhO5mU
— Progressive Party of Maldives (@ProgressPartyMV) November 5, 2022
ރައީސް ޔާމީން ވިދާޅުވީ އިންތިޚާބު ނިމިގެންދާއިރު ސުލްހަޔަށް ބުރޫއަރާ، ޕާޓީގެ ފިކުރަށް ބުރޫއަރާ އެއްވެސް ކަމެއް ނުވުމަކީ އެންމެ އިސް ކަމަށް ވާންޖެހޭކަމަށެވެ. ވަރަށް ވަރުގަދައަށް އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރާތަން ފެނިގެންދާކަމަށާއި، ހޮވޭ ކެނޑިޑޭޓުން ހަވާލުވަނީ ވަރަށް ވަރުގަދަ މަސްއޫލިއްޔަތަކާއި ކަން ހަނދާން ކޮށްދެއްވަމުން ޔާމީން ވިދާޅުވީ ހަވާލުވަނީ އިންޑިޔާ ބަލިކުރަން ބާއްވާ އިންތިޚާބު ކާމިޔާބު ކުރުމަށްް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ މިއިންތިޚާބުގައި ތާއީދުކުރާ ކެނޑިޑޭޓެއް ނުހުންނާނެ ކަމަށެވެ. ޕާޓީގެ ރައީސް އަބަދުވެސް ވަކާލާތު ކުރާނީ ޕާޓީގެ އަސާސީ ގަވާއިދާއި އެއްގޮތަށް ކަމަށާއި، ވަކި ކެނޑިޑޭޓަކު ހޮވުމަށް ޕާޓީގެ ރައީސްވެސް އަދި ލީޑަރޝިޕުންވެސް މަސައްކަތް ނުކުރާނެކަމަށް ޔާމީން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ