ޕްރޮގްރެސިވް ކޯލިޝަންގެ ވާދަވެރި ދާއިރާ އިންތިޚާބު ހޮނިހިރު ދުވަހު

ޕްރޮގްރެސިވް ކޯލިޝަންގެ ވާދަވެރި ދާއިރާ އިންތިޚާބު ހޮނިހިރު ދުވަހު

Author
މުޙައްމަދު ޝަޒައިމް
03 ނޮވެމްބަރ 2022 09:02
0

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވާދަވެރި ދާއިރާ އިންތިޚާބު ހޮނިހިރު ދުވަހު އޮންނާނެކަމަށް އެޕާޓީން ބުނެފިއެވެ.

ދާއިރާ އިންތިޚާބުގައި ވޯޓު ނަގަން ޖެހޭ ދާއިރާތަކާއި ރަށްރަށުގެ ވޯޓު ނެގުން ކުރިއަށް ގެންދާނީ ހޮނިހިރު ދުވަހު ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ. ހަވީރު 4:00 އާއި ހަމައަށް ވޯޓު ލުމަށް ކިއޫ އާއި ގުޅޭ މެންބަރުންނަށް ވޯޓު ލުމުގެ ފުރުޞަތު ދެވޭނެކަމަށް އެކޯލިޝަނުން ބުނެފައިވެއެވެ. އެހެންނަމަވެސް އޭގެ ފަހުން އިތުރު އެއްވެސް ފަރާތަކަށް ކިއޫ އާއި ގުޅުމުގެ ފުރުޞަތު ނުދެވޭނެ ކަމަށެވެ.

މީގެ އިތުރުން މި އިންތިޚާބުގައި ވޯޓު ދެވޭނީ އެކޯލިޝަންގެ ފަރާތުން އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޙަވާލުކޮށްފައިވާ ކޮމިޓީން ވޯޓު ނަގާ މަރުކަޒުތަކަށް ފޮނުވާފައިވާ ވޯޓާރސް ލިސްޓުގައި ނަން އޮތް ފަރާތްތަކަށް އެކަނި ކަމުގައިވެސް ވަނީ ބުނެފައެވެ. އަދި ވޯޓު ލާން އަންނަ މީހާ އަކީ ކާކުކަން އަންގައިދިނުމަށް ގެންނަ ރަސްމީ ލިޔުމުގެ މުއްދަތު ހަމަވެފައިވީނަމަވެސް ވޯޓު ލުމުގެ ފުރުޞަތު ދެވޭނެކަމަށް އެކޯލިޝަނުން ވަނީ ބުނެފައެވެ.

ރަށްރަށުގެ ވޯޓު ލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަނުގެ މަޢުލޫމާތު މެންބަރުންނަށް ފޯރުކޮށްދޭނީ އެރަށެއްގެ ސްޓިއަރިން ކޮމިޓީންނެވެ. ހުޅުމާލެ އަދި ވިލިމާލެ ދާއިރާ ފިޔަވައި މާލޭގެ ދާއިރާ ތަކާއި، ރަށްރަށުގެ މީހުން މާލޭގައި ވޯޓުލުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ހެންވެއިރު ދަނޑުގައެވެ. ވިލިމާލޭ ވޯޓު ފޮށި ހުންނާނީ ވިލިމާލޭ ޔޫތު ސެންޓަރު އަދި ހުޅުމާލޭ ވޯޓު ފޮށި ހުންނާނީ ހުޅުމާލެ ސިންތެޓިކް ޓްރެކް ވީއައިޕީ ހޯލްގައެވެ.

މިއިންތިޚާބަކީ އެޕާޓީގެ ދާއިރާތަކާއި ގޮފިތައް އިތުރަށް ހަރުދަނާކޮށް، ހަރަކާތްތައް އިތުރަށް ފުޅާކުރުމަށްޓަކައި މަޤާމުތަކަށް މީހުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބެކެވެ. މިއިންތިޚާބުގެ ކެމްޕެއިން ކުރިއަށް ގޮސްފައިވަނީ ވަރަށް ވާދަވެރިކޮށެވެ. އެހެންކަމުން މިއިންތިޚާބަކީ އެޕާޓީގެ އެތެރޭގެ ވާދަވެރިކަން ބޮޑު އިންތިޚާބަކަށް ވެގެންދާނެކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.