އެމްއެންޕީ ދެން މަސައްކަތް ކުރާނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައިކަމަށް ޕާޓީގެ ގައުމީ ކައުންސިލްއިން ނިންމައިފި

އެމްއެންޕީ ދެން މަސައްކަތް ކުރާނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައިކަމަށް ޕާޓީގެ ގައުމީ ކައުންސިލްއިން ނިންމައިފި

Author
ހުސެއިން
03 ނޮވެމްބަރ 2022 08:43
0

ދަނގެތީގެ ދާއިރާގެ މެމްބަރު ކާނަލް ނާޒިމް އިސްވެ ހުންނަވާ ހިންގަވާ އެމްއެންޕީ ދެން މަސައްކަތް ކުރާނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައިކަމަށް އެޕާޓީގެ ގައުމީ ކައުންސިލްއިން ނިންމައިފިއެވެ.

އެމްއެންޕީގެ ތަރުޖަމާން ޝިދާ ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިއަދުން ފެށިގެން އެމްއެންޕީ މަސައްކަތް ކުރާނީ ސަރުކާރުގެ ޒިންމާދާރުކުރުވާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައިކަން ރޭއް ބެއްވުނު އެޕާޓީެ ޤައުމީ ހިންގާ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ނިންމާފައި ވާކަމުގައެވެ.

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެމްއެންޕީގެ ކައުންސިލްއިން ނިންމާފައިވާއިރު އެޕާޓީ ފާހަގަވެގެން ގޮސްފައިވަނީ ފެށުނީއްސުވެސް ރައީސް އިބުރާހިމް މުހައްމަދު ސާލުހުގެ ސަރުކާރުގެ ގިނަ ސިޔާސަތުތަކަށް ފާޑުކިޔަމުންދާ ޕާޓީއެއްގެ ގޮތުގައެވެ. އަދި ފަހަކަށްއައިސް، ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހޫނުވެފައިވާ ޗާގޮސްގެ މައްސަލާގައި އެޕާޓީންދަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެޕާޓީންވަނީ ޗާގޮސްގެ މައްސަލާގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށްގެން ހޯދުމަށްވެސް ސަރުކާރަށް ގޮވާލާފައެވެ.

ރޭ ބޭއްވުނު އެމްއެންޕީގެ ކައުންސިލް ބައްދަލުވުމުގައި ނިންމުނު އެންމެ މުހިންމު ނިންމުމަކީވެސް ސިޔާސީ މައިދާނުގައި ޕާޓީގެ ސްޓޭންޑް ކަނޑައެޅުމެވެ. އެގޮތުން ޕާޓީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް އެމްއެންޕީން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި، އަދި ސަރުކާރު ޒިންމާދާރުކުރުވާ ޕާޓީގެއެއްގެ ގޮތުގައި އޮތުމަށް ހުށަހެޅުމުން، އެހުށަހެޅުމަށް ތާޢީދުކުރެއްވީ ޕާޓީގެ ނާއިބު ރައީސް ޙުސައިން އިސްމާޢީލެވެ.

މިހުށަހެޅުމަށް ކުރެވުނު ބަހުސްގައި ގިނަ މެންބަރުން ފާހަގަކުރެއްވީ ރައްޔިތުންނަށް މަންފާހުރި ކަންކަމަށް ސަރުކާރުން އެންމެ އެކަށީގެންވާ އިޖާބަ ނުދޭކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީ ނުވާ ކަމުގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތްތަކަށް އެއްބާރުލުންވެސް ނުލިބޭކަމުގައެވެ.

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ހުށަހެޅި ހުށަހެޅުން ފާސްކޮށްފައިވަނީ ކައުންސިލް ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.