ކާބުލްއަށް މިއަދު ދިން ރޮކެޓް ހަމަލާތަކުގައި އަނިޔާވި މީހަކަށް އާންމުންގެ މީހުން އެހީ ވަނީ

އަފްއާނިސްތާންގެ ކާބުލްއަށް 23 ރޮކެޓް ހަމަލާއެއް ދީފި

އަފްއާނިސްތާންގެ ކާބުލްއަށް 23 ރޮކެޓް ހަމަލާއެއް ދީފި

އަފްއާނިސްތާނުގެ ވެރިރަށް ކާބުލްގެ ގްރީންޒޯންގެ ސަރަހައްދަށް މިއަދު 23 ރޮކެޓް ހަލައެއް އަމާޒު ކޮށްފިއެވެ. ކާބުލްގެ ގްރީން ޒޯންއަކީ ބޭރު ގައުމުތަކުގެ އެމްބަސީތަކާއި، އަދި ބޭރު ގައުމުތަކަށް ނިސްބަތްވާ އެތަކެއް ކުންފުނިތަކެއް ހިމެނޭގޮތުން ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަ ކޮށްފައި އޮންނަ ސަރަހައްދެކެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، މިސަރައްހައްދަށް ދީފައިވާ މިހަމަލާތަކުގައި އާންމުންގެ 8 މީހަކު މަރުވެފައިވާކަން މިހާރުވަނީ ޔަގީން ކުރެވިފައެވެ.

މިހަމަލާތަކުގެ ޒިންމާ މިހާތަނަށް އައިއިރު އަދި އެއްވެސް ބަޔަކު އުފުލާފައި ނުވާއިރު، ތާލިބާނުންވަނީ މިހަމަލާގައި އެއްވެސް ބައިވެރިވުމެއް ނުވާކަން ހާމަކޮށްފައެވެ.

އަފްއާނިސްތާނުގެ އިންޓީރިއަރ މިނިސްޓްރީގެ ތަރުޖަމާން ތާރިގް އަރިއަން ވިދާޅުވި ގޮތުގައި، "ޓެރަރިސްޓުން" 23 ރޮކެޓް ހަމަލައެއް ގްރީން ޒޯނަށް އަމާޒު ކޮށްފައިވަނީ، ރޮކްޓްތައް ޓްރަކެއްގައި ހަރުކޮށްފައި ބަހައްޓައިގެން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ޓްރަކަށް، އެއްވެސް ދިމާލަކުން ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކަށް ނޭގި ވެރިރަށް ކާބުލްއަށް ވަދެވުނު ގޮތެއް ހޯދުމަށް މިހާރު ޚާއްސަ ތަހުގީގެއް ދަނީ ފެށިގެން ކުރިޔަށެވެ.

"މިހާތަނަށް ލިބެން ހުރި މައުލޫމާތުތަކުން އެގޭ ގޮތުގައި މިހަމަލާގައި 8 މީހަކު ވަނީ ޝަހީދުވެފަ. އަދި 31 މީހަކަށް ވަނީ އަނިޔާވެފަ." އަރިއަން ވިދާޅުވިއެވެ. އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި މިއަދަދުތައް އިތުރަށް މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ކާބުލްގެ ފުލުހުންގެ ތަރުޖަމާނުވެސް ވަނީ މަރުވިމީހުންނާއި އަނިޔާވި މީހުންގެ އަދަދު ކަށަވަރު ކޮށްދެއްވާފައެވެ.

ކާބުލްގެ ބައެއް ރައްޔިތުންވަނީ މި ރޮކެޓްތައް ޓްރަކުން އުދުއްސާލާ މަންޒަރުތައް ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ޝެއަރކޮށްފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން، ރޮކެޓް ހަމަލާތަކުގެ ސަބަބުން ހަލާކުވެފައިވާ ކާރުތަކާއި އަދި ގެއްލުންވެފައިވާ އިމާރާތްތަކެއް ފެނެއެވެ.

މިއަދުގެ ރޮކެޓް ހަމަލާ އަމާޒުވި އެއްގަމު އުޅަދެއްގެ ކައިރީގައި ފުލުހުން ފޯރިމަރަނީ

ކާބުލްގައި މިހާރު އޮތް، ބައިނަލް އަގުވާމީ ފަރާތްތަކުން ތާޢީދު ކުރާ ސަރުކާރާ ދެކޮޅަށް ހަގުރާމަ ކުރާ ތާލިބާލްގެ ހަގުރާމަވެރިން ބުނެފައިވާ ގޮތުގައި އެ ޖަމާއަތުގެ ހަގުރާމަވެރިން އެއްވެސް ބެލުމެއްނެތި އާންމުންނަށް ހަމަލައެއް ނުދޭނެއެވެ.

"ކާބުލްއަށް މިއަދު ދީފައިވާ ހަމަލާތަކުގައި އިސްލާމިކް އެމިރޭޓްގެ މުޖާހިދުންގެ އެއްވެސް ދައުރެއް ނެތް،" ތާލިބާންގެ ތަރުޖަމާން، ޒަބިހުﷲ މުޖާހިދު ވިދާޅުވިއެވެ.

މިހަލާތައް ދޭން ފެށުމާއެކު، އެމްބަސީތައް ހިމެނޭ ކޮމްޕައުންޑުން އެމަޖެންސީ ސައިރެންގެ އަޑު ވަނީ އިވެން ފަށާފައެވެ. މިހަމަލާތައް ގްރީން ޒޯނަށް އަމާޒުވެފައި މިވަނީ، ނިއުޒިލޭންޑްގެ ޖެނީވާގައި، އަފްއާނިސްތާނަށް އެހީ ވުމަށްޓަކާ ބޭއްވުމަށް ހަަމަޖެހިފައިވާ ޑޯނަރ ކޮންފަރެންސް ފެށެން 2 ދުވަހަށް ވެފައިވަނިކޮށެވެ.

އަފްއާނިސްތާން ސަރުކާރާ ތާލިބާންއާ ދެމެދު ކުރިޔަށް ދިޔަ ސުލްހައިގެ ވާހަކަތައް ހުއްޓުމަކަށް އައިފަހުން ތަލިބާނުންނާއި އަދި އެނޫން ހަގުރާމަވެރި ޖަމާއަތްތަކުން ސަލާމަތީ ފަރާތްތަކާ ދެކޮޅަށް ދެމުން އަންނަ ހަމަލާތައް ކާބުލްގައި ވަނީ އިތުރު ވެފައެވެ. ވެރިރަށް ކާބުލްއަކީ 5 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ސިޓީއެކެވެ.

އަފްއާނިސްތާންގެ އޮފިޝަލުން އޭއެފްޕީއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ތާލިބާން އާއި އަފްއާން ސަރުކާރާ ދެމެދު ކުރިޔަށްދާ ވާހަކަތަކުގައި ކުރިޔަށް ހުރި ކަންކަމާ ގުޅޭގޮތުން އެއްބަސްވުމަކަށް އާދެވިފައިވާކަން ކުރިޔަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އިއުލާން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ހޮނިހިރު ދުވަހު، އަފްއާނިސްތާނާއި އަދި ތާލިބާންގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާ މަންދޫބުންނާއި ގަތަރުގައި ބައްދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *