އަރުޝަދު ހައްޔަރުކޮށްގެން ހާޒިރުކުރަން ހައިކޯޓުން ނެރުނު އަމުރު ބާތިލް: ސްޕްރީމް ކޯޓު

އަރުޝަދު ހައްޔަރުކޮށްގެން ހާޒިރުކުރަން ހައިކޯޓުން ނެރުނު އަމުރު ބާތިލް: ސްޕްރީމް ކޯޓު

Author
މުޙައްމަދު ޝަޒައިމް
30 އޮކްޓޯބަރ 2022 01:39
0

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ކުރާކަމަށް ތުހުމަތުކުރާ ގދ.ހޯޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު ހައްޔަރުކޮށްގެން ހައިކޯޓަށް ހާޒިރުކުރަން ނެރުނު އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެއްގޮތައް ނެރެފައި އޮތް އަމުރެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކޯޓު ޢަމުރެއްގެ ދަށުން އަރުޝަދު ޚާލިދު ހައްޔަރުކޮށްފައިވަނީ މިދޔަ ހަފްތާގެ އަންގާރަދުވަހުގެ ރެއެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އޭނާ ވަނީ ބަންދުން ދޫކޮށްލާފައެވެ.

އަރުޝަދު ހައްޔަރުކޮށްގެން ހައިކޯޓަށް ހާޒިރު ކުރަން ހައިކޯޓުން ނެރުނު އަމުރާއި ގުޅިގެން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި ސްޕްރީމް ކޯޓުން ހުކުމް ކުރީ އަރުޝަދުގެ މައްސަލައެއް ހައިކޯޓުގައި އޮތް ނަމަވެސް އަދި އޭނާ އާއި ލިޔުންތަކެއް ހަވާލުކުރަން ހައިކޯޓުން މަސައްކަތް ކުރިނަމަވެސް އޭނާ ހައިކޯޓަށް ހާޒިރުވާން އަންގައި އަމުރެއް ނެރެފައި ނެތް ކަމަށެވެ.

އަދި އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ކޮށްފައިވާ އަމުރަކީ ޖިނާއީ އިޖުރާއަތު ޤާނޫނާއި ޚިލާފަށް ކޮށްފައިވާ އަމުރެއްކަމަށެވެ. ޝަރީއަތް ކުރުމުގެ ގަވާއިދުގައި ކޯޓަށް ހާޒިރު ކުރަންޖެހޭ ވަގުތާއި ގަޑިވެސް އަމުގައި ބަޔާންކުރަން ޖެހޭއިރު މިއިން އެއްވެސް ކަމެއް ނެތްކަމަށް މިމައްސަލަ ސްޕްރީމް ކޯޓުން ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ހުކުމުގައި ބުނެފައިވެއެވެ.

އަދި ކޯޓުން އަމުރު ނެރޭއިރު، ނިންމާ ނިންމުމަކީ އޮނަހިރި އަދަދެއްގެ ފަނޑިޔާރުންގެ ނިންމެއްކަން ބަޔާންކޮށްފައިވާއިރު، މިމައްސަލާގައި އަމުރު ނެރެފައިވަނީ އެންމެ ފަނޑިޔާރެއްގެ ނިންމުމެއްގެ މައްޗަށް ކަމަށް ސްޕްރީމްކޯޓުން ވަނީ ބުނެފައެވެ.

ކޯޓަށް މީހަކު ހާޒިރު ކުރުމަށް ހައްޔަރު ކުރުމުގެ އަމުރެއް ނެރެން ޖެހޭނީ އެމީހަކު އަމުރާއި ހަވާލުވުމަށްފަހު ކޯޓަށް ހާޒިރުނުވެއްޖެ ކަމަށާއި، ނުވަތަ އަމުރު ހަވާލު ކުރަން މަސައްކަތްކޮށް އަމުރާއި ހަވާލުނުވެއްޖެ ކަމަށް ޤާނޫނުން އެނގެން އެބައޮތް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެއެވެ.

އެހެންކަމުން ހައިކޯޓުން އަރުޝަދު ހައްޔަރު ކުރަން ނެރުނު އަމުރަކީ ބާތިލް އަމުރެއް ކަމަށް މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އެލަސަން
މިކަންކަމަށް ކުރީގެ ކާބަފައިން ހަރުބަހެއް ދީފައި އޮވޭ ހަމަ ނަކަހޭތިތަޅަނީ! ހައްޔަރުކުރަނީ ހަމައެދުވަހު ދޫކޮށްލަނީ!