ޗެމްޕިއަންސްލީގުން ޔުވެންޓަސް ކަޓައިފި

ޗެމްޕިއަންސްލީގުން ޔުވެންޓަސް ކަޓައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުން އިޓަލީގެ ޔުވެންޓަސް އަށް ޖާގަ ގެއްލިއްޖެއެވެ.

ޔުވެންޓަސް އަށް ޖާގަ ގެއްލުނީ ގުރޫޕް އެޗް ގައި ޕޯޗުގަލްގެ ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗުން 3-2 އިން ބަލިވެގެންނެވެ. ބެންފީކާއިން މެޗުގައި ލީޑު ނެގީ 17 ވަނަ މިނިޓުގައި އެންޓޯނިއޯ ސިލްވާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭގެ ހަތަރު މިނިޓު ފަހުން މޮއިސް ކީން ލަނޑެއް ޖަހައި ޔުވެންޓަސް އަށް ނަތީޖާ އެއްވަރު ކޮށްދިން ނަމަވެސް ހުއާން ކުއަޑްރާޑޯ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއަކުން 28 ވަނަ މިނިޓުގައި ބެންފީކާ އަށް އަލުން ލީޑު ނަގައިދިނީ ޔާއޯ މާރިއޯ އެވެ. އަދި 35 ވަނަ މިނިޓުގައި އެޓީމުގެ ތިން ވަނަ ލަނޑު ޖެހީ ރަފާ ސިލްވާއެވެ.

މި މެޗްގައި ޔުވެންޓަސްގެ ދެވަނަ ލަނޑު މެޗްގެ 77 ވަނަ މިނެޓްގައި ޖަހާދިނީ އާކަޑިއަސް މިލިކް އެވެ. އަދި ޔުވެންޓަސްގެ ތިންވަނަ ލަނޑު މެޗްގެ 79 ވަނަ މިނެޓްގައި ޖަހާދިނީ ވެސްޓަން މެކެނީއެވެ. މި ލަނޑާއެކު މެޗްގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ ޔުވެންޓަސް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.

މި ކާމިޔާބީއާއެކު ބެންފީކާއަށް މިވަނީ ކުޅުނު ފަސް މެޗުން 11 ޕޮއިންޓް ލިބި ދެވަނަ ބުރު ކަށަވަރުވެފައެވެ. އަދި މިހާތަނަށް ގްރޫޕްގެ އެއްވެސް މެޗަކުން ބެންފީކާ ބަލިވެފައެއް ނުވެއެވެ. އަދި ޔުވެންޓަސް މިވަނީ ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެ ލިބިފައިވަނީ ތިން ޕޮއިންޓެވެ.

ޗެމްޕިއަންސް ލީގުން ކެޓުމުން ޔުވެންޓަސްގެ ކޯޗަކަށް ހުރި މެސިމޯ އަލެގްރީ އަށް އޮތް ޕްރެޝަރު ބޮޑުވެފައިވާއިރު، އޭނާ ބުނީ މި ވަގުތަށް ދެން ކުރެެވެން އޮތް ހަމައެކަނި ކަމަކީ ދެން ކުޅޭ މެޗުން މޮޅުވެ، ޔޫރޮޕާ ލީގުގެ ޖާގައެއް ޔަގީންކުރުން ކަމަށެވެ. މިއީ 2013 ވަނަ އަހަރަށް ފަހު ޔުވެންޓަސް އަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ނުދެވުނު ފުރަތަމަ ފަހަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *