މާލޭގެ މޭޔަރަކަށް ހޮވޭ މީހަކު ގުޅީފަޅާއި ފުށިދިއްގަރު ފަޅުން ގޯތި ހޯދައިދޭން މަސައްކަތްކުރަންޖެހޭ: މުޢިއްޒު

މާލޭގެ މޭޔަރަކަށް ހޮވޭ މީހަކު ގުޅީފަޅާއި ފުށިދިއްގަރު ފަޅުން ގޯތި ހޯދައިދޭން މަސައްކަތްކުރަންޖެހޭ: މުޢިއްޒު

Author
މުޙައްމަދު ޖިމީ
20 ނޮވެމްބަރ 2020 03:53
0

މާލޭގެ މޭޔަރުކަމަށް ހޮވޭ މީހެއްގެ އެންމެ ބޮޑު ޒިންމާއަކަށްވާނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހޯދައިދިނުމަށް އެންމެ އިސްކަމެއްދީގެން މަސައްކަތްކުރުންކަމަށް މާލެސިޓިގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރުގެ މާރިޗް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅުން ވާދަކުރައްވަނީ މުޢިއްޒުއެވެ. މުޢިއްޒު ގެންދަވަނީ މޭޔަރުކަމަށް އިންތިޚާބުވެވަޑައިގެންފިނަމަ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އިޖްތިމާޢީ މައްސަލަތަކަށް ޙައްލު ހޯއްދަވާދެއްވާނެކަމަށް ވިދާޅުވަމުންނެވެ.

އެގޮތުން މިއަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލޭގެ މޭޔަރުކަމަށް ހޮވޭ މީހެއްގެ އެންމެ ބޮޑު ޒިންމާއަކަށް ވާންޖެހޭނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އެންމެ އިސްކަމެއްދީގެން މަސައްކަތްކުރުންކަމަށާއި، ގުޅީފަޅާއި ފުށިދިއްގަރު ފަޅަކީ މާލޭގެ ރައްޔިތުންނަށް ފްލެޓް ދޭން ޚާއްޞަ މަންޒިލަކަށް ހެދުމަށް މަސައްކަތްކުރުންކަމަށެވެ.

މުޢިއްޒު ވަނީ އެފަދަ އެތައް މައްސަލަތަކެއް ހުރިކަން ފާޙަގަކުރައްވާ، އެކަންކަމަށް ޚާއްޞަ އިސްކަމެއްދެއްވައިގެން ހައްލު ގެނެސްދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ.

މުޢިއްޒު ވިދާޅުވެފައިވަނީ މާލޭގެ ރައްޔިތުންގެ ހަގީގީ ހާލަތު ވަރަށް ގާތުން ފެނިވަޑައިގެންފައިވާ ކަމަށާއި އެހެންވެ، އެމްޑީޕީއަށް ވެސް އެންމެ ފައިދާ އޮތީ މި ފަހަރު މޭޔަރު ކަމަށް އޭނާ ހޮވައިގެންކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުން ފެށިގެން ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވީ އޭނާގެ މޭޔަރުކަމުގައި މާލެ އަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވިއްޖެ ނަމަ އެއީ އެމްޑީޕީގެ މެމްބަރުންނަށް ވެސް ލިބޭނެ ހިތްހަމަ ޖެހުމެއް ކަމަށެވެ.

ސަރުކާރުގެ ފަޅިން އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރުއެވެ. އަދި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަމިއްލަ ގޮތުން އެ އިންތިޚާބުގައި ވާދަކުރައްވަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.