މަޝްވަރާއެއްނެތި ޓެކްސް ބޮޑުކުރަން ތްރީލައިން ވިޕް ނެރުމުން ސިފަވަނީ ޚުދުމުހުތާރުކަން: އާޒިމް

މަޝްވަރާއެއްނެތި ޓެކްސް ބޮޑުކުރަން ތްރީލައިން ވިޕް ނެރުމުން ސިފަވަނީ ޚުދުމުހުތާރުކަން: އާޒިމް

Author
މުޙައްމަދު ޝަޒައިމް
19 އޮކްޓޯބަރ 2022 12:03
0

ދައުލަތުގެ ކަމާއިގުޅުންހުރި އިދާރާތަކާއި މަޝްވަރާ ކުރުމަށްފަހު ޓެކްސް ބޮޑުކުރުމުގެ ބިލް ފާސް ކުރަން ހުށަހެޅުމުންވެސް، މަޝްވަރާއާއި ނުލައި ސަރުކާރުން ހުށަހެޅިގޮތަށް ޓެކްސް ބޮޑުކުރަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ތްރީލައިން ވިޕެއް ނެރުމަކީ ޚުދުމުހާތުކަން އޮތް މިންވަރު ހާމަވާކަމެއްކަމަށް އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މާލީ ޙާލަތު ރަނގަޅުކުރުމަށްޓަކައި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ސަރުކާރުން ހުށަހެޅި ގޮތަށް ބިލު ފާސް ކުރަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ވަނީ ތްރީ ލައިން ވިޕެއް ނެރެފައެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން އިއްޔެ ބޭއްވި ބައްދަލުވުމުގައި، ވަނީ މިބިލު ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރުމަށް ތްރީލައިން ވިޕެއް ނެރުމަށް ނިންމާފައެވެ. އެމްޑީޕީން މިބިލު ފާސްކުރުމަށް ތްރީލައިން ވިޕެއް ނެރެފައިވާއިރު، ބިލުގެ މަސައްކަތް މުޅި މަޖިލިސް ކޮމެޓީގައި ދަނީ ކުރަމުންނެވެ. ކޮމެޓީ މަރުހަލާގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ބިލު މަޖިލީހުން ފާސް ކުރުމުގެ ކުރިން ދައުލަތުގެ މާލީ އިދާރާތަކާއި، ކަމާއި ގުޅުންހުރި އިދާރާތަކާއި މަޝްވަރާ ކުރުމަށްވެސް ހުށަހަޅާފައެވެ.

ނަމަވެސް މަޝްވަރާއެއް ނެތި ބިލް މަޖިލީހުން ފާސްކުރުމަށް ތްރީލައިން ވިޕެއް ނެރުމުން ފާޑުވިދާޅުވަމުން އާޒިމް ވިދާޅުވީ މިކަމުން ހާމަވަނީ ހުދުމުހާތު ސިފަތައް ކަމަށެވެ. އަދި ހިތައް ވެރިވަނީ އަނެއްކާވެސް ބިރުވެރިކަމާއި ޚުދުމުހުތާރު ސިފަތައް ކަމަށް އާޒިމް ވިދާޅުވިއެވެ.

ސަރުކާރުގެ ޚަރަދު ދެކޮޅުޖެއްސުމަށް ޓެކްސް ބޮޑުކުރުމާމެދު ޚިޔާލުތަފާތުވުމުން ކޮމެޓީއިން ފިނޭންސް މިނިސްޓަރާ، ވިޔަފާރިވެރިންނާއި ޓުއަރިޒަމް ސެކްޓަރާ، މަޝްވަރާކުރުމުގެކުރިން، ބިލް އޮތްގޮތަށް ފާސް ކުރުމަށް 3 ލައިން ވިޕެއްނެރުމުން ހިތަށްވަންނަނީ ބިރުވެރި، ޚުދުމުހުތާރު ތަސައްވަރެއް.

– އަލީ އާޒިމް ވިދާޅުވިއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. ޝިފާއު ހުށައެޅުއްވި އިސްލާހުގައި ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.