ޔޫއެން ހިއުމަންރައިޓްސް ކައުންސިލަށް ރާއްޖެ އިންތިޚާބުވުން، ޚާރިޖީ ސިޔާސަތަށް ބޮޑު ކާމިޔާބީއެއް!

ޔޫއެން ހިއުމަންރައިޓްސް ކައުންސިލަށް ރާއްޖެ އިންތިޚާބުވުން، ޚާރިޖީ ސިޔާސަތަށް ބޮޑު ކާމިޔާބީއެއް!

އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަކީ ދުނިޔޭގެ ގައުމުތަކުގެ މެދުގައި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ މަގުސަދުގައި އުފައްދާފައި އޮންނަ އެ ޖަމިއްޔާގެ މުހިންމު ގުނަވަނެކެވެ.

2006 ވަނަ އަހަރުގެ މާރޗްމަހުގެ ވުޖޫދުވެގެން އައި، ޔޫއެންގެ މި ގުނަވަކީ 47 މެމްބަރު ގައުމަކުން 3 އަހަރުގެ ދައުރެއް އަދާ ކުރާގޮތަށް، ދައުރުތައް ބަދަލުވަމުންދާ ކައުންސިލެކެވެ. ކައުންސިލްގެ މައި މަރުކަޒު ގާއިމް ކުރެވިފައި ހުންނަނީ ސުވިޒަރލޭންޑުގެ ޖެނީވާގައި ހުންނަ ނުނައިޓެޑް ނޭޝަންސްގެ އޮފީހުގައެވެ.

މި ކައުންސިލް 2006 ވަނަ އަހަރު ވުޖޫދުވެގެން އައީ އޭގެ ކުރިން، އިންސާނީ ހައްގުތަކާއި ގުޅުންހުރި މަސައްކަތްތައް ޔޫއެންގެ އޮނިގޑުގެ ތެރޭގައި ކުރަމުންއައި ޔުނައިޓެޑް ނޭޝަންސް ކޮމިޝަން އޮން ހިއުމަންރައިޓްސް (UNCHR)ގެ ބަދަލުގައެވެ.

މިގޮތުން ހިއުމަންރައިޓްސް ކައުންސިލުން ބަލާ މައްސަލަތަކުގެ ތެރޭގައި ޔޫއެންގެ މެމްބަރު ގައުމުތަކުގައި އިންސާނިއްޔަތާއި ޚިލާފަށް ހިންގާ ޖަރީމާތަކާއި، އިންސާނީ ހައްގުތަކާއި ގުޅުންހުރި ކަންކަމުގެ ތެރޭގައި ހިމެނޭކަމަށް އދ.އިން ގަބޫލުކުރާ އެއްވެ އުޅުމުގެ މިނިވަންކަމާއި، ޚިލާޔު ފާޅުކުރުމުގެ މިނިވަންކަމާއި، ދިނީ މިނިވަންކަމާއި، ޖިންސީ މިނިވަންކަމާއި، އަންހެނުންގެ ހައްގުތަކާއި، ދުނިޔޭގެ ގައުމުތަކުގެ ބައިމަދު ދަރިކޮޅުތަކުގެ ހައްގުތައްވެސް ހިމެނެއެވެ.

މި މަގުސަދުތައް ހާސިލްކުރުމަށް، ޔޫއެން ހިއުމަންރައިޓްސް ކައުންސިލްއިން މަސައްކަތް ކުރަމުންދާނީ، އދ.އިން ކަޑައަޅާފައި ހުންނަ އިންސާނީ ހައްގުތަކާބެހޭ މަންދޫބުގެ އޮފީހާއި ގާތް ގުޅުމެއް ބާއްވައިގެންނެވެ.

ފާއިތުވެދިޔަ ތަނުގައި، އިންސާނީ ހައްގުތަކާއި ޚިލާފު ޖަރީމާތައްވެސް ހިންގާފައިވާ ބައެއް ގައުމުތައް މި ކައުންސިލަށް އިންތިޚާބުވެގެން ދިއުމާއި ގުޅިގެން ގިނަ ގައުމުތަކެއްގެ ފާޑުކިއުން މިކައުންސިލަށް އަމާޒުވެގެން ގޮސްފައިވާކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްއަކީ ޑިމޮކްރަޓިކް އުސޫލުން އިންތިޚާބުކުރާ, ގައުމުތަކުގެ އިންސާގީ ހައްގުތައް އޮތް މިންވަރު ވަޒަންކޮށް ފިޔަވަޅުއެޅުމުގެ ބާރު ލިބިފައި އޮންނަ ކައުންސިލެއް

އެހެންނަމަވެސް، އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަކީ ޔޫއެން ޖެނެރަލް އެސެމްބްލީގައި ނެގޭ އާންމު ވޯޓަކުން އިންތިޚާބުކުރާ ދުނިޔޭގެ 47 ގައުމެއްގެ މެމްބަޝިޕްގެ މައްޗަށް އެކުލެވޭ ކައުންސިލަކަށް ވުމާއެކު، މި ކައުންސިލަށް މެމްބަރުން އިންތިޚާބުވުން ބިނާވެފައިއޮންނަނީ، ޑިމޮކްރަސީގެ އުސޫލުން، ގައުމުތަކަށް ވޯޓު ލިބޭ ނިސްބަތެއްގެ މަޗަށެވެ.

ޔޫއެން ހިއުމަންރައިޓްސް ކައުންސިލްގެ ގޮނޑިތައް ބަހާފައި އޮންނަނީ، ޔޫއެންގެ ރީޖަނަލް ގުރޫޕްތަކަށް ބަހާލައިގެންނެވެ. އެއީ އެފްރިކާ ބައްރަށް 13 ގޮނޑި، އޭޝިއާ ބައްރަށް 13 ގޮނޑި، އިރުމަތީ ޔޫރަޕްގެ ބައްރަށް 6 ގޮނޑި، ލެޓިން އެމެރިކާ އަދި ކެރީބިއަން (GRULAC) ބައްރަށް 8 ގޮނޑި، ހުޅަނގު ރޫރަޕް އަދި އެހެނިހެން ގުރޫޕަތައް އެއްކޮށްގެން އެކުލަވާފައި އޮންނަ WEOG (ވެސްޓަރން ޔޫރަޕިއަން އެންޑް އަދަރ ގުރޫޕް) އަށް 7 ގޮނޑިއެވެ. މި ކައުންސިލަށް އިންތިޚާބުވާ ކޮންމެ ގައުމަކަށްވެސް ކައުންސިލްގައި އަދާ ކުރެވޭނީ އެންމެ ދިގު މުއްދަތަކަށްވެސް، ޖެހިޖެހިގެން އަންނަ 3 އަހަރުގެ ދެ ދައުރުގައެވެ.

ކައުންސިލުން ކޮންމެ އަހަރުކުވެސް ރަސްމީ ތިން ބައްދަލުވުމެއް ބާއްވާނެއެވެ. އެއީ އަހަރުގެ މާރޗު މަހުގައާއި، ޖޫންމަހުގައާއި އަދި ސެޕްޓެމްބަރުމަހުއެވެ. އެހެންނަމަވެސް ޔޫއެންގެ މެމްބަރު ގައުމުތަކުގައި ހިނގާ އިންސާނިއްޔަތާއި ޚިލާފް ވަކި މައްސަލައެއް ނުވަތަ މައްސަލަތަކާއި ގުޅޭގޮތުން ޚާއްސަ ސެޝަންއެއް ބޭވުމަށް ކައުންސިލްގެ ތިންބައި ކޮށްފަ އެއްބައިގެ ތާއީދު ލިބިއްޖެނަމަ ކައުންސިލްގެ ޚާއްސަ ސެޝަނެއް ބޭއްވިދާނެއެވެ. މި ކައުންސިލްގެ ތާރީޚުގައި މިހާތަނަށް މިފަދަ، ޚާއްސަ 28 ސެޝަން ބާވާފައި ވެއެވެ.

 

އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް ރާއްޖެ 3 ވަނަ ފަހަރަށް!

ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގެ ކުރިޔަށް އޮތް ދައުރު (2023-2025)ގެ ގޮނޑި ރާއްޖެއިން ކާމިޔާބު ކޮށްފައިވަނީ ރޭ، އާންމު މަޖިލީހުގައި ބޭއްވުނު އިންތިޚާބުގައި، އޭޝިއާ ޕެސިފިކް ސަރަހައްދުން ކައުންސިލަށް ވާދަކުރި 6 ގައުމަކާ ވާދަކޮށް، މި ބައްރުން ވާދަކުރި ގައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ ވޯޓު ހޯދައިގެންނެވެ. އޭޝިއާ ޕެސިފިކް ބައްރުން ކައުންސިލަށް މިފަހަރު އިންތިޚާބު ކޮށްފައިވަނީ 4 ގައުމެކެވެ.

ރާއްޖެ ހިމެނޭ މި ގުރޫޕުން ވާދަކުރި 6 ގައުމުގެ ތެރެއިން އެންމެ ގިނައިން ވޯޓު ހޯދާފައިވަނީ ބަންގްލަދޭޝްއިންނެވެ. ވޯޓުލީ 190 ގައުމުގެ ތެރެއިން އެގައުމަށް ލިބިފައިވަނީ 160 ވޯޓެވެ. ދެވަނައަށް އެންމެ ގިނައިން ވޯޓު ލިބުނީ ރާއްޖެއަށެވެ. ރާއްޖެއަށް ލިބިފައިވަނީ 154 ވޯޓެވެ. މި ގުރޫފުން ދެން އިންތިޚާބުވި ދެ ގައުމަކީ ވިއެޓްނާމްއާއި ކިރިގިސްތާން އަދި ސައުތު ކޮރެއާއެވެ. ވިއެޓްނާމަށް 145 ވޯޓު ލިބުނުއިރު ކިރިގިސްތާނަށް ލިބުނީ 126 ވޯޓެވެ. މި ސަރަހައްދުން ވާދަކުރި 6 ގައުމުގެ ތެރެއިން 5 ވަނައަށް އެންމެ ގިނަ ވޯޓު ހޯދި ސައުތު ކޮރެއާއަށް 123 ވޯޓު ލިބުނުއިރު އެންމެ ފުލަށް ދިޔަ އަފްއާނިސްތާނަށް ލިބިފައިވަނީ 12 ވޯޓެވެ. ބަހުރެއިން ނަން އަބުރާ ގެންގޮސްފައިވި ނަމަވެސް އެގައުމަށް 1 ވޯޓު ލިބިފައި ވެއެވެ.

މި ކައުންސިލަށް އޭޝިއާ ޕެސިފިކް ސަރަހައްދުން، އެންމެ ފުރަތަމަ ބަހުރެއިންއިން ވާދަ ކުރަމުން އައިނަމަވެސް، އެގައުމުން ވަނީ އެންމެ ފަހުވަގުތު ނަން އަބުރާ ގެންގޮސްފައެވެ. ބަހުރެއިންއިން ނަން އަބުރާ ގެންދިއުމުން، އެގައުމަށް ތާއީދުކުރި ގިނަ ގައުމުތަކެއްގެ ވޯޓު ވަނީ ރާއްޖެއަށް ލިބިގެން ގޮސްފައެވެ.

ދިވެހިރާއްޖެވަނީ މީގެ ކުރިން ދެ ފަހަރައްގެމަތިން ކައުންސިލްގެ މެމްބަރުކަން ކޮށްފަ

ރޭ ބޭއްވުނު މި އިންތިޚާބުގައި، ކައުންސިލްގެ މެމްބަރު ގައުމުތަކުގެ ތެރެއިން މިއަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް ދައުރު ހަމަވާ 14 ގޮނޑިއަށް މެމްބަރުން އިންތިޚާބު ކޮށްފައި ވެއެވެ.

2015-2023 ގެ ޔޫއެން ހިއުމަން ރައިސްޓް ކައުސިލްގެ ގޮނޑިއަށް ރާއްޖެ އިންތިޚާބު ވެގެން ގޮސްފައިވާއިރު، މީގެ ކުރިންވެސް ދެ ފަހަރެއްގެމަތިން ރާއްޖެވަނީ މި ކައުންސިލްގެ މެމްބަރުކަން ކޮށްފައެވެ. އެއީ އެންމެ ފުރަތަމަ 2011 އިން 2013 އަށެވެ. ދެވަނަ ފަހަރަށް ރާއްޖެއިން މިކައުންސިލްގެ މެމްބަރުކަން ކޮށްފައިވަނީ 2014 އިން 2016 އަހަރަށެވެ. އަދި 2013 ވަނަ އަހަރު ރާއްޖެވަނީ އޭޝިއާ ޕެސިފިކް ގުރޫޕުގެ ފަރާތުން މި ކައުންސިލް ނާއިބު ރައީސްކަންވެސް އަދާ ކޮށްފައެވެ.

ހިއުމަން ރައިޓްސް ކައުންސިލްގައި މިހާރު ތިބި މެމްބަރު ގައުމުތަކުގެ ތެރޭގައި ހިމެނެނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން ދެގައުމެވެ. އެއީ ކިއުބާ އާއި މާޝަލް އައިލޭންޑެވެ. މީގެ ތެރެއިން މާޝަލް އައިލޭންޑްގެ ދައުރު މިއަހަރުގެ ނިޔަލަށް ހަމަވެގެން ދާނެއެވެ.

އެހެންކަމުން ދިވެހިރާއްޖެ މި ކައުންސިލަށް އިންތިޚާބުވެގެން ދިއުން ވެގެން ދާނީ ކުދި ޖަޒީރާގެ ގައުމުތަކުގެ އަޑ،ު އިންސާނީ ޙައްގުތަކާއި ގުޅުންހުރި މައްސަލަތަކުގައި އުފުލަށް ލިބިގެންދިޔަ ފުރުސަތަކަށެވެ. އަދި އޭގެ އިތުރުން، އިންސާނީ ޙައްގުތައް ކުރިއަރުވާ، މިނިވަން މުވައްސަސާތައް ހަރުދަނާކޮށް، ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް މި ކާމިޔާބީގެ ސަބަބުން ރާއްޖެއަށް ވަރަށްބޮޑު އެހީތެރިކަމެއް ލިބިގެން ދާނެއެވެ.

ހަމަ އެއާއެކު މި ކާޔާބީ ފާހަގަވެގެން ދަނީ އިންސާނީ ހައްގުތައް ކުރިއަރުވާ ނެގެހެއްޓުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަކަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ.

ޔޫއެން ހިއުމަން ރައިޓްސްގެ ކައުންސިލްގެ ގޮނޑިއަށް ރާއްޖެ ވަރަށް ތަނަވަސް އައުލަބިއްޔަތަކުން އިންތިޚާބު ވެގެން ދިޔައިރު، ފޮރިންގ މިނިސްޓްރީންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ރާއްޖޭގެ މިޝަންތަކުން މި އިންތިޚާބު ކާމިޔާބު ކުރުމަށް ވަނީ ވަރަށް ވަރުގަދަ ކެމްޕޭނެއް ކޮށްފައެވެ.

އދ.ގެ އާންމު މަޖިލިހުގެ ރިޔާސަތަށް ރާއްޖޭގެ ފޮރިންގ މިނިސްޓަރު އިންތިޚާބުވުން ވެގެން ދިޔައީ ރާއްޖޭގެ ޚާރިޖީ ހަޔާތުގައި ލިބެގެންދިޔަ އެންމެ ބޮޑި ކާމިޔާބީކަމަށް

 

ޓީމް ޚާރިޖީއަށް ބޮޑު ކާމިޔާބީއެއް!

ބަވަނަވެފައިވަ އަދުގެ ދުނިޔޭގައި، ތަރައްގީއާއި ދަތަމައްދުނުގެ ރޮގުން ދުނިޔޭގެ ގައުމުތައް ހޯދަމުންދާ ކުރިއެރުމުގެ އެންމެ މުހިންމު ދައުރެއް އަދުގެ ދުނިޔޭގައި އަދާ ކުރަމުންދަނީ ގައުމުތަކުގެ ޚާރިޖިއްޔާއިންނެވެ. އެއީ އެއްގައުމު އަނެއް ގައުމުން ހޯދާންޖެހޭ އެހީތެރިކަމާއި، ބާއްވާންޖެހޭ ސިޔާސީ ގުޅުންތަކުގެ ޒަރިއާއިން ލިބޭ ލުއިފަސޭހަކަމާއި، ދޭދޭ ގައުމުތަކުގެ މެދުގައި ބާއްވާ ވިޔަފާރީގެ ގުޅުންތަކަށް ބަލާލި ނަމަވެސް، އެކަށީގެންވާ ބުންވަރުހުރި ޚާރިޖިއްޔާއެއް އޮތުމުގެ މުހިންމުކަން ވަރަށްވެސް ރަގަޅަށް ދޭހަ ވެގެން ދެއެވެ.

މިގޮތުން ރާއްޖޭގެ ފޮރިން ސާވިސްގެ މުހިންމުކަން މި ދެންނެވުނު އުސޫލުން ބަލާއިރު އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ފާއިތުވެދިޔަ 3 އަހަރު ދުނިޔެ ކުރިމަތި ލާންޖެހުނު ކޯވިޑްގެ އާލަމީ ވަބާގައެވެ.

މި ކާރިސާގައި އިގްތިސާދު ހުއްޓި، ބޯޑަރުތައް ބަންދު ކުރާންޖެހި، ގައުމަށް އިންސާނީ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވި މި ދަނޑިވަޅުގައި ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ދުނިޔޭގެ އެކި ކަންކޮޅުންތަކުން ހޯދާ، ކަށަވަރުކޮށް، އެކަންކަމަށް މަގުފަހި ކުރުމުގެ އެންމެ ކުރީ ސަފުގައި އޮވެފައިވަނީ ރާއްޖޭގެ ފޮރިންގ ސާވިސްއެވެ.

ކޯވިޑް ކާރިސާގައި ރާއްޖެއަށް ބޭނުންވި ބޭރުގެ އެހީ ކަށަވަރުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ ފޮރިންގް ސާވިސްއިން

އަދި އޭގެ އިތުރުން، މިހާތަނަށް ރާއްޖެއަށް ބައިނަލްއަގުވާމީ މައިދާނުގައި ދެވިފައި ނުވާ އާ އުސްމިނަކަށް ދަތުރު ކުރެވުނީ، އދ.ގެ އާންމު މަޖިލިހުގެ ރިޔާސަތަށް ރާއްޖޭގެ ފޮރިންގ މިނިސްޓަރު އަބުދުﷲ ޝާހިދުގެ ބޮޑު އަޢުލަބިއްޔަތަކާއެކު އިންތިޚާބު ވެގެންދިޔަ ހިސާބުންކަންވެސް މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ. ޝާހިދު މިމަގާމަށް އިންތިޚާބުވެގެން ދިޔަ ދިއުން ވެގެން ދިޔައީ، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭއަށް މީގެ ކުރިން ހުޅުވިފައިނުވާ އެތަކެއް ދޮރެއް ހުޅުވި، ދުނިޔޭގެ ބޮޑެތި އެހެން ބައެއް ރީޖަނަލް ގުރޫޕްތަކުގައި ރާއްޖެ ހިމެނިގެން ދިއުމަށްވެސް ފުރުސަތު ފަހިވެގެން ދިޔަ، ކުޑަ ގައުމަކަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

އޭގެ އިތުރުންވެސް ދިވެހީންނަށް ވިސާއާއި ނުލާ ދުނިޔޭގެ ގިނަގައުމުތަކަށް ދަތުރުކުރުމުގެ ފުރުސަތު ފަހިވެ، ވިޔަފާރީގެ ރޮގުންނާއި އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ކުރިއެރުވުމަށް ފުރުސަތު ފަހިކޮށްދިން، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މޫނުމަތި ބަދަލުކޮށްލި ބޮޑު ބަދަލެއްގެ ގޮތުގައި، އދ.ގެ ރިޔާސަތުގައި ރާއްޖެ ހޭދަކރިު އެއް އަހަރުގެ މުއްދަތު ގިނަބަކު ސިފަ ކޮށްފައި ވެއެވެ.

އެހެންކަމުން، ރާއްޖެފަދަ ކުޑަ ގައުމަކަށް ފުރިހަމަ ބުންވަރުހުރި ފޮރިންގ ސާވިސްއެއްގެ މުހިންމުކަން، މި ސާރވިސްގައި އޮތް ޓީމުން މިއަދު ސާބިތު ކޮށްދެމުންދާކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ. އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާގައި ބޭއްވިގެންދިޔަ ބޮޑު ދެ އިންތިޚާބެއްގައި ވާދަކޮށް، ރާއްޖެއިން ހޯދި ބޮޑު ކާމިޔާބީއަކީ މީގެ ދިރިހުރި މިސާލަކަށް ފުދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *