ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅުވައިގެން ބާއްވާ "ސައިކޮލޮޖީ ސިމްޕޯޒިޔަމް އެންޑް އެގްޒިބިޝަން" އިފުތިތާޙު ކޮށްދެއްވައިފިއެވެ.
ވިލާ ކޮލެޖުގެ ފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ މި ސިމްޕޯޒިއަމް އިފުތިތާޙު ކޮށްދެއްވާފައި ވަނީ މި ކަމަށް ޓަކައި މިއަދު މެންދުރުފަހު އެ ކޮލެޖުގެ ކިޔު.އައި. ކެމްޕަހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިއީ، ރާއްޖޭގައި މި ފަދަ ސިމްޕޯޒިޔަމްއެއް ބާއްވާ ފުރަތަމަ ފަހަރެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރު، ހުޅުމާލޭގައި ޤާއިމުކޮށްފައި ހުރި ކޮވިޑް ފެސިލިޓީގައި އެ ކަމަނާ ކުރެއްވި މަސައްކަތްޕުޅުގެ ތަޖުރިބާގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. އަދި، އެ މަސައްކަތްތަކުގެ ތެރެއިން ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަންބޮޑުވުންތަކުގެ މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ.
ނަފްސާނީ ދުޅަހެޔޮކަމާއި ނަފްސާނީ ޞިއްޙަތުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެކަކު އަނެކަކަށް އެހީތެރިވުމާއި އެއްބާރުލުން ދިނުމުގެ މުހިންމު ކަން ފާހަގަ ކުރައްވާފައެވެ. އަދި، ކޮވިޑް ފެސިލިޓީގައި ކުރެއްވި މަސައްކަތްޕުޅުން ލިބިވަޑައިގެންނެވި އެންމެ ބޮޑު އެއް ފިލާވަޅަކީ ނަފްސާނީ ދުޅަހެޔޮކަމާ ނުލައި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ދަތިވާނެ ކަން ކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ނަފްސާނީ ޞިއްޙަތު ދާއިރާއަށް ވިލާ ކޮލެޖުން ދޭ އަހަންމިއްޔަތުކަން ފާހަގަ ކުރައްވައި، އެ ކޮލެޖުން އެ ދާއިރާއިން ކުރާ މަސައްކަތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި، ޤައުމަށް މުހިންމު މި ފަދަ ދާއިރާއަކުން މީހުން ބިނާ ކުރުމަށް އެ ކޮލެޖުން ކުރަމުންދާ މަސައްކަތްތަކަށް އެ ކަމަނާ ތަޢުރީފު ކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވިލާ ކޮލެޖުން ނެރޭ ސައިކޮލޮޖީ ބުލެޓިންގެ ފުރަތަމަ ޢަދަދު ވެސް ނެރެދެއްވާފައެވެ. މި ބުލެޓިންގައި އެ ކޮލެޖުގައި ތަޢުލީމު ހާސިލުކުރާ ދަރިވަރުން ސައިކޮލޮޖީގެ އެކި ދާއިރާތަކާ ގުޅޭގޮތުން ލިޔެފައިވާ ލިޔުންތައް ހިމަނާފައިވެއެވެ.
ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހެއްގެ 10ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހުގެ ގޮތުގައެވެ. މި އަހަރު މި ދުވަސް ފާހަގަ ކުރަމުން ދަނީ "މޭކް މެންޓަލް ހެލްތު އެންޑް ވެލް-ބީންގ ފޮރ އޯލް އަ ގްލޯބަލް ޕްރައޯރިޓީ،" މި ޝިޢާރުގެ ދަށުންނެވެ.
ކޮމެންޓު ފޮނުވާ