ލިވަޕޫލް ބަލިކޮށް އާސެނަލް އެއްވަނައަށް

ލިވަޕޫލް ބަލިކޮށް އާސެނަލް އެއްވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލް 3-2 އިން ބަލިކޮށް އާސެނަލް ލީގުގެ އެއް ވަަނަ އަށް އަލުން ޖެހިލައިފިއެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ މިނެޓްގައި އާސެނަލްއިން ވަނީ ލީޑު ނަގާފައެވެ. މިލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގެބްރިއެލް މާޓިނެއްލީއެވެ. އެކަމަކު މެޗްގެ 34 ވަނަ މިނެޓްގައި ޑާވިން ނޫނޭޒް ވަނީ ލަނޑެއް ޖަހައި، ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ނަމަވެސް އާސެނަލްއިން ވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓްގައި ލަނޑެއް ޖަހައި އަލުން ނަގާފައެވެ. ކައުންޓަ އެޓޭކެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބުކާޔޯ ސާކާއެވެ. އޭގެ ފަހުން މެޗްގެ 53 ވަނަ މިނެޓްގައި ލިވަޕޫލުން ވަނީ ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ރޮބާޓޯ ފިރްމީނޯއެވެ. މި މެޗުން އާސެނަލް މޮޅުވި ލަނޑު މެޗްގެ 76 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑުވެސް ޖަހައިދިން ސާކާއެވެ.

މިއީ އެންމެ ފަހުން ލިވަޕޫލާ ދެކޮޅަށް ކުޅުނު 13 މެޗުގެ ތެރެއިން އާސެނަލް މޮޅުވި ދެ ވަނަ ފަހަރެވެ. އާސެނަލުން މި ވަނީ މި ފަހަރުގެ ސީޒަނުގައި ލީގުގައި ކުޅުނު ފުރަތަމަ ނުވަ މެޗުގެ ތެރެއިން އަށް މެޗުން މޮޅުވެފައެވެ. މިއީ އެ ޓީމުގެ ތާރީހުގައި މި ފަދަ ރެކޯޑަކާ އެކު ފުރަތަމަ ނުވަ މެޗު ނިންމާލި ހަތަރު ވަނަ ފަހަރެވެ.

މި ކާމިޔާބީއާއެކު ތާވަލުގެ އެއްވަނައަށް އާސެނަލް އަނެއްކާވެސް ޖެހިލިއިރު، އެ ޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 24 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އުޅެނީ އެއް ޕޮއިންޓް ފަހަތުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއެވެ. އަދި ލިވަޕޫލް އުޅެނީ ކުޅުނު އަށް މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލުގެ 10 ވަނައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *