އެކި މަރުހަލާތަކުގައި ކުރިޔަށް ދާތާ 6 އަހަރުވެފައިވާ ދީބާޖާގެ މައްސަލާގައި އެކުންފުންޏާއި އެއްކޮޅަށް މައްސަލަ ނިންމާ، އެއްބަސްވުން ބާތިލް ކޮށްފައިވަނީ ގޯސްކޮށް ކަމަށް ސުޕްރިމް ކޯޓުން ހުކުމް ކޮށްފިއެވެ. ސުޕްރިމް ކޯޓުން ހުކުމް ކޮށްފައިވަނީ ދީބާޖާއަށް ލިބެންޖެހޭ ހައްގު ބަދަލުގެ މިންވަރު ދަށުކޯޓުން ކަނޑައެޅުމަށެވެ.
ދީބާޖާއާއެކު އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެއްބަސް ވުމަކަށް އައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010ވަނަ އަހަރުއެވެ. އެއްބަސްވުން ބާތިލް ކޮށްފައިވަނީ 2013ވަނަ އަހަރުއެވެ.
މި މަސައްލާގައި ހުކުމް ކުރުމަށް މިއަދު މެންދުފަހު ސުޕްރީމް ކޯޓުގައި ބޭއްވުނު ޝަރީއަތުގައި މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރުންގެ ހުކުމުގައި ވިދާޅުވެފައިވަނީ ދިބާޖާގެ އެއްބަސްވުން 2013ވަނަ އަހަރު ބާތިލް ކޮށްފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށާއި، އެހެންނަމަވެސް ގާނޫނާއި ޚިލާފަށް އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ދީބާޖާއަށް ހައްގުވާ ބަދަލުގެ މިންވަރުގެ ބަދަލު އަލުން ކަނޑައަޅަން ޖެހޭނެ ކަމަށެވެ.
ހުކުމްގައި ވިދާޅުވެފައިވަނީ، ދިބާޖާ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމް ކޮށްފައި އޮތީ ގޯސްކޮށް ކަމަށެވެ.
މިއީ މި މައްސަލާގައި ސުޕްރިމް ކޯޓުން ހުކުމް ކުރި 3ވަނަ ފަހަރެވެ. ސުޕްރިމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ރަޝީދެވެ.
ބެންޗުގައި ހިމެނިވަޑައިގަންނަވާ، ފަނޑިޔާރު އަލީ ރަޝީދު ހުކުމުގައި ވިދާޅުވެފައިވަނި ސަރުކާރުން ދީބާޖާއެކު ވެފައިވާ އެއްބަސްވުން ބާތިލް ކޮށްފައިވަނީ ނޯޓިސްއެއް ދިނުމަކާ ނުލާކަން އެގެން އޮންނައިރު، އެއްބަސްވުން ބާތިލް ކޮށްފައިވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ފެރީގެ ޚިދުމަތް ލިބެމުން ނުދާކަމަށް ބުނެ ކަމަށްވެސް އެގެން އޮންނަ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ ސިޓީތަކަށް ބަލައިރު، ބޮޑު ސަރަހައްދެއްގައި ފެރީގެ ޚިދުމަތް ލިބޭކަން އެގެން އޮންނަ ކަމުގައެވެ.
އަދި އޭނާ ބުރަވެ ވަޑައިގެންފައިވަނީ، ދީބާޖާއަށް ލިބެންޖެހޭ ބަދަލުގެ މިންވަރު ސިވިލް ކޯޓުން އަލުން ކަނޑައަޅަންޖެހޭ ކަމަށެވެ.
ބެންޗުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު އިބްރާހިމްގެ ރައުޔުގައި ވިދާޅުވެފައިވަނީ، ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔުގައި ހިމެނޭ، ސަރުކާރުން ފުރިހަމަ ކޮށްދޭންޖެހޭ ކަންކަމުގެ ތެރޭގައި ހިމެނޭ، ދީބާޖާއަށް 47 ބިމެއް ދޫކުރުމަށް ވެފައިވާ އެއްބަސްވުމާ ގުޅުންހުރި ބައިތައް ފިޔަވާ، އެރައުޔުގައިވާ އެހެން ބައިތަކަށް ތާއީދު ކުރައްވާ ކަމުގައެވެ.
ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ނެރުއްވީ އަނެއް ދެ ފަނޑިޔާރުން ރައުޔާއި ޚިލާފް ރަޢުޔެކެވެ. އޭނާގެ ރައުޔުގައި ނިންމަވާފައިވަނީ ސަރުކާރުން އެއްބަސްވުމާއި ޚިލާފްވިކަން ސާބިތު ނުވާކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ބަދަލު ނަގައިދެވެންވެސް ނޯންނާނެ ކަމުގައެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން އުވާލީ ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދުގެ ވެރިކަމުގައެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް 2014ގައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވެސް ވެއެވެ.
މި މައްސަލާގައި ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނިކޮށް 2018 ވަނަ އަހަރު ހައިކޯޓުންވަނީ އެޙުކުމް ބާޠިލުކޮށްފައެވެ. ނަމަވެސް ހައި ކޯޓަށް އެ މައްސަލަ ބަލައިގަތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށް ބުނެ، 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން ހައިކޯޓުގެ ހުކުމް ބާޠިލުކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގެ އެ ނިންމުން ރިވިއުކުރަން ދައުލަތުން އެދުމުން 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން އެ ކޯޓުގެ ކުރީގެ ނިންމުން ބާތިލްކުރިއެވެ. އަދި ހައިކޯޓުގެ ހުކުމް އަލުން އިސްތިއުނާފް ކުރުމުގެ ފުރުސަތު ދީބާޖާއަށް އޮންނާނެ ކަމަށް ކަނޑައެޅިއެވެ.
އެހެންކަމުން ދީބާޖާއިން އެ މައްސަލަ އަލުން ސުޕްރީމް ކޯޓަށް ހުށައެޅީ މިދިޔަ އަހަރުއެވެ. މިމައްސަލައިގެ އަޑުއެހެންތައް މިޔަ އަހަރުގެ ފަހުކޮޅު ނިންމާލާފައިވެއެވެ.
ކޮމެންޓު ފޮނުވާ