ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯގެ މަގާމަށް ހުޅުވާލުމުން 12 ބޭފުޅަކު އެ މަގާމަށް ކުރިމަތިލައިފިއެވެ.
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯ މަގާމަށް ހުޅުވާލީ މުސާރަ އާއި އިނާޔަތްތައް 12،500ރ. އިން 48،450ރ. އަށް ބޮޑުކޮށްފައެވެ. އެންޑީއޭގެ ސީއީއޯގެ މަގާމަށް ކުރިމަތިލުމަށް މީގެކުރިން ހުޅުވާލި ފުރުސަތުތަކުގައި އެ މަގާމަށް މާބޮޑު ތަރުހީބެއް ނުލިބެއެވެ. ނަމަވެސް މުސާރަ ބޮޑުކޮށް، ހުޅުވާލުމުން ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ އެޖެންސީގެ ސީއީއޯގެ މުސާރައިގެ ގޮތުގައި މިހާތަނަށް ދެމުން އައީ މަހަކު 18،000ރ. އާއި 1،000ރ. ގެ ފޯނު އެލަވަންސް އަދި ލިވިން އެލަވަންސަށް 12،500ރ. އާ އެކު ޖުމްލަ 31،500ރ. އެވެ. އެކަމަކު، މި ފަހަރު ސީއީއޯގެ މަގާމަށް އިއުލާނުކުރީ 48،450ރ. އަށް މުސާރަ ބޮޑުކުރުމަށް ފަހުއެވެ.
އެންޑީއޭގެ ސީއީއޯގ މަގާމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ހަބީބް، މިދިޔަ އަހަރުގެ މެއި 16 ވަނަ ދުވަހު މަގާމުން ވަކިކުރުމަށްފަހު އެ މަގާމަށް މިއަދާ ހަމައަށްވެސް ބޭފުޅަކު ހަމަޖައްސާފައެއް ނުވެއެވެ.
ޖެންޑާ މިނިސްޓްރީގެ ދަށުން ކުރިން ހިންގަމުން ދިޔަ އެންޑީއޭ މިދިޔަ މެއި މަހުގެ ފަސްވަނަ ދުވަހު ވަނީ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުވެސް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ