އިންޑިއާ އިން އެމްއެންޑީއެފް އަށް 24 ވެހިކަލް ހަދިޔާކޮށްފި

އިންޑިއާ އިން އެމްއެންޑީއެފް އަށް 24 ވެހިކަލް ހަދިޔާކޮށްފި

އިންޑިއާ ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް 24 ވެހިކަލް ހަދިޔާކުރައްވައިފިއެވެ.

މިކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރަސްމީކޮށް މި ވެހިކަލްތައް ދިވެހި އަސްކަރިއްޔާއަށް ޙަވާލުކޮށްދެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވަތުރާއެވެ. ދިވެހި އަސްކަރިއްޔާއިން މި ވެހިކަލްތަކާ ޙަވާލުވެލެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް މޭޖަރ ޖެނެރަލް ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްގެ އިތުރުން އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިންޑިއާ ސަރުކާރުން ވަނީ މީގެ ކުރިން ވެސް އެމްއެންޑީއެފަށް ބައެއް ވެހިކަލްތައް ހަދިޔާކޮށްފަ އެވެ. އޭގެ ތެރޭގައި ކަނޑާއި ވައިގެ މަގުން ދުއްވާ އުޅަނދުތައް ވެސް ހިމެނެއެވެ. މިފަހަރު ހަދިޔާކުރެއްވި ވެހިކަލްތަކުގެ ތަފުސީލެއް އަދި ނުލިބެއެވެ.

ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި އިއްޔެ ވަނީ މުހިންމު އެއްބަސްވުމެއްގައި ވެސް ސޮއިކުރައްވައިފައެވެ. އެއީ އެ ގައުމުން ރާއްޖޭގައި މިހާރު ހިންގަމުން އަންނަ މަޝްރޫއުތައް އަވަސްކުރުމުގެ ގޮތުން އިންޑިއާގެ އެގްޒިމް ބޭންކުން ދޭން ނިންމި އިތުރު 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެއްބަސްވުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.