މިދިޔަ ބުރާސްފަތި ދުވަހުން މިއަދުގެ ނިޔަލަށް ހުޅުމާލޭގައި ކުރިއަށްދިޔަ ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހޯދިއިރު، އެންމެ މޮޅު އަންހެން އެތުލީޓުގެ އެވޯޑު އާމިނަތު ޖާއިޝާ ޖުނީޒު ހޯދައިފިއެވެ.
އެންމެ މޮޅު ފިރިހެން އެތްލީޓަކަށް ސާއިދު ހޮވުނުއިރު، އޭނާ ވަނީ މިއަހަރުގެ އެސޯސިއޭޝަން ކަޕުގައި ވެސް ވާދަކޮށް މޮޅު އެތްލީޓުގެ މަގާމު ހޯދާފައެވެ. މިއަހަރުގެ ގައުމީ މުބާރާތުގައި ވެސް ސާއިދު ވަނީ މިދިޔަ އަހަރެކޭ އެއްގޮތަށް ޖުމްލަ ތިން އިންޑިވިޖުއަލް އިވެންޓަކުން ރަން މެޑަލް ހޯދާފައެވެ.
ސާއިދު ވަނީ މިފަހަރުގެ ގައުމީ މުބާރާތުގެ 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ. މީގެއިތުރުން ރިލޭ ދެ އިވެންޓެއް ކަމަށްވާ 4 ގުނަ 100 މީޓަރާއި 4 ގުނަ 400 މީޓަރު ދުވުމުގެ ރަން މެޑަލް ހޯދި ދިވެހި ސިފައިންގެ ކުލަބުގެ ޓީމުގައި ވެސް ސާއިދު ހިމެނެއެވެ. ދިވެހި ސިފައިންގެ ކުލަބުން ވަނީ މިފަހަރުގެ މުބާރާތުގައި މީޓް ރެކޯޑެއް ހަދާފައެވެ.
މުބާރާތުގެ އެންމެ މޮޅު އަންހެން އެތްލީޓަކަށް ހޮވުނު ޖައިޝާ ވަނީ މިފަހަރުގެ ގައުމީ މުބާރާތުގެ 5000 މީޓަރު ދުވުން ކާމިޔާބުކޮށް ގައުމީ ރެކޯޑު އާކޮށްފައެވެ. ފަސް ކިލޯމީޓަރު ދުވުން ޖައިޝާ ނިންމީ 19 މިނެޓަށްވުރެ އަވަހަށެވެ. އެއާއެކު ޖައިޝާ ވެފައިވަނީ މި ދުވުން އަވަހަށް ނިންމި މިހާ އަވަހަށް ނިންމި އެންމެ ފުރަތަމަ އަންހެން ދުވުންތެރިޔާއަށެވެ. މި ދުވުން ޖައިޝާ ނިންމީ 19 މިނެޓާއި 43.09 ސިކުންތުންނެވެ.
ޖައިޝާ ވަނީ މިއަހަރުގެ އެސޯސިއޭޝަން ކަޕުގައި ވެސް ގިނަ މެޑަލްތަކެއް ހޯދާފައެވެ. އަދި މިިދިޔަ އަހަރުގެ ގްރޯން ޕްރީގެ މޮޅު އެތްލީޓުކަން އޭނާ ހޯދިއެވެ. އެ މުބާރާތުގައި ޖައިޝާ ވަނީ ގައުމީ ދެ ރެކޯޑެއް މުގުރާލާފައެވެ.
ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަދައްކަމުން ސާއިދު ބުނީ މުބާރާތުން ރަނގަޅު ކާމިޔާބީއެއް ލިބުނީ ބުރަ މަސައްކަތުން ކަމަށާއި ފަހަރަކަށް ފަހު ފަހަރެއް މުބާރާތުގެ ޗެލެންޖް ބޮޑުވާ ކަމަށެވެ. އެހެންކަމުން ކޮންމެ މުބާރާތަކަށް ފަހު މުބާރާތެއް ކާމިޔާބުކުރަން އިތުރު ޗެލެންޖުތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ސާއިދު ބުންޏެވެ. އެންމެ މޮޅު އަންހެން ދުވުންތެރިޔާގެ މަގާމު ހޯދި ޖައިޝާ ބުނީ ގައުމީ މުބާރާތުގައި ގައުމީ ރެކޯޑެއް މުގުރާލެވުމަކީ ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށާއި ޓާގެޓަކީ މުސްތަގްބަލުގައި ވެސް އިތުރު ރެކޯޑުތަކެއް މުގުރާލާ ގިނަ ކާމިޔާބީތަކެއް ހޯދުން ކަމަށެވެ.
ނިމިދިޔަ ގައުމީ މުބާރާތުގެ އެންމެ މޮޅު ކުލަބަކަށް ދިވެހި ސިފައިންގެ ކުލަބު ހޮވުނުއިރު އެންމެ މޮޅު ކުލަބަކަށް ހޮވުނީ ޓްރެކް އެންޑް ފިލްޑް އެސޯސިއޭޝަނެވެ.