ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ސޮނާކްޝީ ސިންހާ އާއި ޒަހީރު އިގުބާލް އެކުގައި ކުޅެފައިވާ ފުރަތަމަ ވީޑިއޯ ލަވަ "ބްލޮކްބަސްޓަރ" އާންމުންނަށް ދޫކޮށްލައިފިއެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅޭ މިދެތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފެނިލުން ރިލީޒް ކުރަން އުޅޭ ކަމުގެ އިޝާރާތެއްދީ، ލަވައިގެ ޓީޒާ ކޮޅެއް ވަނީ މިދިއަ ހަފްތާގެ ތެރޭގައި ދޫކޮށްލައިފައެވެ. މިއީ ދެ ލޯބިވެރިން އެކުގައި ސްކްރީނުން ބެލުންތެރިނަށް ފެނިގެންދާ ފުރަތަމަ ފަހަރެވެ. ސޮނާކްޝީ އާއި ޒަހީރް ލޯބީގެ ގޮތުން ގުޅިގެން އުޅާކަމުގެ އިޝާރާތެއް ދީފައިވަނީ މިއަހަރުގެ ކުރީކޮޅުގައިއެވެ.
'ބްލޮކްބަސްޓަރ" ގެ ނަން ދީފައިވާ މި ލަވައަކީ ނެށުމުގެ އިތުރުން ދެމީހުންގެ ކެމިސްޓްރީ ވަރަށް ރަނގަޅަށް ފެނިގެންދާ ވަރަށް "ކެޗީ" ލަވައެކެވެ. މި ވީޑިއޯ ލަވައިގެ އަޑުގެ ވެރިންނަކީ އައްމީ ވާކް އާއި އަސީސް ކޯރް އެވެ. ލަވައިގެ މިއުޒިކާއި ޅެން ހެދީ ވިބާސްއެވެ. ވަރަށް ސްޓައިލިޝްކޮށް ގެނެސްދީފައިވާ "ބްލޮކްބަސްޓަރ"ގެ ވީޑިއޯ ޑައިރެކްޓްކުރީ މިސްޓަ އެންޑް މިސިޒް ފިލްމްސް އާއި ރަންޖޫ ވަރްގީސް އެވެ.
ޒަހީރް އާއި ސޮނާކްޝީގެ ލަވައެއް ބެލުންތެރިންނަށް ދޫކޮށްލާފައި ވާއިރު މި ދެތަރިން އެކުގައި ވަނީ ފިލްމެއް ވެސް ކުޅެފައެވެ. އަދި ރިލީޒް ކޮށްފައިނުވާ އެ ފިލްމް އަކީ "ޑަބަލް އެކްސް އެލް" އެވެ. ފިލްމްގެ ފުރަތަމަ ޓީޒާ މިހާރު ވަނީ ބެލުންތެރިނަށް ދައްކާލައިފައެވެ. މި ފިލްމްގައި މި ދެތަރިންގެ އިތުރުން ހުމާ ގުރައިޝީ ވެސް މުހިންމު ރޯލަކުން ފެނިގެން ދާނެއެވެ.
މި ފިލްްމު ރިލީޒް ކުރުމަށް ތާވަލް ކޮށްފައި ވަނީ އަންނަ މަހުގެ 14 ވަނަ ދުވަހަށެވެ. ޓީޒާގައި ފެނިގެން ގޮސްފައިވަނީ ހުމާ އާއި ސޮނާކްޝީ އެކަންޏެވެ. 2019 ވަނަ އަހަރުގެ ގެ ފިލްމު "ނޯޓްބުކް" އިން ބޮލީވުޑަށް ތައާރަފްވި ޒަހީރްގެ މިއީ ދެވަނަ ފިލްމެވެ.
ކޮމެންޓު ފޮނުވާ