ގިނަ ރެކޯޑް ތަކެއް މުގުރަމުން އަންނަ، ޑައިރެކްޓަރު އަޔާން މުކަރްޖީގެ ކާމިޔާބު ފިލްމް "ބްރައްމަސްތުރާ: ޕާޓް ވަން-ޝިވާ" ކުޅެދިނީ ގާތްގަނޑަކަށް ހިލޭ ކަމަށް ރަންބީރު ބުނެފިއެވެ.
އާލިއާ އާއި ރަންބީރުގެ އަލަތު ފިލްްމު، އަދި ފިލްމު ހެދުމަށް 5 އަހަރުގެ ދިގު މުއްދަތެއް ހޭދަވި މި ފިލްމު ކުޅުމަށް ދެމަފިރިން ކުރެ އެކަކުވެސް އެމީހުންގެ އަސްލު އަގު ނަގާފައި ނުވާނެކަމަށް ރަންބީރު ބުނެއެވެ.
މި ފިލްމް އަކީ މިހާތަނަށް ބޮލީވުޑްގައި އެންމެ ބޮޑު ހޭދައެއް ކޮށްގެން ހެދި ފިލްމެވެ. އެގޮތުން ފިލްމަށް 410 ކްރޯޑް ރުޕީސް (51 މިލިއަން ޑޮލަރު) ހޭދަވި ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ފިލްމުގެ އަސްލު ޚަރަދު މިއަށްވުރެވެސް ބޮޑުވާނެ ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ. ހަމަ އެއާއެކުގައި މިއަހަރުގެ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމްގެ މަގާމު ވެސް ލިބެނީ މި ފިލްމަށެވެ.
ފިލްމުގެ ކާމިޔާބީ އާއެކު ޕްރޮޑިއުސަރުންނާއި ފިލްްމު ޓީމުން އުފަލުން ތިބީ ފޮޅިފައެވެ. އެކަމާ ގުޅިގެން ޓްރޭޑް އެނަލިސްޓް ކޮމަލް ނަހްތާ ކުރި ސުވާލެއްގައި އަޔާން ބުނީ، އެ ފިލްމު އުފެއްދީ އެތައް ބައެއްގެ ބޮޑު ގުރުބާނީއަކާއެކު ކަމަށެވެ. "ބްރައްމަސްތުރާ" ގެ މަސައްކަތް ދިގުލައިގެން ދިޔަ ނަމަވެސް އޭނާގެ ގާތް އެކުވެރިޔާ ރަންބީރު ފިލްމު ކުޅެދިނުމަށް އަގެއް ނުނަގާ ކަމަށް އަޔާން ވެސް ވަނީ ބުނެފައެވެ.
"ބްރައްމަސްތުރާ: ޕާޓް ވަން-ޝިވާ" ގެ ކާސްޓްގައި އަމީތާބް ބައްޗަން، މޯނީ ރޯއީ، ނާގައަރްޖުނާ އަދި ޑިމްޕަލް ކަޕާޑިއާގެ އިތުރުން ހާއްސަ ފެނިލުމަކުން ޝާހްރުކް ޚާން ވެސް ފެނިގެންދެއެވެ.