ރާއްޖޭގައި އެންމެ ފަހުން އުފެއްދި ޕާޓީ ކަމުގައިވާ، މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ފުރަތަމަ ކޮންގެރެސް ނިންމާލައިފިއެވެ.
ތާޖުއްދީން ސްކޫލްގައި ދެދުވަހުގެ މުއްދަދަތަށް ކުރިޔަށްދިޔަ، 270 އަށްވުރެ ގިނަ މެމްބަރުން ބައިވެރިވި އެމްއެންޕީގެ ފުރަތަމަ ކޮންގްރެސްގައި ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައެޅި އެ ޕާޓީގެ އާންމު ސިޔާސަތުތައް ފާސްކޮށްފައި ވެއެވެ.
މި ކޮންގްރެސްގައި ފާސްކުރ،ި އެ ޕާޓީގެ އާންމު ސިޔާސަތު ކަނޑައަޅާފައި ވަނީ މައިގަނޑު ނުވަ ދާއިރާއަކަށް ބަހާލައިގެންނެވެ. އެއީ، ދީނާއި ގައުމިއްޔަތު، ފުންދުންތެރި ދިވެއްސެއް، ހައްގުތަކާއި ހިޔާވަހިކަން، ގައުމީ އުފެއްދުންތެރިކަމާއި ތަރައްގީ، އިގުތިސާދާއި ދަތުރުފަތުރު، ހެޔޮ ވެރިކަން، އަދުލު އިންސާފާއި މުޖުތަމައުގެ ސަލާމަތްތެރިކަން، ވެށީގެ ރައްކާތެރިކަން އަދި ޖިސްމާނީ އާއި ނަފުސާނީ ދުޅަހެޔޮ ކަމުގެ މައްޗަށެވެ.
ފާއިތުވެ ދިޔަ ދެ ދުވަސް ތެރޭގައި، ޕާޓީގެ ސިޔާސަތުތަކާ ބެހޭ ގޮތުން ހިޔާލު ފާޅުކޮށް ފުޅާ ދާއިރާއެއްގައި މި ކޮންގްރެސްގައި މަޝްވަރާ ކުރެވިގެން ދިޔައިރު، ޖުމްލަ 58 ސިޔާސަތެއް "މޯލްޑިވްސް ނެޝެނަލް ޕާޓީގެ އާންމު ސިޔާސަތު" ގެ ނަމުގައި ކޮންވެންޝަންގެ ބައިވެރިންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
އޭގެ އިތުރުން އެމްއެންޕީގެ ކޮންވެންޝަންގައި ޕާޓީގެ އަސާސީ ގަވާއިދަށް ބައެއް އިސްލާހުތައްވެސް ހުށަހަޅާ ފާސްކޮށްފައިވެއެވެ. ޕާޓީގެ އަސާސީ ޤަވާޢިދަށް ހުށަހެޅުނު އިސްލާހުތައްވެސް ފާސްކޮށްފައިވަނީ ބައިވެރިންގެ އިއްތިފާގުންނެވެ.
ކޮންގްރެސްގެ ނިންމުމުގެ ޖަލްސާގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ބައެއް ގައުމުތަކުގެ ސަފީރުން ބައިވެރިވެ ވަޑައިގެންފިއެވެ.
މިޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ސަފީރުންގެ ތެރޭގައި، ހައި ކޮމިޝަނަރ އޮފް އިންޑިއާ، މުނޫ މަހާވަރު ހައި ކޮމިޝަނަރ އޮފް ޕާކިސްތާން، ރިޓަޔަރޑް އެޑްމިރަލް އަޚްތަރު މުޚްތާރު ޖެޕެނީސް އެމްބެސެޑަރ، ޖަޕާނުގެ ސަފީރު ޓަކިއޯޝީ މިޑޯރީ އާއި، ހައި ކޮމިޝަނަރ އޮފް ބަންގްލާދޭޝް ރިޓަޔަރޑް އެޑްމިރަލް އެސް. އެމް. އަބްދުލް ކަލާމް އާޒާދު އާއި ސްރީ ލަންކާގެ ސަފީރާއި، ޑައިރެކްޓަރ އޮފް ޕޮލިޓިކަލް ސެކްޝަން އޮފް ޗައިނާ އަބްދުލް ޣާފޫރު މުހައްމަދުވެސް ހިމެނިވަޑައިގަންނަވައެވެ.
މިޖަލްސާގައި ނަޝީދުގެ އިތުރުން ބައެއް ގައުމުތަކުގެ ސަފީރުން ބައިވެރިވެ ވަޑައިގެންފައިވާއިރު، އެހެން އެއްވެސް ސިޔާސީ ޕާޓީއެއްގެ ރައީސަކު މި ޖަލްސާގައި ބައިވެރިވެ ވަޑައިގެންފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ