ރާއްޖޭގައި މަސައްކަތް ކުރާ ގިނަ ސިޔާސީ ޕާޓީތަކީ ވަކި މީހެއްގެ ވަށައިގެން ވަކި މީހެއްގެ މަސްލަހަތުގައި މަސައްކަތް ކުރާ ޕާޓީތަކެއް ކަމަށާއި، އެގޮތަށް މަސައްކަތްކޮށްގެން ޤައުމުގައި ހުރި މައްސަލަތަކަށް ހައްލު ނުހޯދޭނެކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އެންމެ ފަހުން އުފެއްދި ޕާޓީގެ ފުރަތަމަ ޤައުމީ ޖަލްސާ ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ މަސައްކަތުން ގައުމަށް ފުރިހަމަ ބަދަލެއް ގެންނަން ރިޔާސީ އިންތިހާބުގައި ވާދަކޮށް، ކާމިޔާބުކުރަން ޖެހޭ ކަމަށެވެ. އެހެންވެ، އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ކެންޑިޑޭޓަކު ނުކުންނަވާނެ ކަމަށެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގައި ގިނައީ އަމިއްލަ މަސްލަހަތު ހިމާތްކުރުމަށް ހަދާފައިވާ ޒިންމާދާރުކަން ކުޑަ ޕާޓީތަކެއް ކަމަށެވެ. އެހެން ނަމަވެސް އެމްއެންޕީން ވަނީ އެހެން ސިޔާސީ ޕާޓީތަކުން ނުދައްކާ ނަމޫނާ ފާއިތުވި ދުވަސްތަކުގައި ދައްކާފައި ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އިންތިހާބުތަކުގައި އެ ޕާޓީން ފާއިތުވި މުއްދަތުތަކުގައި ބައިވެރިވުމަކީ އޭގެ އެއް މިސާލުކަމަށް ނާޒިމް ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގެ ގިނަ ޕާޓީތަކަކީ އިންތިހާބުތަކުގައި ބައިވެރިވުމުގެ ސަގާފަތެއް ދަމަހައްޓާ ޕާޓީއެއްނޫން. މީގެ އިތުރުން ފަރުދީ މަސްލަހަތުތަކެއް ހިމާޔަތްކުރަން ހަދާ ޒިންމާދާރުކަން ކުޑަ އުސޫލުތަކެއް ގެންގުޅޭ ޕާޓީތަކެއް އަޅުގަނޑުމެންގެ ތެރެއިން މިއަދު ފެންނަނީ. މި ޕާޓީ މިދަނީ އެފަދަ ޕާޓީތަކަށް ނަމޫނާ ދައްކަމުން. މި ޕާޓީން މިދަނީ އެހެން ޕާޓީތަކަށް ގޮންޖަހަމުން.
– ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މިއަދު ރާއްޖެ ވެއްޓިފައިވާ ހާލަތަކީ އެއްވެސް މީހަކު ގަބޫލުކުރަން ބޭނުންވާ ހާލަތެއް ނޫން ކަމަށެވެ. މި ހާލަތުން އަރައިގަތުމަކީ އެންމެންވެސް ކުރަމުންދާ އުއްމީދެއް ކަމަށާއި މިފަދަ ހާލަތަކުން އަރައިގަތުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
އަމިއްލަ މަންފާއެއް އޮތް ކަންކަމުގައި ކުރިއަށް ދާން ބޭނުންވި ނަމަވެސް ގައުމުގެ ހާލަތު އޮތް ގޮތުން ގައުމަށް އިސްކަން ދޭން ޖެހިއްޖެ.
– ނާޒިމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރުކަންވެސް ކުރައްވާ މުހައްމަދު ނާޒިމް ވިދާޅުވީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ގައުމު މިއަދު އޮތް ހާލަތުގެ ގޮތުން ހިތާމަކުރައްވާ ކަމަށެވެ. ނާޒިމް ވިދާޅުވީ މިއަދު އެންމެ އެދެވޭ ގޮތެއްގައި މަސައްކަތް ކުރެވޭނީ ސިޔާސީ ޕާޓީއެއްގެ ތެރެއިން ކަމަށް އިއްތިފާގުވެވި ޕާޓީ އުފެއްދީ ކަމަށާއި އެ މަސައްކަތަށް ގިނަ ބައެއްގެ ތާއީދުވެސް ލިބިގެންދާ ކަމަށެވެ.
އޭނާ ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުނުކުރެވި އެތައް މައްސަލަތަކެއް ފެންމަތިވަމުންދާއިރު ވެސް އެ ކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ބަދަލުގައި ސަރުކާރުތަކުން މަސައްކަތްކުރީ ސިޔާސީ މަންފާއެއް ހޯދުމަށް ކަމަށެވެ. އެކަަމަކު އެމްއެންޕީ އަށް ވެރިކަން ލިބިއްޖެ ނަަމަ، އެ ކަމަށް ދާއިމީ ހައްލެއް ހޯއްދަވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ކޮންމެ ސަރުކާރަކުން ވެސް މި ފެންނަނީ ގޯތި ދިނުމުގައި ފްލެޓް ދިނުމުގައި ދެފުށް ނުފެންނަ ވަގުތީ އެކި މިންގަނޑުތައް ހަދައި އެބަޔަކު ބޭނުންވާ ބަޔަކަށް ދޭ މަންޒަރު. ރައްޔިތުން ބިކަވަނީ. އެތަކެއް މައްސަލަތަކެއް ބޮލުގައި އަޅައިގެން މުޅި ރޭ ބޮލު ރިހުމެއްގައި އުޅެން މި ޖެހެނީ. އަޅުގަނޑުމެންނަށް އެ މަންޒަރު ރައްޔިތުން އުޅޭ ހާލު ފެނިއްޖެ. އަޅުގަނޑުމެންނަށް އިވިއްޖެ. އަޅުގަނޑުމެންނަށް ގަބޫލު ކުރެވިއްޖެ. މި ޕާޓީގެ ސިޔާސަތު ބައްޓަން ކުރާނީ މި މައްސަލަ އަށް ދެމެހެއްޓެނިވި ގޮތެއްގައި ހައްލު ހޯދަން.
– ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްވެސް ޕާޓީން ހުއްޓުމެއް ނެތި ކުރަމުންދާނެ ކަމަށެވެ. އެގޮތުން މަޖިލީހުގައި މިނިސްޓަރުން ހާޒިރުކޮށް ދާއިރާއާ ގުޅުންހުރި ސުވާލުތައް ކުރެވިފައިވާ ކަމަށާއި އަދި ބައެއް ބިލްތައްވެސް މިހާރު މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ