މިއަހަރުގެ ޔޯގާ ދުވަސް ފާހަގަ ކުރަމުން ދަނިކޮށް ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރު ކުރި ދީނީ އިލްމުވެރިޔާ ޝައިހް ފަޒްލޫން މުހައްމަދު ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރުކުރީ ގޯސްކޮށް ކަމަށް މިއަދު ހައި ކޯޓުން ހުކުމް ކޮށްފިއެވެ.
ފާއިތުވެދިޔަ ޖުލައިމަހުގެ 25ވަނަ ދުވަހު ކުރިމިނަލް ކޯޓުން ފަޒްލޫން ދޫކޮށްލުމަށް ހުކުމް ކޮށްފައިވަނީ ޝަރުތަތަކާއެކުއެވެ. އެ ޝަރުތުތަކަކީ ރާއްޖެއިން ބޭރަށް ފުރައިގެން ދާނަމަ ކޯޓަށް އެންގުމާއި، އަދި އޭގެ އިތުރުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމެވެ.
އެހެންނަމަވެސް އޭނާ ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ޖަލައިމަހުގެ 25ވަނަ ދުވަހު ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރިއެވެ. ދައުލަތުން މިމައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރީ އޭނާ ބަންދުން ދޫކޮށްފައި ބަހައްޓައިފިނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތްކަމަށް ބުނެއެވެ. އަދި އޭނާ ބަންދުގައި ބެހެއްޓުމަށް އެކަށީގެންވާ ހެކި ހުރިކަމަށްވެސް ދައުލަތުން ބުނެފައި ވެއެވެ.
މި މައްސަލާގައި ހައި ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، ފަޒްލޫން ބަންދުން ދޫކޮށްލުމަށް ޖުލައިމަހުގެ 21ވަނަ ދުވަހު ކުރި އަމުރާއި އަދި ބަންދު ކުރުމަށް އެމަހުގެ 5 ވަނަ ދުވަހު ކުރި އަމުރާ އަޅާ ބަލާއިރު ހެކީގެ ނިސްބަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމުގައެވެ.
ހައި ކޯޓުން އިއްވި ހުކުމުގައިވަނީ، ހުޖަމާއަތް ހަދައިގެން ކުރާ ކުށެއްގެ ތުހުމަތު ކުރެވޭ މީހެއްގެ ބައިވެރިވުން ކުޑަކަމަށް ފާހަގަވާނަމަ ނުވަތަ އެފަރާތެއްގެ ބައިވެރިން އެ މައްސަލައެއްގައި ކުޑަކަމަށް ފާހަގަވާނަމަ އަދި އަނިޔާއެއް ނޫނީ ނުރައްކާތެރި ކަމެއް ކުޑަވާނަމަ ބަންދަށް ލުޔެއް ދިނުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށާއި، އެގޮތުގެމަތިން ލުއިދޭނަމަ އެކަމުގެ ސަބަބު ފަނޑިޔާރު ބަޔާންކުރައްވަންވާނެ ކަމަށެވެ. އެހެންނަމަވެސް ފަޒުލޫން ބަންދުން ދޫކޮށްލުމަށް ދަށު ކޯޓުން ކުރި އަމުރުގައި އެސަބަބު ސާފުކޮށްދީފައި ނުވާ ކަމަށެވެ.
ފަނޑިޔާރު ހުސެއިން މަޒީދު އާއި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ އިތުރުން ފަނޑިޔާރު ހުޒެއިފާ މުހައްމަދު ރިޔާސަތު ބެލެހެއްޓެވި ހައިކޯޓުގެ ބެންޗުން ކުރި ހުކުމްގައި އަމުރު ކޮށްފައިވަނީ، ދައުލަތުން ފަޒްލޫން ބަންދުކުރުމަށް ކުރިޔަށް އޮތް 7 ދުވަހުގެ ތެރޭގައި އެދިއްޖެނަމަ އެ މައްސަލައާއި ގުޅިގެން ކުރިމިނަލް ކޯޓުން އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ