މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ފަރްހާން އަޚްތަރު ގެނެސްދޭ "ޑޮން" ފިލްމު ސީރީޒްގެ 3 ވަނަ ފިލްމު ކަމުގައިވާ "ޑޮން 3″ އިން ފެނިގެންދާނީ ބޮލީވުޑްގެ ވަރުގަދަ ތިން ތަރިން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މީގެ ކުރިން ދެ ފިލްމު ކަމުގައިވާ "ޑޮން" އަދި "ޑޮން 2″ގެ ބަތަލަކީ ޝާހްރުކް ޚާނެވެ. ޝާހްގެ ބިޒީ ޝެޑިއުލްގެ ސަބަބުން "ޑޮން 3″ ނުކުޅޭނެ ކަމަށް ވަނީ ޚަބަރުތަށް ބުނެފައެވެ.
ނަމަވެސް "ޑޮން 3″ގެ ކާސްޓުގައި ބޮލީވުޑްގެ ނަން މަޝްހޫރު ތިން ތަރިން ކަމުގައިވާ އަމިތާބް ބައްޗަން އާއި ރަންވީރު ސިންގް އާއެކު ކުރީގެ ފިލްމުގެ ބަތަލު ޝާހްރުކް ވެސް ފެންނާނެ ކަމަށް އެންމެ ފަހުގެ ޚަބަރުތަށް މިހާރު އަންނަނީ ބުނަމުންނެވެ.
ޝާހްރުކް ކުޅުނު "ޑޮން" އަކީ 1978ގައި އަމީތާބް ގެނެސްދިން "ޑޮން" ގެ ރިމޭކެކެވެ. ޑޮންއަކީ 1978 ގައި ސަލީމް ޚާނާއި ފަރްހާންގެ ބައްޕަ ޖާވިދު އަޚްތަރު ލިޔެ، ނަރީމަން އިރާނީ ޕްރޮޑިއުސްކުރި ކްރައިމް އެކްޝަން ތުރިލާއެކެވެ. އެ ފިލްމުގައި ޑޮންގެ ރޯލު ކުޅުނީ އަމީތާބެވެ.
ރިޕޯޓްތައް މިހާރު ބުނާ ގޮތުން "ޑޮން 3″ ގެ ސްކްރީންޕްލޭ ފަރްހާން ލިޔަމުން އަންނަނީ ތިން ޑޮން ހިމެނޭ ގޮތަށެވެ. އެގޮތުން ތިން ވަނަ ބަޔަށް ޝާހްރުކާއި އަމީތާބްގެ އިތުރުން ރަންވީރު ގެންނަން މަސައްކަތް ކުރާއިރު، އެ މީހުންނަށް މީގެ ވާހަކަ ވެސް މިހާރު ނެރޭޓްކޮށް ދީފައި ވާކަމަށް ޚަބަރުތައް ބުނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގައި މައިގަނޑު ގޮތެއްގައި ފެންނާނީ ޝާހް އާއި އަމީތާބެވެ. އަދި ރަންވީރު ޑޮންގެ ގޮތުގައި ފެންނާނީ އެކްސްޓެންޑެޑް ކެމިއޯއަކުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ޑޮން 3 އަކީ ޝާހްގެ ސަޕޯޓަރުން އެންމެ އިންތިޒާރުކުރަމުން އަންނަ އެއް ފިލްމެވެ. މި ފިލްމާ ގުޅޭގޮތުން މިހާތަނަށް ފަރްހާން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ފަރްހާންގެ ފިލްމީ އެހެން މަސައްކަތް ތަކަށް ބަލާއިރު އޭނާ އެންމެ ފަހުން އިއުލާން ކުރީ "ޖީ ލޭ ޒަރާ" ކިޔާ ރޯޑް ޓްރިޕް ފިލްމެކެވެ. އޭގެ ކާސްޓަކީ ޕްރިޔަންކާ ޗޯޕްރާ، ކެޓްރީނާ ކައިފްގެ އިތުރުން އާލިއާ ބަޓެވެ.
ކޮމެންޓު ފޮނުވާ