މިހާރުން ފެށިގެން ގްރީންޓެކްސް ނެގޭގޮތަށް ގެނައި އިސްލާޙާއެކު 2 ބިލެއް ތަސްދިޤުކޮށްފި

މިހާރުން ފެށިގެން ގްރީންޓެކްސް ނެގޭގޮތަށް ގެނައި އިސްލާޙާއެކު 2 ބިލެއް ތަސްދިޤުކޮށްފި

ދެޤާނޫނަކަށް އިސްލާޙު ގެނެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދެ ބިލެއް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤުކުރައްވައިފިއެވެ.

އޭގެތެރެއިން އެއް ބިލަކީ ވަޒީފާއާބެހޭ ޤާނޫނަށް 7ވަނަ އިސްލާޙް ގެނައުމުގެ ބިލެވެ. މި ބިލަކީ، މި އަހަރުގެ ސެޕްޓެންބަރު 21ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 16ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މިޤާނޫނަށް ގެނައި މައިގަނޑު އިސްލާޙަކީ، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ފަރާތަކީ ބިދޭސީއެއްނަމަ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތަށާއި ޤައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިޢާޔަތްކޮށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ދޭ ލަފާގެމަތިން، މިނިސްޓަރކުރާ އަމުރަށް ވަޒީފާދޭ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ތާރީޚެއް މިނިސްޓަރ ކަނޑައަޅައި ޢާންމުކޮށް އިޢުލާން ކުރަންވާނެކަމަށް ޤާނޫނުގައި ކަނޑައެޅުމެވެ.

މިޤާނޫނު ތަސްދީޤުކުރެއްވުމާއި އެކު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް ޢަމަލުކުރަން ފެށިފައެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 12ވަނަ އިސްލާޙް ގެނައުމުގެ ބިލުވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީޤު ކުރައްވާފައެވެ. މި ބިލަކީ، މި އަހަރުގެ ސެޕްޓެންބަރު 21 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 12ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ގެނައި މައިގަނޑު އިސްލާޙަކީ، އެ ޤާނޫނުގެ 11ވަނަ އިޞްލާޙުގައި ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، ޓޫރިސްޓުންގެ އަތުން ނެގޭނެކަމަށް ބަޔާންކޮށްފައިވާ ގްރީން ޓެކްސް ނެގުން 1 ޖަނަވަރީ 2023 އިން ފެށިގެން ނެގުމަށް އޮތް އޮތުން މިހާރުން ފެށިގެން ވެސް ނެގޭނެގޮތަށް މަގުފަހިކޮށްދިނުމެވެ.

މީގެ އިތުރުން ވެސް މި ޤާނޫނަށް 12ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާ ހަމައަށް ހިނގާފައިވާ މުއްދަތުގެ ތެރޭގައި، ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެކަމަށާއި، ގްރީން ޓެކްސް، މި ޤާނޫނުގައި ބަޔާންކުރާ ފަރާތެއް ފިޔަވައި އެހެން ފަރާތެއްގެ އަތުން ނަގާފައިވާނަމަ، ނުވަތަ ނަގަންޖެހޭ ޢަދަދަށްވުރެ އިތުރަށް އެއްވެސް ފަރާތެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެކަމުގައި ވަނީ ބަޔާންކޮށްފައެވެ.

މިޤާނޫނުވެސް ތަސްދީޤުކުރެއްވުމާއެކު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް ޢަމަލުކުރަން ފެށިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.