ބޮޑުންނަށް އަބަދުވެސް މޮޅު ގޮތް! ޝަރުއީ ދާއިރާއަށް އޮތް އިތުބާރު ދަނީ ހައްތަހާ ކުޑަވަމުން!

ބޮޑުންނަށް އަބަދުވެސް މޮޅު ގޮތް! ޝަރުއީ ދާއިރާއަށް އޮތް އިތުބާރު ދަނީ ހައްތަހާ ކުޑަވަމުން!

2008ވަނަ އަހަރު ދިވެހިން ބަލައިގެންފައިވާ ޒަމާނީ ޑިކޮރަސީއާއެކު ގިނަބަޔަކު ދެކެފައިވާ އެންމެ ފޮނި ހުވަފެނަކީ، އޭގެކުރިން އެތައް ޒަމާނެއް ވަންދެން ގެއްލިފައި އޮތް އަދުލު އިންސާފު ގާއިމުވެ، ފަނޑިޔާރު ގެއިން އިންސާފު ލިބިގެންދާނޭކަމުގެ ހުވަފެންތަކެވެ. އަދި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ވަކާލާތުކޮށް، އެ މަސައްކަތުގެ އެންމެ ކުރީ ސަފަށް ނިކުމެ، އިންސާފާއި ހަމަހަމަކަމަށް ވަކާލާތު ކުރުމުގެ ނަމުގައި މެޑަލް ޖަހަމުންދިޔަ ފަރާތްތަކުންވެސް ފާއިތުވި 15 ވަރަކަށް އަހަރު ދުވަހުގައިވެސް، އައިހާ އިންތިޚާބެއްގައި ރައްޔިތުންނަށް ވެފައިވާ ވައުދަކީ ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ވައުދެވެ.

ރިޔާސީ އިންތިޚާބުތަކުގައި ދައްކަމުން ދިޔަހާވެސް ވާހަކައަކީ ފަނޑިޔާރުގެ އިސްލާހު ކޮށްގެން މެނުވީ އިންސާފެއް ލިބެން ނެތްކަމަށާއި، ވެރިކަމަށް އާދެއްވިއްޖެނަމަ، އެންމެ ފުރަތަމަ ޒިންމާއަކަށް ފަނޑިޔާރުގެއަށް އިސްލާހީ ހެޔޮ ބަދަލު ގެނައުން ހައްދަވާނޭކަމުގެ ވައުދުތަކެވެ.

ކުރުކޮށް ދަންނަަވަނީ، ޑިމޮކްރަސީގައި ދިވެހިރާއްޖެ ހޭދަ ކޮށްފައިވާ ކުރު މުއްދަތުގައި، ޑިމޮކްރަސީގެ ނަމުގައި މެޑަލް ޖަހަމުން އައި ފަރާތްތަކުން އެފަރާތްތަކުގެ ސިޔާސީ މަގުސަދުތައް ހާސިލްކުރުމަށް ބޭނުންކޮށްފައިވާ ހަތިޔާރެއްގެ ގޮތުގައި ފެންނާން އޮތީ ފަނޑިޔާރުގެއެވެ. ޝަރުއީ ދާއިރާއެވެ. އެތަނުން އިންސާފު ނުލިބިގެން ކޮށްފައިވާ ޝަކުވާތަކާއި، ފާޅުކުރި އުދާސްތަކެވެ. އިންސާފު ލިބެންޖެހޭކަމަށް ކުރި ވަކާލާތު ކުރުންތަކާއި، އެ ބަހަނާގައި ޝަރުއީ ދާއިރާއަށް އަމާޒު ކުރި ފާޑު ކިޔުންތަކެވެ.

ރައީސް މައުމޫން އާގާނޫނު އަސާސީ ތަސްދީގު ކުރައްވަނީ: އާ ގާނޫނު އަސާސީއާއެކު, އިންސާފު ކަށަވަރު ވެގެންދާނޭކަމުގައި ގިނަބަޔަކު އުއްމީދު ކޮށްފައިވޭ

ހަމައެއާއެކު، ފަނޑިޔާރުން ހުކުމް ކުރާގޮތް ކަމުނުގޮސްގެން، ނުފޫޒާއި ޕްރެޝަރުތަކުން ފަނޑިޔާރުން މިންޖުކުރުމަށް، ޖޭއެސްސީ އިސްލާހު ކުރާނޭކަމަށް ވިދާޅުވެ، ކޮށްފައިވާ ޕްލޭންތަކުގެ ގޮތުގައި ރައްޔިތުންނަށް ދެއްކިހާ ދަޅަތަކެވެ. މި ހުރިހާ ކަމެއް މިއަދު ބިލާހަކަށްވެ ނިމެމުން ދާއިރު، މިއަދު ފެނިގެން މިދަނީ، ޑިމޮކްރަސީގެ ނަމުން މެޑަޖެހި ފަރާތްތަކަށް، ޝަރުއީ ކޯޓުން އެފަރާތްތަކުގެ މައްޗަށް ހުކުމް ކުރާންވެސް ޖެހިފައި އޮތްތަނެވެ.

ތިމާމެންގެ މުޅި ހަޔާތުގައި ދައްކަމުން އައިހާ ވާހަކަތަކުގެ މައްޗަށް ތިމާމެން އިމްތިހާން ކުރެވިގެން މިހިރަގެން ދަނީއެވެ. ހާލަތު މިބީދައިން ކުރިމަތިވެ، އިންސާފާއި ހަމަހަމަކަމަށް ވަކާލާތު ކުރަމުން އައިފަރާތްތަކުން، އެބޭފުޅުން ވަކާލާތު ކުރަމުންއައި އިންސާފުގެ ކުރިމައްޗަށް ޚުދު އެބޭބޭފުޅުން ހާޒިރުވާން ޖެހުމުން، ކުރި ދައުވާތަކާއި، އައި ހުކުމްގެ ބާވަތާއި، މުއްދަތާއި، އަދި މިނޫނަސް އެތައްކަމެއްގެ މައްޗަށް މިއަދު މިއޮތީ، ހަގީގަތް އަތުންހިފި، ލޮލުން ފެންނާންކަމުގައިވެސް މިފުރުސަތުގައި ދަންނަވާން ޖެހެއެވެ.

 

ލިވާތުގެ ނުބައި އަމަލު! އިންސާފު ގާއިމްވެގެން ދިޔަގޮތް ބޮޑު ޖޯކަކަށް!

ދާދިފަހުން ލީކުވެގެންދިޔަ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް ވެގެންދިޔައީ، އެތައް ގޮތަކުން ދިވެހި މުޖުތަމަޢު ހޭލައްވާލި ވީޑިއޯތަކެއް ކަމުގައެވެ.

މިގޮތުން، މި ވީޑިއޯތައް އާންމުވެގެން ދިއުމާއެކު، މި އަމަލު ހިންގި ފަރާތްތައް ހިފާ ހައްޔަރު ކުރުމަށް އެތައް އާންމު ރައްޔިތުންނެއް އެތައް ގޮތަކުން ސަރުކާރަށް ކުރަމުންދިޔަ ޑިމާންޑްތަކާއެކު، މިމައްސަލަ ވެގެން ދިޔައީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން އާންމު ރައްޔިތުން މިމައްސަލަތައް ނިމިގެންދާނެ ގޮތަކާމެދު ފާރަލާ ބަލަމުންދިޔަ މައްސަލަތަކެއް ކަމުގައެވެސް މެއެވެ.

އޭގެ އެއް ސަބަބަކަށް ވެގެންދިޔައީ، ސިޔާސީ ގޮތުން އިސްކޮށް އުޅޭ ބައެއް ފަރާތްތަކާއި، ސިޔާސީ ގޮތުން ނުފޫޒުގަދަ ފަރާތްތަކުގެ ކޮއްކޮއިންނާއި އަދި އެނޫނަސް ދައުލަތުގެ ޒިންމާދާރު މަގާމްތަކުގައި ތިބި ބައެއް ފަރާތްތައް މި ވީޑިއޯތަކުން ފެންނާން ހުރުމެވެ.

ނަތީޖާއެއްގެ ގޮތުން، އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި އާންމުންގެ ގިނަބަޔަކު ފެށުނީއްސުގެ ކުރަމުންދިޔަ ޝައްކުތަކާއި ވަހުމަކަށް ވެގެން ދިޔައީ، މި މައްލަތަކަށް ސިޔާސީ މީހުން އަތްބާނާ، އިންސާފަށް ހުރަސް އަޅާނޭކަމުގެ ޝައްކުތަކާއި ވަހުމްތަކެވެ. ލިވާތު ކުރި މީހުންގެ މައްސަލަތައް އޮއްބާލާ އެމީހުންނާއި ހަމައަށް އިންސާފުގެ ދިގުއަތް ނުފޯރާނޭކަމަށް ގިނަބަޔަކު ކުރި ޝައްކުތަކެވެ.

ލިވާތު ކުރި މައްސަލާގައި އިސްކޮށް އުޅެފައިވާ ބަންގްލާދޭޝްގެ އަލަމްގިރިއާއި އަދި އޭނާއާއެކު އެއް ޖިންސުން ގުޅުން ހިންގުމުގެ މައްސަލާގައި ހުކުމް ކޮށްފައިވާ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ މައްޗަށް އައި ހުކުމްތަކުން މިއަދު ކަށަވަރުވެ ޔަގީންވެގެންދިޔަ އެއް ކަމަކަށް ވެގެންދިޔައީ، އާންމުގެ އެތައް ބައެއްގެ ނުރުހުމާއި ރުޅިވެރިކަން އަމާޒުވެގެންދިޔަ މިމައްސަލާގައި އިންސާފު ގާއިމް ވެގެން ނުދިޔަކަމެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގައި ގޭ ބަންދު ކުރުމަށް ހުކުމް ކޮށްފައިވާ, ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު

މާތްވެގެންވާ އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ، އަދި ހަރާމް ކުރައްވާފައިވާ ބޮޑު ފާފައަކަށް އަރައިގަތުމުންވެސް ކުށްކުރި ފަރާތްތަކުގެ މައްޗަށްއައީ "ރިހާ ހަކުރު ގުޅި ވަގަށް ނެގި މީހާ"ގެ މައްޗަށް އައި ހުކުމަށްވުރެވެސް ލުއި ހުކުމެކެވެ.

ގިނަ ބަޔަކު ގަބޫކުކުރާ ގޮތުގައި، ލިވާތުކޮށްގެން ހައްޔަރު ކުރި ފަރާތްތަކުގެ މައްޗަށް ޝަރީއަތުން ލުއި ހުކުމްތައް އިއްވަމުންދަނީ މިމައްސަލަތަކުގެ ތެރެއަށް ސިޔާސީ ފަރާތްތަކުން އަތް ބޭނުމުގެ ސަބަބުންނެވެ.

އަދި މި ތުހުމަތުތަކަށް ބާރު ލިބިދެނީ، ފެންމަތިވެގެން އުޅޭ އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި، މިހާތަނަށް ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ މައްޗަށް ވެސް ދައުވާ އުފުލީ ޖިންސީ ކުށްތަކަށް އަދަބު ކަނޑައަޅާ ހާއްސަ ގާނޫނު ކަމަށްވާ ޖިންސީ ކުށުގެ ގާނޫނުގެ ބަދަލުގައި ގާނޫނުލްއުގޫބާތުގެ ދަށުން ކަމަށްވާތީއެވެ. އެ ދެ ގާނޫނޫގައި ވެސް އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް ބަޔާންކޮށްފައިވާ ނަމަވެސް، އެ ދެ ގާނޫނުގެ ތެރެއިން ލުއި އަދަބެއް ލިބެނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.

ގާނޫނުލްއުގޫބާތުން ދައުވާ އުފުލުމުން މިމައްސަލައިގައި ހިމެނޭ މީހުންނަށް އެންމެ ބޮޑު އަދަބަކަށް ވެސް އަންނާނީ ނުވަމަހާއި 18 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް ޖިންސީ ކުށުގެ ގާނޫނުން ދައުވާ އުފުލިނަމަ ހަތް އަހަރާއި ދިހަ އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮންނާނެއެވެ.

ލިވާތު ކުރުމުގެ މައްސަލާގައި މިހާރު ހުކުމް ކޮށްފައިވާ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެންމެ 4 މަހަށް ޖަލަށް ލާން ކޯޓުން ހުކުމް ކޮށްފައިވަނީ ކުށަށް އޭނާ އިއުތިރާފުވެ ދެން އެފަދަ ކުށެއް ނުކުރާނެ ކަމަށްބުނެ، ކުށަށް ތައުބާވެފައިވާތީ އާއި އެކަމަށް އޭނާ މައާފަށް އެދިފައިވާތީކަމަށް އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމުގައި ބުނެފައި ވެއެވެ.

އެހެންކަމުން، ނާޒިމް ސައްތާރުގެ މައްޗަށް ކޮށްފައިވާ ހުކުމަށް ބަލާއިރު، މި ފާހިޝް އަމަލު ހިންގި އެހެން ފަރާތްތަކުގެ މައްޗަށްވެސް އަންނާނީ މިބީދައިން ލުއި އަދަބުތަކެކެވެ.

އެހެންކަމުން، ލިވާތުގެ ނުބައި އަމަލު ހިންގި ފަރާތްތަކުގެ މައްޗަށް ލުއި ހުކުމްތަކެއް އަންނަ ގޮތަށް އެމީހުންގެ މައްޗަށް ދައުވާކޮށްގެން، މި ބޮޑު ފާފަ ހިންގުމަށްފަހުވެސް، އިންސާފުން "ބޯ ދަމައިގަތުމުގެ" ފުރުސަތު މި ފަރާތްތަކަށް ލިބިގެން ދިއުމުން، ދިވެހިރާއްޖޭގެ މުޅި ޝަރުއީ ނިޒާމުގެ ތެރެއިން (ތަހުގީގު ކުރުމާއި، ދައުވާ ކުރުމާއި ޝަރީއަތް ކުރުމުގައިވެސް) އަދިވެސް ކަންކަން ހަމަޖެހިފައި މިއޮތީ ނިކަމެތި މިހާއަށް ނިކަމެތިކަން، ބޮޑުންނަށް މޮޅުގޮތްކަމީ ކަށަވަރުވެ ޔަގީންވާ އޮތް ކަމެކެވެ.

 

ބޮޑުންނަށް މޮޅު ގޮތް! ޝަރުއީ ދާއިރާއަށް އޮތް އިތުބާރު ދަނީ ހައްތަހާ ކުޑަވަމުން!

ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރާނޭ ހުރިހާ ދޮރެއް ބަންދު ކުރުމަކީ ކުރީގެ ސަރުކާރުތަކެކޭ އެއްފަދައިން މިސަރުކާރުގެވެސް މުހިންމު ވައުދެކެވެ. އޭގެ ތެރޭގައި ވަކީން ޚާއްސަކޮށް ފަނޑިޔާރުން ނުފޫޒުން މިންޖު ކުރުމަށްޓަކާ، ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމަށް ވީވައުދަށް، ދައުރެއް ނިމިގެންދާއިރުވެސް ވީގޮތެއް އެގޭކަށް ނެތެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ މިހާރުގެ މެމްބަރުން: ގިނަ މެމްބަރުންނަކީ އެބޭފުޅުން އެކޮމިޝަންގައި މިހާރު ތިއްބެވި މަގާމްތަކުގެ ސިޔާސީ މީހުން ނުތިއްބަވަން ވަކާލާތު ކުރެއްވި ބޭފުޅުން

އަދި މިއަދު އެ ކޮމިޝަންގެ ރައީސާއަކަށް، މިވާހަކަ އެންމެ ހަރު އަޑުން ދެއްކެވި އެއްބޭފުޅަކު ހުންނެވިއިރު، ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުން އެ ކޮމިޝަންގައި ދެން އިންނެވި މަޖިލިސް ރައީސް މުހައްމަދު ނަޝީދަކީ، ފަނޑިޔާރުގެ މިނިވަން ކުރާންޖެހޭކަމުގެ ވާހަކަ ދައްކަވައިގެން އެ ވާހަކަތަކުން މެޑަލް ޖައްސަވައިގެން ހުންނެވި ބޭފުޅެކެވެ.

އެހެންނަމަވެސް ބާރުތައް އަމިއްލަ އަތަށް އަރާ، އެ ކޮމިޝަންގައި ހުރެގެން ނުވާނޭކަމަށް މި ބޭބެފުޅުން ވަކާލާތު ކުރައްވަމުން ވަޑައިގެންނެވި މަގާމްތަކަށް އަމިއްލަފުޅަށް ވަޑައިގެންނެވުމުން މާޒީގެ މަތިން މިއަދު ހަދާން ނެތިއްޖެއެވެ.

އަދި، އިންސާފު ގާއިމް ކުރުމަށް ވަކާލާތު ކުރައްވަމުން ވަޑައިގެންނެވި ބޭބޭފުޅުންނާއި އިންސާފު އަރާ ހަމަކުރާން ޖެހުމުން، ޝަރުއީ ދާއިރާގެ ތެރެއިން ކަންވަމުންދާ ގޮތް އޭގެ އިތުރު އެއްވެސް ތަފްސީލަކަށް ދާން ނުޖެހޭނޭ މިންވަރަށް މިއަދު މިއޮތީ ފާޅުވެގެން ގޮސްފައެވެ. އޭގެ ދިރިހުރި މިސާލެއްގެ ގޮތުގައި "އަލަމްގިރި ލިވާތު ކޭސް" މިއޮތީ ފެންނާށެވެ.

އެހެންނަމަވެސް ހިތާމައަކީ، މިހުރިހާ ގުރުބާނީއެއްގެ ކައްފާރާއަކަށް ޝަރުއީ ދާއިރާ ވެގެން ދިއުމުން، އެ ދާއިރާއަށް އޮތް އިތުބާރު ނެތި ގެއްލިގެން ދާދިއުމެވެ. ދުވަހަކު އެ ދާއިރާއާއަށް ހިންދެމި ލެވޭނެ ތަނެއް ނުފެނުމެވެ. އިތުބާރު ގާއިމް ނުވެ، ނުވިތާކަށް އޭގެ ނަތީޖާއެއްގެ ގޮތުން ގައުމުގެ އެއްބައިވަންތަކަން ގެއްލި، ރައްޔިތުން ބިކަވެގެން ދިއުމެވެ. ބޮޑުންނަށް މޮޅުގޮތްވެ، ނިކަމެތީންނަށް ނިކަމެތިކަން ނޫން އެހެން އެއްޗެއް ލިބެން ނެތުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.