ގޯތި ދިނުމުގައި މާލޭ މީހުންގެ ގޮތުގައި ބަލާ މިންގަނޑަށް ލުޔެއް

ގޯތި ދިނުމުގައި މާލޭ މީހުންގެ ގޮތުގައި ބަލާ މިންގަނޑަށް ލުޔެއް

މާލެ ސަރަހައްދުން މާލެ މީހުންނަށް ޚާއްސަކޮށްގެން ގޯތި ދޫކުރާ އުސޫލަށް ލުޔެއް ގެނެސްފިއެވެ.

ގޯތި ދޫކުރުމުގެ އުސޫލަށް ލުޔެއް ދީފައި މިވަނީ އެކަމަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާން ބާކީ 10 ދުވަހަށް ވެފައި ވަނިކޮށެވެ. މިހާރު އޮތް އުސޫލުގައިވާގޮތުން، ގޯތި ދޫކުރާއިރު މާލެ ރައްޔިތެއްގެ ގޮތުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ނޫން އެހެން ތަނެއްގައި ރަޖިސްޓްރީވެފައި ނުވާ މީހުންނެވެ.

މި އުސޫލަށް އަލަށް ގެނައި ބަދަލުގައިވާ ގޮތުން، މާލެ މީހުންކަމުގައި ވީ ނަމަވެސް ސަރުކާރުން ކަނޑައެޅި އުސޫލެއް ނުވަތަ ގަވާއިދެއްގެ ސަބަބުން ކުރިން އެހެން ތަނެއްގައި ރަޖިސްޓްރީވެފައި އޮތް ނަމަވެސް އެމީހެއްގެ މަންމަ ނުވަތަ ބައްޕަ އަކީ މާލެ މީހެއް ނަމަ އެމީހަކީ މާލެ މީހެއްގެ ގޮތުގައި ބަލާނެއެވެ. ނަމަވެސް މި ބަދަލުގެ ދަށުން މާލެ މީހުންގެ ގޮތުގައި ބަލާނީ އެމީހަކު މިހާރު މާލޭގައި ރަޖިސްޓްރީވެފައިވާ ނަމައެވެ.

މާލެ ސަރަހައްދުން ހަމައެކަނި މާލެ މީހުންނަށް ހިލޭ ގޯތި ދޫކުރާތީ އެކަމާ ގުޅޭގޮތުން އެތައް ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް ދަފްތަރުގައި ތިބި މީހުންނާއި، މާލެ ސަރަހައްދުގައި ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅެފައިވާ މީހުންނަށް އެ ފުރުސަތު ނުލިބުމަކީ ބޮޑު ކަންބޮޑުވުމަކަށް ވެފައިވެއެވެ. އެގޮތުން އުސޫލުގެ ދަށުން ގޯއްޗަށް ކުރިމަތިލެވޭނީ ސީދާ މާލޭގެ ރައްޔިތުންނާއި، މާލެއަށް ހިޖުރަކުރި މީހުންގެ ދަރިންގެ ތެރެއިން މާލެއަށް އުފަން މާލޭގެ ދަފްތަރުގައި ޖެހިފައިވާ މީހުންނަށާއި މައިމުޅަ ވުމުގެ ސަބަބުން ދަފްތަރުގައި ޖެހެން މަޖުބޫރުވެފައިވާ މާލޭގެ ރައްޔިތުންނަށެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށް ދެސްކީމެއްގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރުންވަނީ ޢިއުލާންކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމުގެ 60 މަޝްރޫޢެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އޭގެތެރޭގައި ހިމެނެނީ ފްލެޓު ދޫކުރާ "ގެދޮރުވެރިޔާ" ސްކީމާއި ގޯތިދޫކުރާ "ބިންވެރިޔާ" ސްކީމެވެ. މީގެ ދަށުން ގިރާވަރު ފަޅު ހިއްކައިގެން 2000 ގޯތި އަދި ހުޅުމާލެއިން 1000 ގޯތި މާލޭގެ ރައްޔިތުންނަށް ދޫކުރުމަށްވަނީ ނިންމާފައެވެ. އަދި ހުޅުމާލޭގައި ކުރިއަށްދާ ހައުސިންގ މަޝްރޫޢުތަކުން މާލޭ ރައްޔިތުންނަށް 5000 ހައުސިންގ ޔުނިޓު ދިނުމަށް ނިންމަވާ އިތުރު 2000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށްވެސްވަނީ ނިންމަވާފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. ސަރުކާރުން ވަނީ މާލޭ މީހުންނަށް ގޯތި ދިނުމުގެ އިތުރުން މާލޭ މީހުންނަށް ފްލެޓް ދިނުމަށް ޚާއްސަ ސްކީމެއް ވަނީ އިއުލާންކޮށްފައެވެ. އެ ސްކީމްގެ ދަށުން 4000 ފްލެޓް ދޫކުރާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *