ބޮލީވުޑްގައި ފައިތިލަ ސާބިތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ޒުވާން އެކްޓަރެސް މުރުނާލް ޓާކުރް އޭނާގެ ހަޔާތުގެ ބައިވެރިޔާގައި ހުންނަށް ޖެހޭ ސިފަތައް ކިޔައި ދީފިއެވެ.
"ބަމްބަލް ޔޫޓިއުބް ޗެނަލް" ގެ ދެވަނަ އެޕިސޯޑުގައި މެހެމާނެއްގެ ގޮތުން ބައިވެރިވި މުރްނާލް ވަނީ އޭނާގެ ދިރިއުޅުމާއި ގުޅޭ ގިނަ ވާހަކަ ތަކެއް ހިއްސާ ކޮށްފައެވެ.
އެގޮތުން އޭނާގެ ހަޔާތުގެ ބައިވެރިއެއްގައި ހުންނަން ޖެހޭ ސިފަތައް އޭނާ ވަނީ ކިޔައިދީފައެވެ. މުރްނާލް ބުނި ގޮތުގައި އޭނާއަކީ ބޭރުން ފެންނަ ސިފަތަކަށް ބަލާނެ ތަރިއެއް ނޫނެވެ. އަދި ކުލަ އަށްވެސް ނުބާލާނެ ކަމަށް ބުނެފައި ވެއެވެ.
މުރްނާލް ބުނީ ހިތްހެޔޮ އޭނާދެކެ ލޯބިވާ މީހަކަށް ވުމަކީ ވަރަށް ބޮޑު ޝަރުތެއް ކަމަށާއި ނަމަވެސް ޝަރުތުގެ ލިސްޓްގެ އެއްވަނައިގައި އޮތީ އޭނާ އަކީ ކާކު ކަމާއި އޭނާ ކުރާ މަސައްކަތް އެމީހަކަށް އެނގުން ކަމަށް ބުނެފައިވެއެވެ.
އޭނާ އަކީ ފިލްމު އިންޑަސްޓަރީގައި މަސައްކަތް ކުރާ މީހެއްކަމަށާއި މިއީ ގިނަބަޔަކު ތުހުމަތުގެ އިނގިލި ތައް ދިއްކުރާ އިންޑަސްޓްރީއެއް ކަމަށާއި އެ ހުރިހާ ކަމެއް އެމީހަކަށް އެނގެން ޖެހޭނެ ކަމަށް މުރްނާލް ވަނީ ބުނެފައެވެ.
"އަހަރެންނަކީ އެކްޓަރެއް. އަހަރެން މަސައްކަތް ކުރާނަން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމަށް. އަހަރެންނާއި ގުޅެން ޖެހޭނީ އިންޑަސްޓްރީގައި މަސައްކަތް ކުރުމަކީ ކިހާވަރެއްގެ ކަމެއްކަން އެނގެ މީހެއް"
– މުރުނާލް
މީގެ ކުރިން މުރްނާލް ލޯބީގެ ގޮތުން ގުޅިގެން އުޅުން މިހާއާ ވަކިވާން ޖެހުނު އެއްމެ ބޮޑު އެއް ސަބަބަކީ އޭނާއަށް ފިލްމު އިންޑަސްޓްރީ ނޭނގުން ކަމަށް މީގެ ކުރިން އޭނާ ވަނީ ބުނެފައެވެ.
ފިލްމީ މަސައްކަތަށް ބަލާއިރުގައި އޭނާ އެންމެ ފަހުން ވަނީ މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރާއި އެކު "ޖާޒީ" ގައި ލީޑު ރޯލުން ފެނިގެން ގޮސްފައެވެ. އަދި ހަމަ އެހެންމެ ރިތިކް ރޯޝަން އާއި އެކުގައި 2019 ވަނަ އަހަރު "ސުޕަ 30″ އިން ވެސް އޭނާ ވަނީ ބެލުންތެރިންގެ މަގުބޫލު ކަން ހޯދާފައެވެ.
މުރުނާލްގެ ކުރިއަށް އޮތް ފިލްމް އަކީ މިހާރު މަސައްކަތްތައް ނިމިފައި އޮތް ފިލްމު "ޕިއްޕާ" އެވެ. އެއީ މިއަހަރުގެ ޑިސެމްބަރު މަހު އެޅުވުމަށް މަސައްކަތް ކުރަމުންދާ ފިލްމެކެވެ.