ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައާއި އިނާޔަތް ބޮޑުވެގެން ރައްޔިތުން ނޫޅޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 ގައި ހިފެހެއްޓުމަށް، ޤާނޫނު އަސާސީއަށް މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ ޤާނޫނު އަސާސީއަށް ޤާސިމް ހުށަހެޅުއްވި އިސްލާހަށް ތާއީދު ކުރައްވާކަމަށެެވެ. ނަމަވެސް މަޖިލީހުގައި މެމްބަރުން ތިބޭނީ ކޮން އަދަދަކަށްތޯ ނިންމާނީ ވާހަކަ ދެކެވި ކުރަންޖެހޭ ދިރާސާތައް ކޮށްގެންކަމަށެވެ.
އޭނާ ވިދާޅުވީ މަޖިލީހުގައި ކުރެވޭ މަސަކަތްތަކާއިމެދު ރައްޔިތުން ސުވާލު އުފައްދަނީ އުފެއްދުންތެރި މަސައްކަތްތަކެއް ނުފެނިގެން ނޫނީ އެނޫންވެސް ސަބަބައި ހުރެގެން ކަމަށެވެ. އެއްވެސް ހާލެއްގައި މަޖިލީހުގެ މެމްބަރުންނަށް ލިބޭ މުސާރައާއި އިނާޔަތްތައް ބޮޑުވެގެން ކަންބޮޑުވާ އެއްވެސް ރައްޔިތަކު ނެތްކަމަށް ޣަފޫރު ވިދާޅުވިއެެވެ.
އަޅުގަނޑު މަޖިލީހުގައި އިންނަތާވެސް 15 ވަރަކަށް އަހަރު ވެއްޖެ. އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންވެސް ދުވަހަކުވެސް ނޫޅޭ އަޅުގަނޑުގެ މުސާރައާއި އިނާޔަތް ބޮޑުވެގެން. ރައްޔިތުންގެ ޝަކުވާއަކީ ކަންބޮޑުވުމަކީ މެމްބަރުންގެ އިޚުލާސްތެރިކަން.
– ޣަފޫރު ވިދަޅުވިއެވެ.
ޣަފޫރުވަނީ ޤާނޫނު އަސާސީއަށް އިސްލާހުތައް ގެންނައިރު މަޖިލީހުގެ މެމްބަރުންގެ އަދަދު އެކަނި ވަކި ވަރެއްގައި ހިފެހެއްޓުމަށްވުރެ ބޮޑަށް ވިސްނަން ޖެހޭކަމަށް ވިދާޅުވެފައެވެ. އެގޮތުން މިނިވަން ކޮމިޝަންތަކުގައި މިހާރު މެމްބަރުން ކަނޑައަޅާފައިވާ އަދަދަށް ބަދަލު ގެނައުމަކީވެސް މުހިންމު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ޤާސިމްގެ އިސްލާހުގައި ބުނެފައިވަނީ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކު ދައުރެއް ނިމޭއިރު އިތުރުވާ ގޮތަށް އޮވެއްޖެނަމަ އެއީ ރާއްޖެފަދަ ކުޑަ ޤައުމެއްގެ ޤާނޫނު ހަދާ މަޖިލީހަކަށް އެކަށީގެން ނުވާ އަދަދަކަށް ވެދާނެކަމަށެވެ. އަދި މިގޮތަށް މެމްބަރުންގެ އަދަދު އިތުރުވާނަމަ އެއީ އިޤްތިޞާދީ ގޮތުންނާއި، އެނޫން ގޮތްގޮތުންވެސް ގޮންޖެހުން ކުރިމަތިވެދާނެ ކަމެއްކަމަށް ފެނިވަޑައި ގަންނަވާ ކަމަށް ޤާސިމްގެ އިސްލާހުގައި ވިދާޅުވެފައިވެއެވެ.
އާ ޤާނޫނު އަސާސީގެ ދަށުން މިހާތަނަށް ބޭއްވި ކޮންމެ އިންތިޚާބެއްގައިވެސް މަޖިލީހުގެ އިދާރީ ދާއިރާތައް ވަނީ އިތުރުވެފައެވެ. އެގޮތުން 2009 ވަނަ އަހަރު ބޭއްވި މަޖިލީހުގެ އިންތިޚާބުގައި 77 މެމްބަރުން އަދި 2014 ވަނަ އަހަރުގައި 85 މެމްބަރުން އަދި މިހާރު ކުރިއަށްދާ 19 ވަނަ މަޖިލީހުގައި 87 މެމްބަރުން ތިއްބަވައެވެ.
ޤާނޫނު އަސާސީގައި މިހާރު ބުނާގޮތުން ކޮންމެ 5،000 މީހުންގެ އާބާދީއަކަށް މެމްބަރަކު އިންތިޚާބު ކުރަންޖެހެއެވެ.
One Response
ތިޔައީކަނޑައެޅިގެންދޮގެއް ރައްޔިތުންބޮޑެތިބަލީގައިއެޕޮއިނޓުމެންޓު400 500ގައއޮއްވައިއިއްޒަތްތެރިންގޮސްރައްޔިތުންގެފައިސާގައިސިންގަޕޫރުންފަރުވާހޯދައިގެންއައިސްތިޔަކަހަލަހަޑިވާހަކަދައްކާނަމަރައްދުދެވޭނެ