އަމީނީ މަގު ހަދާތީ، މިނީ ބަހުގެ ޚިދުމަތް 2 ސްޓޮޕަކުން ނުލިބޭނެ

އަމީނީ މަގު ހަދާތީ، މިނީ ބަހުގެ ޚިދުމަތް 2 ސްޓޮޕަކުން ނުލިބޭނެ

އަމީނީ މަގުގެ ތާރަ އެޅުމަށް އެމަގުގެ ބައެއް ބަންދު ކުރުމާއި ގުޅިގެން، ބަންދު ކޮށްފައިވާ ހިސާބުގައި ހިމެނޭ ދެ ބަސް ސްޓޮޕަކަށް މިނީ ބަސް ނުހުއްޓާނޭ ކަމުގައި އެމްޓީޓީސީސީން ބުނެފިއެވެ.

އެމްޓީޓީސީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ބަސް ދަތުރުކުރާ ރޫޓު 11 ގައި ހިމެނޭ ދަރުބާރުގެ އަދި ކުޑަކުދިންގެ ބަގީޗާ ކައިރީގައި ހަދާފައިވާ މި ބަސް ސްޓޮޕްތަކަށް ދަތުރުކުރުން މިވަގުތަށް ހުއްޓާލާފައިވާ ކަމުގައެވެ. އެހެންނަމަވެސް އެ ރޫޓުގައި ހިމެނޭ އެހެން ސްޓޮޕްތަކަށް ކުރިއެކޭވެސް އެއްގޮތަށް ދަތުރު ކުރަމުން ދާނެކަމަށްވެސް އެމްޓީޓީސީސީން ބުނެފައި ވެއެވެ.

އެމް.ޓީ.ސީ.ސީގެ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ދަށުން މާލޭ ސިޓީގައި މިނީ ބަހުގެ ޚިދުމަތްދޭން ފަށާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. ފުރަތަމަ ދެ ހަފްތާގައި މި ޚިދުމަތް ދިނުމަށް ނިންމާފައިވަނީ މުޅިން ހިލޭއެވެ. އެއަށްފަހު ދަތުރަކަށް 7 ރުފިޔާ ނަގާގޮތަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް ސްކޫލް ކުދިންނާއި، 65 އަހަރުން މަތީގެ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މި ޚިދުމަތް ހިލޭ ލިބިގެންދާނެއެވެ.

މިނީ ބަސް ކޮންމެ ދުވަހެއްގެ ފަތިހު 5:45 އިން ދަންވަރު 12:15 އަށް ތިން ރޫޓަކަށް މާލޭގައި ބަސް ދަތުރުކުރާއިރު، 40 ބަސް ހުއްޓި ވަނީ ހަދައިފައެވެ. އެ އިން ކޮންމެ ސަރަހައްދަކަށް ވެސް 10 މިނިޓާއި 15 މިނިޓާ ދެމެދު ބަސް ދަތުރުކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އާރްޓީއެލްގެ 18 މިނީ ބަސް މާލޭގައި ދަތުރުކުރާނެއެވެ. އޭގެ ތެރެއިން 8 ބަހަކީ 20 ސީޓާއެކު ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ފަސޭހައިން އަރައިފޭބޭނެ ގޮތަށް ރޭމްޕް ހުންނަ ބަސްތަކެކެވެ. ބާކީ ބަސްތަކުގައި 22 ސީޓު ހުންނާނެއެވެ. ހުރިހާ ބަހެއްގައި ވެސް އިތުރު 10 މީހުންނަށް ކޮއްޅަށް ތިބެވޭނެހެން ހޭންޑްލް ހުރެއެވެ.

މީގެ ކުރިން، 2011 ވަނަ އަހަރު ވެސް މާލޭގައި ބަހުގެ ހިދުމަތް ވަނީ ދީފައެވެ. އޭރުގެ މާލެ ސިޓީ ކައުންސިލުން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ދަތުރުތައް ވަނީ އަހަރެއް ނުވެ ހުއްޓާލައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *