ދުނިޔޭގެ އެންމެބޮޑު އިޤްތިޞާދު، ޗައިނާއަށް ފާޑުކިޔައިގެން ނުވާނެ: އަސްލަމް

ދުނިޔޭގެ އެންމެބޮޑު އިޤްތިޞާދު، ޗައިނާއަށް ފާޑުކިޔައިގެން ނުވާނެ: އަސްލަމް

Author
މުޙައްމަދު ޝަޒައިމް
19 ނޮވެމްބަރ 2020 09:25
0

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއްޤައުމު އަދި ރާއްޖޭގެ ތަރައްޤީގެ އެންމެބޮޑު އެއްބައިވެރިޔާ ޗައިނާއަށް ފާޑުކިޔައި، ގަދަބަސް ބުނުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފަކުރާ ބަޖެޓްގެ ބަހުސްގެ އެންމެ ފަހު މެމްބަރެއްގެ ގޮތުގައި ބަޖެޓަށް ބަހުސް ކުރައްވަމުން އަސްލަމް ވިދާޅުވީ މިފަހަކަށް އައިސް ރާއްޖޭގެ ތަރައްޤީގައި އެންމެބޮޑު ހިއްސާއެއް އަދާކުރާ ޤައުމުތަކަށް ފާޑުކިޔައި، އެ ޤައުމުތަކާއި އޮތް ގުޅުމަށް ބުރޫއަރާ ހިސާބަށް ކަންކަން ގޮސްފައިވާކަމަށެވެ. ރާއްޖެއަކީ އިޤްތިޞާދީ ގޮތުން ދުނިޔޭގެ ބޮޑެތި ޤައުމުތަކަށް، ޚާއްސަަކޮށް އިންޑިޔާ އާއި ޗައިނާފަދަ ޤައުމުތަކަށް ބަރޯސާ ވާންޖެހޭ ޤައުމުމަކަށް ވާއިރު ރާއްޖެއިން އެޤައުމުތަކަށް ފާޑުކިޔުމަކީ ކޮށްގެން ވާނެ ކަމެއްނޫންކަމަށެވެ.

ޗައިނާއަކީ ދުނިޔޭގެ ދެވަނައަށް އެންމެބޮޑު އިޤްތިޞާދު، އިންޑިޔާއަކީ ދުނިޔޭގެ ފަސްވަނަ އަށް އެންމެބޮޑު އިޤްތިޞާދު. ރާއްޖޭގެ ތަރައްޤީގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަ ދެޤައުމު. އަޅުގަނޑުމެން މި ދެޤައުމަށް ފާޑުކިޔައިގެން ނުވާނެ. މިފަހަކަށް އައިސް އަޅުގަނޑުމެންނަށް ފެނޭ ވަރަށް ބޮޑަށް މި ދެޤައުމަށް ފާޑުކިޔާތަން. މިއީ ވަރަށް ބޮޑު ގޯހެއް.

– އަސްލަމް ވިދާޅުވިއެވެ.

އަސްލަމް މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ދައުލަތުގެ ދަރަންޏާއި ގުޅޭގޮތުން ބޮޑެތި ފާޑުކިޔުންތަކެއް ޗައިނާއަށް އަމާޒުކޮށްފައިވާ ވަގުތެއްގައެވެ. މަޖިލިސް ރައީސް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް ދެއަހަރު ފުރުމުގެ މުނާސަބަތުގައި އެމްޑީޕީގެ ހަރުގޭގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ މިއަދު މިހާތަލަތުގައި އޮތީ ޗައިނާގެ ސަބަބުންކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކާއި، ދަރަނިތައް ހޯދަން މިއަދު ކެނޑިނޭޅި އެޤައުމުން މަސައްކަތް ކުރަމުންދާއިރު، އެބޭފުޅުން ދުނިޔެ މިހާރު އޮތް ހާލަތަށްވެސް ނުބައްލަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާވީ މިސަރުކާރުން މިއަހަރުގެ ބާކީ އޮތްބާގައި ދަރަނީގެ ގޮތުގައި ޗައިނާއަށް 86 މިލިޔަން ޑޮލަރު ދައްކަންޖެހޭކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ޗައިނާއިން ގެންގުޅެނީ ދުނިޔޭގެ އެއްވެސް ޤައުމެއް ނުދަންނަ ބީރައްޓެހި ސިޔާސަތެއް ކަމަށާއި، ދަރަނި ފަސްކުރުމަށް އެދުމުންވެސް އެކަމަށް ޗައިނާ އެއްބަސްވެފައި ނުވާކަމަށެވެ. ނަމަވެސް ކިތަންމެ ވަރަކަށް އެފައިސާ ހޯދަން އައިކަމުގައި ވީނަމަވެސް ނެތް އެއްޗެއް ނުދެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.