ރާއްޖޭގެ ކަނޑު އަޑީގެ ދިރާސާކުރާ ޓީމާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައްދަލުކުރައްވައިފިއެވެ.
އިނގިރޭސިވިލާތުގެ މެރިން ރިސާރޗް އިންސްޓިޓިއުޓެއް ކަމުގައިވާ ނެކްޓަންއާއި ރާއްޖޭގެ މެރިން ރިސަރޗް އިންސްޓިޓިއުޓް ގުޅިގެން ހިންގާ މި ދިރާސާގެ ބައިވެރިން މިވަގުތު އަންނަނީ ލ. އަތޮޅުގައި ހަރަކާތްތެރިވަމުންނެވެ. މި ދިރާސާގައި ނެކްޓަންގެ ފަރާތުން ބޭނުންކުރަމުންދާ މައި ބޯޓު އާރް.ވީ އޮޑެސީއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޚަބާ ދެންނެވީ ނެކްޓަންގެ މިޝަން ޑިރެކްޓަރ އޮލިވަރ ސްޓެއިޑްސްއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގެ ތެރެއިން، މި ދިރާސާގައި ރާއްޖެއާއި އިނގިރޭސިވިލާތުން ބައިވެރިވާ މެރިން ބަޔޮލޮޖިސްޓުންނާއި މެޕިން އެކްސްޕާޓުންނާއި ބައްދަލުކުރައްވާ، އެބޭފުޅުންގެ މަސައްކަތްތައް ވަނީ ބައްލަވާލައްވާފައެވެ. ވަކިން ޚާއްސަކޮށް މި ދިރާސާގައި ބައިވެރިވާ ދިވެހި ޓީމުގެ ފަރާތުން ފާއިތުވި 2 ދުވަހު ކަނޑުގެ 500 މީޓަރު އަޑިއަށްގޮސް މަޢުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވި 4 އެކުއާނައުޓުންނާއެކު އެމަނިކުފާނު ވަނީ ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ. އަދި އެބޭފުޅުންގެ ފަރާތުން ދިރާސާގެ މަސައްކަތް ކުރިއަށްދާގޮތުގެ ތަފްޞީލު ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރެއްވިއެވެ.
— The President's Office (@presidencymv) September 12, 2022
ރާއްޖޭގެ ކަނޑު އަޑީގެ 1000 މީޓަރު އަޑިއަށް ޑައިވްކޮށްގެން ކުރިއަށްގެންދާ މި ދިރާސާތަކުގައި ބައިވެރިވާ ފަރާތްތަކާ ބައްދަލުކުރެއްވުމަަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއާއި، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން ބައިވެރިވެވަޑައިގަތެވެ.
ރާއްޖެއަކީ ވަށައިގެން ކަނޑުއޮތް، އަދި ކަނޑުފަޅުގެ ދިރުންތަކާއި މުއްސަނދިކަމަށް ވަރަށް ބޮޑަށް ބަރޯސާވާ ޤައުމަކަށްވުމާއެކު، މިފަދަ ދިރާސާއެއް ކުރެވިގެންދިއުމަކީ ރާއްޖޭގެ ކަނޑުތަކާއި، ކަނޑުއަޑީގެ ދިރުންތަކާ ގުޅޭ އައު އެތައް ކަމެއް އެނގިގެންދާނެ މުހިއްމު ދިރާސާއެއްގެ ގޮތުގައި އެންވަޔަރަމަންޓް މިނިސްޓަރާއި، ފިޝަރީޒް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މިހާ ފުޅާ ދާއިރާއެއްގައި ކުރެވުމުންދާ ފުރަތަމަ ދިރާސާއެވެ. މި ދިރާސާގެ ތެރެއިން ސަބްމާރސިބަލް ޑައިވްތަކުގައި ކަނޑުތަކުގެ ދިރުންތަކާއި ގުޅޭ އިތުރު ހޯދުންތައް ހޯދާނެއެވެ. މި މިޝަންގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ 2 ސަބްމާރސިބަލް އަދި ރޮބޮޓިކް ސިސްޓަމްތައް ދަނީ ބޭނުންކުރަމުންނެވެ. މި މިޝަންގައި ޖުމްލަ 40 ފަރާތަކުން ބައިވެރިވެއެވެ. އެއީ 16 ދިވެހިންނާއި 24 ބައިނަލްއަޤްވާމީ ޕާޓްނަރުންނެވެ. މި ދިރާސާގައި މަޢުލޫމާތު އެއްކުރުން އަންނަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހާއިހަމައަށް ކުރިއަށްދާނެއެވެ.
ކޮމެންޓު ފޮނުވާ