ފާއިތުވެދިޔަ އަަހަރުގެ ސެޕްޓެމްބަރުމަހު ޔޫއެންގެ އާންމު މަޖިލިހުގެ ރައީސްކަމާއި ހަވާލުވެ ވަޑައިގެންނެވި ރާއްޖޭގެ ފޮރިންގ މިނިސްޓަރ އަބުދުﷲ ޝާހިދުގެ އާންމު މަޖިލީހުގެ ރައީސްކަމުގެ އެއް އަހަރުގެ ދައުރަށް ނިމުން އައިސްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.
އދ.ގެ ރިޔާސަތު ރައްޖޭގެ ފަރާތުން ބެހެލެއްޓެވި ފުރަތަމަ ބޭފުޅެއްގެ ގޮތުގައި، މިހާރުގެ ޚާރިޖީ ވަޒީރު އަބުދުﷲ ޝާހިދު، އާންމު މަޖިލީހުގެ ރިޔާސަތުގައި އެއް އަހަރު ފުރިހަމަ ކުރައްވާ އިއްޔެ މަގާމުން ދުރަށް ވަޑައިގަންނަވަމުން ވިދާޅުވެފައިވަނީ، ހާރިޖީ ޓީމަށް ބުނެލަން ބޭނުންވަނީ އެންމެ ވާހަކައެއް ކަމުގައެވެ. އެއީ 'ކުރެވިއްޖެ’، ކަމުގައެވެ.
ޝާހިދުގެ މި ވާހާކައިން މޭރުން ކުރައްވަން ބޭނުންފުޅުވި އެއް ކަމަކީ، އެއް އަަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާ މަގާމުން ވަކިވެ ވަޑައިގަންނަވާއިރު ހާސިލް ކުރެވިފައިވާ ކާމިޔާބީތަައްކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
މިގޮތުން، މަގާމުގެ މުއްދަތު ފުރިހަމަ ކުރައްވަމުން އދ.ގެ ރިޔާސަތުގައި ރޭ ޝާހިދު ދެއްވި ވަދާއީ ތަގުރީގައިވެސް ވަނީ، ފާއިތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެމަނިކްފާނުގެ ރިޔާސަތުގައި ހާސިލްކުރެވުނު ގިނަ ކާމިޔާބީތަކުގެ މައްޗަށް ބައްލަވާ ވާހަކަ ދައްކަވާފައެވެ.
ޝާހިދު ވިދާޅުވެފައިވަނީ ކުޑަ ގައުމަކަށް ވެސް ބޮޑު ކާމިޔާބީއެއް ހާސިލުކުރެވިދާނެ ކަން ފޮރިން މިނިސްޓްރީގައި މަސައްކަތްކުރައްވާ އެމަނިކްފާނުގެ ހީވާގި ޓީމުން މުޅި ދުނިޔެ އަށް ދައްކައި ދީފި ކަމުގައެވެ.
ޝާހިދުގެ ރިޔާސަތުގެ ވަދާއީ ޖަލްސާގައި ދެއްވި ތަގުރީރަށްފަހު ޔޫއެންގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްވަނީ، ޝާހިދު ރިޔާސަތުގައި ހާސިލް ކުރެވިގެންދިޔަ ކާމިޔާބީ ތަކަށް ތައުރީފްކޮށް ވާހަކަ ދައްކަވާފައެވެ. އަދި ޖަލްސާގެ ހޯލުގައި ތިއްބެވި، އެކި ގައުމުތަކަށް ނިސްބަތްވާ މަންދޫބުންވަނީ، އަތްތިލަބަޑީގެ ހޫނުގަދަ ތަރުހީބެއް ޝާހިދަށް އަރުވާފައެވެ.
ފެއްޓެވީ "އުއްމީދީ ރިޔާސަތެއް"، އަމާޒު ކުރެއްވީ 5 ލަނޑުދަނޑިއެއް ހާސިލް ކުރެއްވުމަށް!
ޔޫއެންގެ އާންމު މަޖިލިހުގެ ރިޔާސަތު ރާއްޖެއަށް ކާމިޔާބު ކުރުމަށްޓަކާ، މެދު ނުކެނޑި އެއް އަހަރުވަންދެން ރާއްޖޭ ފޮރިންގ ސާރވިސްއިން ވަރުގަދަ ކެމްޕޭނެއް ކޮށްފައި ވެއެވެ. އަދި މިމަގާމު ރާއްޖެއަށް ކާމިޔާބުކޮށް، 76 ވަނަ ދައުރުގެ ރިޔާސަތަށް ފޮރިންގ މިނިސްޓަރު އަބުދުﷲ ޝާހިދު އިންތިޚާބުކުރުމަށް ކުރަންޖެހޭ ކެމްޕޭނަށް ޚަރަދު ކުރުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން 4.35 މިލިއަން ރުފިޔާ ހިމަނުއްވާފައިވެސް ވެއެވެ.
މިގޮތުން ކުރެވުނު މި ކެމްޕޭނަށްފަހު ޝާހިދު އާންމު މަޖިލިހުގެ ރިޔާސަތު ކާމިޔާބު ކުރައްވާފައިވަނީ، ފާއިތުވެދިޔަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހު ބޭއްވުނު އިންތިޚާބު، 193 ގައުމު އެކުލެވޭ އާންމު މަޖިލިހުގެ 143 ގައުމުގެ ބޮޑު އަޢުލަބިއްޔަތެއް ހޯއްދަވައިގެންނެވެ.
މި އިންތިޚާބުގައި ޝާހިދުއާއި ވާދަ ކޮށްފައިވަނީ، އަފްގާނިސްތާން ކުރީގެ ފޮރިންގ މިނިސްޓަރ ޑރ. ޒަލްމާއި ރަސޫލުއެވެ. އޭނާއަށް ލިބިގެން ދިޔައީ އެންމެ 48 ވޯޓެވެ.
2021 ސެޕްޓެމްބަރު 14 ގައި ފެށުނު ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ފަރާތުން ރިޔާސަތު ބަލަހައްޓަން ފޮރިން މިނިސްޓަރ ޝާހިދު ނޮމިނޭޓްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްއެވެ. މިއީ އދގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖެއިން ކުރިމަތިލި ފުރަތަމަ ފަހަރެވެ. އަދި ދިވެހިރާއްޖެ ވެގެން މިދިޔައީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން އދގެ ރިޔާސަތު ބެލެެހެއްޓި 6 ވަނަ ގައުމު ކަމުގައެވެ.
ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ 76 ވަނަ ދައުރުގެ ރިޔާސަތަށް ޝާހިދު ވަޑައިގެންނެވީ، މައިގަޑު 5 އަމާޒެއް ހާސިލް ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް، އޭރު ކުރެއްވި ކެމްޕޭނުގައި ވަދުވެ ވަޑައިގަތުމަށްފަހުއެވެ. އަދި 1 އަހަރުގެ ދައުރުގައި ޝާހިދު އާންމު މަޖިލިހުގެ ރައީސްކަން ކުރައްވާފައިވަނީ "ޕްރެސިޑެންސީ އޮފް ހޯޕް" (އުއްމީދީ ރިޔާސަތު) މި ޝިއާރުގެ ދަށުންނެވެ.
މިގޮތުން، "އުއްމީދީ ރިޔާސަތުގައި" ހާސިލް ކުރެއްވުމަށް، ކެމްޕޭންގައި ޝާހިދު ކަނޑައެޅުއްވި މައިގަޑު 5 އަމާޒަކީ:
- ކޯވިޑް19 ކާރިސާއިން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އިސްކަން ދިނުން.
- ކޯވިޑް19 އިން އަރައިގަނެވުމަށްފަހު، އަންނަ ހެޔޮ ބަދަލުތަކަކީ ދެމެހެއްޓެވިނި ބަދަލުތަކަކަށް ހެއްދެވުމަށް އިސްކަން ދިނުން.
- ދުނިޔޭގެ ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކުން ދުނިޔެ ސަލާމަތްކުރުމަށް މެމްބަރު ގައުމުތަކާއެކު މަސައްކަތް ކުރުން.
- ޔުނައިޓެޑް ނޭޝަންއަކީ ހުރިހާ އެންމެންގެވެސް ހައްގުތަކަށް ވަކާލާތު ކުރާނެ މުވައްސަސާއަކަށް ހެދުން. މީގެ ތެރޭގައި ޚާއްސަ ގޮތެއްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަށް ކަށަވަރު ކުރުމަށް މަސައްކަތް ކުރުމާއި، ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް މަސައްކަތްކުރުން ހިމެނޭ.
- ޔޫއެންއަށް އިސްލާހީ ހެޔޮ ބަދަލުތައް ގެނައުން.
ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އަހަރުން އަހަރަށް ދައުރު ވަމުންދާ ގޮތަށް ކަނޑައެޅިފައިވާ ރިޔާސަތެކެވެ. މިގޮތުން، ޝާހިދުގެ ދައުރު ނިމުމާއެކު، މި މަގާމަށް މިހާރުވަނީ އާ ބޭފުޅަކު އައްޔަން ކޮށްފައެވެ. އޭނާއަކީ ހަންގޭރީގެ ބޭފުޅެކެވެ.
ހާސިލްކުރެވުނު ކާމިޔާބީތައް!
ޝާހިދު ޔޫއެންގެ އާންމު މަޖިލިހުގެ ރިޔާސަތަށް ވަޑައިގެންނެވީ، އޭގެ ކުރީގެ ރައީސުންނާއި ޚިލާފަށް، ރިޔާސަތަށް ޚާއްސަ ޝިއާރެއް ހަމަޖައްސަވާ، އަދި 5 ލަނޑުދަނޑިއެއް ހާސިލް ކުރެއްވުމަށް އަމާޒު ކުރައްވައިގެންނެވެ. މިގޮތުން ޝާހިދު ހާސިލް ކުރެއްވުމަށް އެކަށައެޅުއްވި ލަނޑުދަނޑިތަކުގެ ތެރޭގައި، ފާއިތުވެދިޔަ ތަނުގައި، ޔޫއެންގެ ފަހުގެ ތާރީޚުގައި އެއްވެސް ގައުމަކަށް އެ ޖަމިއްޔާއަށް ގެނެވިފައި ނުވާ، ޔޫއެންއަށް އިސްލާހީ ބަދަލު ގެނައުމުގެ ވައުދުވެސް ހިމެނެއެވެ.
ޔޫއެންއަށް އިސްލާހީ ބަދަލު ގެނައުމަކީ ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުން މިއަދުވެސް ވަކާލާތު ކުރަމުންދާ، އެހެންނަމަވެސް މިއަދާއިހަމައަށްވެސް ކާމިޔާބު ކުރެވިފައިނުވާ ލަނޑުދަނޑިއެއްކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެެވެ.
މިއީ، ޔޫއެންގެ އާންމު މަޖިލިހުގެ ރައީސްކަމުގެ ދައުރު ނިމަވާލެއްވުމުގެ ކުރިން ޝާހިދު ބޭއްވެވި އެންމެ ފަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރިންވެސް ޝާހިދުއާއި އަމާޒު ކުރެއްވި ސުވާލެއްވެސް މެއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވަނީ ރިޔާސަތުގައި ހޭދަކުރެއްވި އެއް އަހަރުދުވަހުގެ ތެރޭގައި ގިނަ ގުނަ ގޮންޖެހުންތަކާއިވެސް ކުރިމަތިވެވަޑައިގެންނެވި ކަމަށް ވިދާޅުވެ، ހާސިލްކުރެވުނު ލަނޑުދަނޑިތަކުގެ މައްޗަށް ބައްލަވާލައްވާފައެވެ. އަދި ޔޫއެންއަށް އިސްލާހީ ބަދަލު ގެނައުމަށް ވެވަޑައިގެންނެވި ވައުދު އެންމެ ފުރިހަމަ ގޮތުގައި ހާސިލް ކުރެވިފައި ނުވާކަމަށް އެއްބަސްވެ ވަޑައިގަތެވެ.
އަދި ދައުރުގައި ކުރިމަތުވެވަޑައިގެންނެވި އެންމެ ބޮޑު އެއް ގޮންޖެހުމުގެ ގޮތުގައި، ރަޝިއާއިން ޔޫކުރެއިންގައި ހިންގަމުންދާ އުދުވާން ފާހަގަކުރައްވާ، ވީޓޯ ކުރުމުގެ ބާރު އޮންނަ، ޔޫއެން ސެކިއުރިޓީ ކައުންސިލްގެ މެމްބަރު ގައުމުތައް މިމައްސަލާގައި ޒިންމާދާރު ކުރުވުމަށް އެއް އަހަރުގެ ރިޔާސަތުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައި ވާނެކަމަށްވެސް ވިދާޅުވިއެެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ، ޔުއެންއިން ހޯދާ ކާމިޔާބީތަކުގެ ފަހަތުގައި ތިބެނީ މެމްބަރު ގައުމުތަކާއި ޔުއެންގެ ހީވާގި މުވައްޒަފުން ކަމުގައެވެ. އަދި ދައުރުގައި ހާސިލްކުރެވުނު ކާމީޔާބީއެއްވާނަމަ، އޭގެ ހުރިހާ ޝަރަފެއްވެސް ހައްގުވަނީ އެކީގައި މަސައްކަތް ކުރެއްވި ހީވާގި މުވައްޒަފުންނަށް ކަމުގައެވެ.
މީގެ އިތުރުން، ރިޔާސަތު ނިންމަވާލައްވަމުން ރޭގެ ވަގުތެއްގައި ދެއްވި ވަދާއީ ތަގުރީރުގައި، ޝާހިދުވަނީ، ދައުރުގައި ހާސިލްކުރެއްވުނު ގިނަ ކާމިޔާބީތަކުގެ މައްޗަށް ބައްލާވާލައްވާފައެވެ. އެގެ ތެރޭގައި، ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށް ދިނުމަށް ކުރެވިގެން ދިޔަ މަސައްކަތްތަކާއި، ކޯވިޑްގެ ހާލަތުން އަރައިގަނެވި، ގައުމުތައް އާރާސްތުކުރުމަށް ކުރެވެނު މަސައްކަތްތަކުގައި ފޯރުކޮށްދެވުނު އެހީތެރިކަން ހިމެނެއެވެ.
އޭގެ އިތުރުން، ދެމެހެއްޓެނިވި ގޮތަށް ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ކުރި މަސައްކަތުގެ ތެރެއިން އދ. ގެ ތާރީހުގައި ފުރަތަމަ ފަހަރަށް އާންމު މަޖިލީހުގައި ޓޫރިޒަމްއާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނުކަން ފާހަގަ ކުރައްވަމުން، ޔޫއެންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކުރެވިގެންދިޔަ އެހެން ބައެއް ކަންކަންވެސް ޝާހިދު ފާހަގަ ކުރައްވާފައި ވެއެވެ..
އޭގެ ތެރޭގައި ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް މައިގްރޭޝަން ރިވިއު ފޯރަމެއް ބޭއްވުމުގެ އިތުރުން، ފުރަތަމަ ފަހަރަށް އާންމުންނަށް، އާންމު މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވޭނެ ފުރުސަތު ފަހިކޮށްދިނުން ހިމެނެއެވެ. އޭގެ އިތުރުންވެސް ޔޫއެންގެ އޮނިގަޑުގެ ތެރޭގައި އަންހެނުންނަށް ގިނަގުނަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ކުރެވިގެންދިޔަ މަސައްކަތްތަކުގެ އިތުރުން، މޫސުމީ ބަދަލުތަކުން ދުނިޔެ ހިމާޔަތްކުރުމަށް ޝާހިދުގެ ދައުރުގައި ގިނަ މަސައްކަތްތަކެއް ކުރެވިގެންދިޔަކަންވެސް ވަދާއީ ތަގުރީރުގައި ފާހަގަ ކުރައްވާފައިވެއެވެ.
ކޮންމެއަކަށް، ރާއްޖެފަދަ ކުޑަ ގައުމަކަށް ޔޫއެންގެ އާންމު މަޖިލިހުގެ ރިޔާސަތު ބަލަހައްޓަން އެއް އަހަަރުގެ ކުރުމަ މުއްދަތެއް ނަމަވެސް ލިބިގެން ދިޔަ ދިއުން ވެގެން ގޮސްފައިވަނީ، ރާއްޖޭގެ ޚާރިޖީ ހަޔާތުގައި އަދި މިހާތަނަށް މީގެކުރިން ތަނަވަސް ވެގެން ގޮސްފައިނުވާ ފުރުސަތަކަށެވެ. މިއީ ހުރިހާ ގޮތަކުން ބެލިކަމުގައި ވިނަމަވެސް، ގައުމަށް ލިބިގެންދިޔަ، ތާރީޚީ، ބޮޑު ކާމިޔާބީއެއް އަދި ފަޚުރަކާއި ޝަރަފެއް ކަމުގައި ބަލައިގަންނަން ޖެހެއެވެ.