ބްލޮކް ގްރާންޓް ކުއާޓަލީ ދޭގޮތައް ރައީސް ނިންމަވައިފި

ބްލޮކް ގްރާންޓް ކުއާޓަލީ ދޭގޮތައް ރައީސް ނިންމަވައިފި

Author
މުޙައްމަދު ޝަޒައިމް
12 ސެޕްޓެމްބަރ 2022 12:14
0

ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓް ކުއާޓަލީ ދޭގޮތަށް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނިންމަވައިފިއެވެ.

ހައްދުންމަތީ ގަމުގައި ކުރިއަށްދާ ވިއަވަތި ކޮންފަރެންސުގައި ކައުންސިލްތަކުން ވަނީ ސަރުކާރުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރާ ފައިސާގެ ޚަރަދުތައް ބެލެހެއްޓުމުގައި ކައުސިލްތަކަށް ދަތިތަކެއް ހުންނާތީ މަހުން މަހަށް ނުވަތަ ކުއާޓަލީ ބަޖެޓް ދޫކުރާ ގޮތަކަށް ބަދަލު ގެނައުމަށް ހުށަހަޅާފައެވެ.

ގިނަ ކައުންސިލްތަކުން ފާޅުކުރި މިކަންބޮޑުވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ބެޖެޓުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރާ ފައިސާ ކުއާޓަލީ ދޫކުރާގޮތަށް ހަމަޖައްސަވާނެކަމަށް ވިދާޅުވެފައެވެ. އަދި މިބަދަލާއިއެކު ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކަށް ދިމަވާ މާލީ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލުތަކެއް އަންނާނެކަމަށް ގަބޫލު ކުރައްވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިނިންމެވުމާއި އެއްގޮތަށް އަންނަ އަހަރުން ފެށިގެން ބްލޮކް ގްރާންޓް ކުއާޓަލީ ކައުންސިލްތަކަށް ދޫކުރާނެ އިންތިޒާމު ހަމަޖައްސަވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވިއެވެ. މިއަހަރަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވަނީ 1.5 ބިލިޔަން ރުފިޔާއެވެ. ނަމަވެސް އަންނަ އަހަރަށް 1.7 ބިލިޔަން ރުފިޔާ ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ދިނުމަށް ނިންމާފައިވާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބެލެހެއްޓެވި މި ސެޝަންގައި އެމަނިކުފާނު ވިދާޅުވީ، ކައުންސިލްތަކަށް ދޫކުރާ ބަޖެޓް ނުވަތަ ގްރާންޓް، އެއް އަހަރުން އަނެއް އަހަރަށް އަންނަނީ އިތުރުކުރެވެމުން ކަމަށެވެ. އެހެން ނަމަވެސް އަދިވެސް ކުރަންޖެހޭ ގިނަކަންތައްތަކެއް އެބަހުރި ކަމަށާއި، މިހާރަށްވުރެ ރަނގަޅަށް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިންގުމަށްޓަކައި، މިހާރަށްވުރެ ވެސް ފުދުންތެރި ކައުންސިލްތަކަކަށް ބަދަލުކުރަންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރު ސަރުކާރުން ކައުންސިލްތަކަށް ދޫކުރަނީ، ދައުލަތަށް ލިބޭ އާމްދަނީގެ %5 ކަމަށާއި، އޭގެ އިތުރުން، އަތޮޅުތަކުގެ ރަށްރަށާއި، ފަޅުން ލިބޭ އާމްދަނީގެ ކުލީގެ %40 ކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އޭގެ އިތުރުން ކުންފުނިތައް އުފައްދައިގެން ވިޔަފާރިކުރެވޭނެ ގޮތްތަކެއް އިންތިޒާމް ކުރެވެމުންދާ ކަމަށެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެންމެ ފަހުން އުކުޅަހުގައި ބޭއްވުނު ވިއަވަތި ރާއްޖެ ކޮންފަރެންސްގައިވެސް އަދި މި ކޮންފަރެންސްގައިވެސް އެންމެ ބޮޑަށް ވާހަކަދެކެވި މަޝްވަރާކުރެވިފައި ވަނީ، މާލީ ގޮތުން ހުރި ދަތިތަކާއި ގުޅޭ ގޮތުން ކަމަށެވެ. އަދި މިކޮންފަރެންސް ނިމިގެންދާއިރު ބިނާކުރެނިވި މުހިއްމު ވާހަކަތަކެއް ދެކެވި މަޝްވަރާކުރެވިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.