އާރްޓީއެލްގެ ޚިދުމަތަށް އިތުރު 65 ފެރީ ބަންނަނީ

އާރްޓީއެލްގެ ޚިދުމަތަށް އިތުރު 65 ފެރީ ބަންނަނީ

ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި، ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ފެރީ ޚިދުމަތަށް އިތުރު 65 ބަނުމަށް ކޮންޓްރެކްޓަރުންނާއި ހަވާލުކުރާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.

ޤައުމީ ފެރީ ނިޒާމު، ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތް ފުރަތަމަ ފެށީ ޒޯން 1 ގެ ހދ.އަތޮޅުގައެވެ. މި ޚިދުމަތް ފެށީ މިއަހަރުގެ ޖޫން 12 ވަނަ ދުވަހުއެވެ. އަދި މިހާރު މިވަނީ ޒޯން 1ގައި ހިމެނޭ ހއ. އަދި ށ.އަތޮޅަށްވެސް މި ޚިދުމަތް ފަށާފައެވެ.

ޒޯން 1ގެ ޚިދުމަތުގައި އާރްޓީއެލް 17 ފެރީ އަންނަނީ ބޭނުންކުރަމުންނެވެ. ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ޒޯން 1ގެ ތިން އަތޮޅުގެ ފެރީގެ ޚިދުމަތް ފުރިހަމަކޮށްފައިވާކަމަށެވެ. ސަރުކާރުން އެމްޓީސީއާ ހަވާލުކޮށްފައިވާގޮތަށް އިތުރު ޒޯންތަކުގައި ފެރީގެ ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީޔައް މިހާރު ކުރިއަށްދާކަމަށެވެ. އެގޮތުން ޒޯންތަކަށް ބޭނުންވާ ފެރީތައް ބަނުމަށް ހަވާލުކުރުމުގެ މަރުޚަލާގައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެންމެ ފުރަތަމަ އާރްޓީއެލް ފެރީގެ ޚިދުމަތް ފެށިގެން އައީ ބޮޑެތި ގޮންޖެހުންތާކައެކު ކަމަށެވެ. މުޅިން އަލަށް ފަށާ ޚިދުމަތަކަށްވުމާއެކު އޭރު ގިނަ ދަތިތަކާ ކުރިމަތިވިކަމަށެވެ. ނަމަވެސް މި މުޅި ނިޒާމާ ގުޅޭ، ގިނަ ކަންކަތަކެއް މިހާރު ރާވާ ބައްޓަން ކުރެވިފައިވާތީ ކުރިއަށް އޮތްތާނގައި މި ޚިދުމަތް ދިނުމަށް ލުއިފަސޭހަ ވާނެކަމަށެވެ.

ޒޯން 1ގައި ޚިދުމަތް ދިނުމަށް ބޭނުންވާ ލޯންޗުތައް ބަނދެފަވަނީ ޔޫއޭއީގެ ކުންފުނި ގަލްފް ކްރާފްޓާ ހަވާލުކޮށްގެން ރާއްޖޭގައެވެ. ޒޯން 1ގެ ޚިދުމަތަށް ގަލްފްކްރާފްޓް މެދުވެރިކޮށް 17 ސްޕީޑް ފެރީ ބަނދެފައިވެއެވެ. އާރްޓީއެލްގެ ފެރީ ފަރުމާކޮށްފައިވަނީ، ސީދާ މި ޚިދުމަތަށް ޚާއްސަކޮށްގެންނެވެ. 50 މީހުންގެ ޖާގައިގެ މި ފެރީތަކަކީ، ތަނަވަސް ހިތްގައިމު ދަތުރުރުކޮށްލަން ފަސޭހަ ފެރީތަކެކެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާ ބަލި މީހުންވެސް ފަސޭހައިން އުފުލޭ ފެރީތަކެކެވެ.

ފެރީތަކަކީ 30 ނޮޓްގެ ބާރުމިނުގައި ދުވާ ފެރީތަކެކެވެ. މި ފެރީތައް އެމްޓީސީސީން ކުރިން ބޭނުންކުރަމުން އައި ފެރީތަކުގެ ސްޕީޑަށްވުރެ 3 ގުނަ އަވަސް ފެރީތަކެއްކަމަށް އެމްޓީސީސީން ބުނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *