އާސެނަލް މޮޅުވުމުގެ ރިކޯޑު، ޔުނައިޓެޑުން ނިމުމަކަށް ގެނެސްފި

އާސެނަލް މޮޅުވުމުގެ ރިކޯޑު، ޔުނައިޓެޑުން ނިމުމަކަށް ގެނެސްފި

އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލާ ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު އާސެނަލުގެ ގަބްރިއެލް މާޓިނެއްލީ ލަނޑެއް ޖެހި ނަމަވެސް, ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ވަނީ އެ ލަނޑު ބަލައިނުގަންނަން ނިންމާފައެވެ. އެގޮތަށް ނިންމާފައިވަނީ އެ ލަނޑު ޖެހުމުގެ ކުރިން ޔުނައިޓެޑުގެ ކްރިސްޓިއަން އެރިކްސަންއަށް އާސެނަލުގެ ކެޕްޓަން މާޓިން އޮޑެގާޑް ފައުލުކޮށްފައިވާތީއެވެ.

އެއާއެކު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޔުނައިޓެޑުންނެވެ. މެޗުގެ 35 ވަނަ މިނެޓުގައި މި ލަނޑު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ އެ ޓީމާ އަލަށް ގުޅުނު ބްރެޒިލުގެ ފޯވާޑް އެންތަނީ ސަންޓޯސްއެވެ.

އެކަމަކު މެޗުގެ 60 ވަނަ މިނެޓުގައި އާސެނަލުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބުކަޔޯ ސާކާއެވެ. ނަމަވެސް އޭގެ ހަ މިނެޓު ފަހުން މާކަސް ރަޝްފޯޑް ޖަހައިދިން ލަނޑާއެކު ޔުނައިޓެޑުން ވަނީ އަލުން ލީޑު ނަގާފައެވެ އަދި މެޗުގެ 75 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިން ލަނޑުވެސް ކާމިޔާބުކޮށްދިނީ ރަޝްފޯޑެވެ. މިއީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހަށްފަހު މެޗެއްގައި ރަޝްފޯޑަށް ދެ ލަނޑު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ

މި މޮޅާއެކު ޔުނައިޓެޑް މިހާރު ވަނީ ކުޅުނު ހަ މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި އާސެނަލް ލީގުގައި ފުރަތަމަ ފަހަރަށް މެޗަކުން ބަލިވި ނަމަވެސް، އެ ޓީމު އޮތީ ލިބިފައިވާ 15 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *