ސިޔާސީ ވެރިންގެ ނުފޫޒުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އޮންނަތާ 4 އަހަރު ވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ ހުސެއިން މިހެން ވިދާޅުވީ ފަނޑިޔާރުން ދިރިއުޅޭނެ އެ މީހުންގެ އަމިއްލަ ތަނެއް ނެތް ނަމަ، އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށްބުނެ ފަނޑިޔާރުންގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހާއިމެދު ގިނަބައެއްގެ ފާޑުކިޔުން އަމާޒުވުމުން އެކަމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން މިނިވަންކޮށް، ސިޔާސީ ނުފޫޒުން ޖޭއެސްސީ މިނިވަން ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް ވެރިކަމުގެ ދައުރު ހަމަވާން މަދު ދުވަސްކޮޅަކަށް ވެފައިވާއިރުވެސް ޖޭއެސްސީ އޮތީ ސިޔާސީ ނުފޫޒުގައެވެ.
މެމްބަރު އަލީ ހުސެއިން ވިދާޅުވީ ފަނޑިޔާރުންނަށް ރަނގަޅު ގޮތެއްވާނީ، ޖުޑީޝަލް ސާވިސް ކޮމިޝަން މިނިވަން ވެގެންކަމަށެވެ. ސިޔާސީ ނުފޫޒުގައި ޖޭއެސްސީ އޮތްހާ ހިނދަކު ފަނޑިޔާރުންނަށް އެއްވެސް ރަނގަޅު ގޮތެއް ނުވާނެކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
ސިޔާސީވެރިންގެ ނުފޫޒު ސީދާ ގޮތުން ފޯރާ ގޮތަށް JSC ބާއްވައިގެން ތިބޭތާވެސް 4 އަހަރުވަނީ. ދެން ކިހިނެތްތޯ އެހެން ވަކި މާ ރަނގަޅު ގޮތެއް ފަނޑިޔާރުންނަށް ހޯދައިދެވޭނީ.
– އަލީ ހުސެއިން ވިދާޅުވިއެވެ.
ފަނޑިޔާރުންގެ ޤާނުނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ފަނޑިޔާރުންގެ ކަންބޮޑުވުން ހުރި އިސްލާހުތަކަށް ހައްލެ ގެނައުމަށްވެސް ބަންޑާރަ ނައިބް ވަނީ ނިންމަވާފައެވެ. ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރެއިން އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް އެއް އިސްލާހަކީ ފަނޑިޔާރުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް އޮތް އިސްލާހެވެ. އެއިސްލާހުގައި ވަނީ ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާކަމުގެ މަސްރޫޢޫތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ފަނޑިޔާރުންނަށް ކުރިމަތިލެވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށެވެ. މީގެ އިތުރުން ފަނޑިޔާރުންނަށް ލިބިދެވޭ އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ލިވިންގ އެލަވަންސް ފަނޑިޔާރުންނަށް ލިބިދެވޭ އުސޫލު އިސްލާޙްކޮށް، އެ ލިވިންގ އެލަވަންސްގެ މިންވަރު ފަނޑިޔާރުންގެ އަސާސީ މުސާރައިގެ %30 އަށްވުރެ މަދު ނުވާނެ އަދަދެއް ކަމުގައި ކަނޑައެޅުމަށްވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ.
މިއިސްލާހުގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު ވިދާޅުވީ ފަނޑިޔާރުންގެ ޤާނޫނުގެ އިޞްލާޙުގައިވާ ދިރިއުޅޭނެ އަމިއްލަތަނެއް ނެތް ފަނޑިޔާރުންނަށް ދިނުމަށް ކަނޑައަޅާފައިވާ ލިވިންގއެލަވަންސަކީ މިހާރު ފަނޑިޔާރުންނަށް ލިބެމުންދާ މުސާރައާއިޢިނާޔަތްތަކުން އެއްވެސް މިންވަރެއް އުނިނުވާނެ ގޮތަށް ލިބޭ އެއްޗެއްގެ ގޮތުގައި ހުށަހަޅާފައިވާ އެލަވަންސެއް ކަމަށެވެ.
އަދި ފަނޑިޔާރުން ދިރިއުޅޭ ރަށެއް ނުވަތަ ސިޓީއަކުން ގޯތި ނުވަތަ ފްލެޓަށް ކުރިމަތިލުމުގައި އެ ސްކީމެއް ހިންގޭ ރަށް ނުވަތަ ސިޓީއެއްގައި ފަނޑިޔާރު ދިރިއުޅޭނެ ތަނެއް ނެތްނަމަ ކުރިމަތިލެވޭ ގޮތަށް ހަމަޖެއްސުމަށް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙު ގެންނަން ހުށަހަޅުއްވާނެކަމަށްވެސް ބަންޑާރަނައިބް ވިދާޅުވިއެވެ.
މީގެ އިތުން މީގެ އިތުރުން ފަނޑިޔާރުންނަށް ލިބިދެވޭ އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ލިވިންގ އެލަވަންސް ފަނޑިޔާރުންނަށް ލިބިދެވޭ އުސޫލު އިސްލާޙްކޮށް، އެ ލިވިންގ އެލަވަންސްގެ މިންވަރު ފަނޑިޔާރުންގެ އަސާސީ މުސާރައިގެ %30 އަށްވުރެ މަދު ނުވާނެ އަދަދެއް ކަމުގައި ކަނޑައެޅުމަށް މިހާރު ހުށަހަޅާފައިވާ އިސްލާހަށްވެސް ބަދަލު ގެނައުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޤާނޫނަށް ޢަަމަލުކުރަން ފަށާތާ ވަކި މުއްދަތެއްގެ ތެރޭގައި ރިޓަޔަރކުރަން ބޭނުންވާ 65 އަހަރުން ދަށުގެ އަދި ކަނޑައެޅޭ ވަކި އުމުރަކަށްވުރެ މަތީ ޢުމުރުގެ ފަނޑިޔާރުންނަށް އެ ފުރުޞަތު ލިބޭ ގޮތަށް ޤާނޫނު އިޞްލާޙުކުރުމަށް ހުށަހެޅުމަށްވެސް ނިންމާފައެވެ.