ތަކުރާރުކޮށް އެކި ފަހަރުމަތިން ވައްކަމުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްގެން މެނުވީ ބަންދުން ދޫނުކުރަން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފިއެވެ.
އަމުރުކުރީ ފިހާރައަކުން ސެންޓު ފުޅިއެއް ވަގަށް ނެގި މައްސަލައެއްގައި ހައްޔަރުކުރީ ހުސެއިން ރިޔާޒު ނަމަކަށް ކިޔާ 43 އަހަރުގެ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމައި ކުރި އަމުރުގައެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 30 ދުވަހު ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ.
ބަންދު އަމުރުގައި ބުނީ ރިޔާޒަކީ ތަކުރާރުކޮށް ވައްކަންކުރާ މީހެއްކަން އޭނާގެ ހައްޔަރު/ބަންދު ރިކޯޑުތަކުން އެނގޭ ކަމަށެވެ. ބަންދު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި އާންމު ގޮތެއްގައި ވައްކަމުގެ މިފަދަ މައްސަލަތަކަކީ ކުދި ކުށްތަކަށް ވެފައި ކޯޓުން އާންމުކޮށް އަމަލު ކުރަމުން އަންނަ އުސޫލަކީ ކުރު މުއްދަތެއްގައި ބަންދުގައި ބެހެއްޓުމެވެ.
މުއްދަތު ހަމަވުމުގެ ކުރިން މިފަދަ ބައެއް މީހުން ފުލުހުން ވެސް ދޫކޮށްލާ ކަމަށާއި އެހެންނަމަވެސް ބަންދުން ދޫކުރުން ތަކުރާރުކުރާނަމަ މުޖުތަމައުގެ ސަލާމަތަށް އެކަމުން ނުރައްކާ ވެދާނެ ކަމަށް ވެސް އަމުރުގައިވެއެވެ.
ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ތަހުގީގުގެ ބޭނުމަށް 24 ގަޑިއިރަށް ވުރެ ގިނަ އިރު ބަންދުގައި ބައިތިއްބަން ބޭނުން ނަމަ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންޖެހެއެވެ. އެގޮތަށް ހާޒިރުކުރުމުން ފަނޑިޔާރު ކަނޑައަޅުއްވާ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ނުވަތަ ދޫކޮށްލުމަށް ފުލުހުންނަށް އަމުރުކުރާނެއެވެ.