ފަހު ވަަގުތު ފަބިއޯ ކަވާލިއޯ ޖެހި ލަނޑާއެކު ލިވަޕޫލުން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފިއެވެ.
އުނދަގޫ ހާލަތެއްގައި އޮތް ލިވަޕޫލުން ނިއުކާސަލްގެ ދަނޑުގައި ކުޅުނު ފުޓުބޯޅަ މެޗު ކާމިޔާބުކުރީ 2-1 އިންނެވެ. ނިއުކާސަލް އިން ދާދި ފަހުން ރެކޯޑް ފީ އަކަށް ގެނައި އެލެކްޒެންޑާ އައިޒެކް ވަނީ ފުރަތަމަ ހާފު ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށް އެ ޓީމަށް ލީޑު ނަގައިދީފައެވެ. މިއީ އޭނާ ސްޕެއިންގެ ރެއާލް ސޮސިއެޑާޑުން ނިއުކާސަލް އަށް ބަދަލުވެ ކުޅުނު ފުރަތަމަ މެޗެވެ.
ދެ ވަނަ ހާފުގައި ކުޅުން ވަރުގަދަކޮށް ލިވަޕޫލުން އެއްވަރުކުރީ 61 ވަނަ މިނިޓުގައި މުހައްމަދު ސަލާހުގެ ޕާހަކުން ރޮބާޓޯ ފިރްމީނޯ ޖެހި ލަނޑުންނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ލިވަޕޫލްގެ ކޯނަރެއް ނިއުކާސަލް އަށް ކްލިއާ ނުކޮށްލެވުމުގެ ފައިދާ ނަގައި، އެންމެ ފަހު ސިކުންތުގައި ޓީމު މޮޅުކޮށްދިނީ، ބަދަލު ކުޅުންތެރިޔާ ފަބިއޯ ކަވާލިއޯއެވެ.
މިއީ އުމުރުން 20 އަހަރުގެ މިޑްފީލްޑަރު ކާވާލިއޯ، މި ސީޒަނުގައި ލިވަޕޫލަށް ބަދަލުވެ ޖަހައިދިން ދެ ވަނަ ލަނޑެވެ. އޭނާގެ ފުރަތަމަ ލަނޑު ޖެހީ ބޯންމައުތު ކޮޅަށެވެ.
މި ނަތީޖާއާއެކު ލިވަޕޫލް ވަނީ ކުޅުނު ފަަސް މެޗުން ލިބުނު 8 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ޕޮއިންޓް ތާވަލުގެ ފަސް ވަނައަށް ޖެހިލާފައެވެ. މެޗުން ބަލިވި ނިއުކާސަލް އޮތީ ކުޅުނު ފަސް މެޗުން ލިބުނު ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން 11 ވަނައިގައެވެ.
ކޮމެންޓު ފޮނުވާ