ދިވެހިރާއްޖޭގެ ޚާރިޖީ މަޞްލަހަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނަށް އިޞްލާހު ގެނައުމަށް ހުށައެޅި ބިލުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ އެމްޑީޕީއަށްކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ސަރުކާރުން މަޖިލީހަށް ހުށައެޅި އެބިލަށް ވާހަކަފުޅު ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، މަޖިލީހަށް ހުށައަޅާފައިވާ ބިލުތަކުގެ ތެރެއިން ބޭރުކުރާނަމަ އެއް ބިލަކީ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ޤާނޫނުލް އުގޫބާތަށް ހުށައެލި އިޞްލާހުގެ ބިލުކަމަށެވެ.
ޢަލީ ޙުސައިން ވަނީ ، ޤާނޫނު އަސާސީ އެކުލަވާލެއްވި ބޭފުޅުން ހަނު ނުތިއްބެވުމަށްވެސް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ ޤާނޫނު އަސާސީގައި ޚިޔާލުފާޅު ކުރުމަށް ފެންނަ އެއްޗެއް ބުނަން އެބައޮތްކަމަށާއި، ޤާނޫނު އަސާސީން ދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އާދައިގެ ކަމެއްނޫންކަމަށެވެ.
މިސާލެއްގެ ގޮތުން އަލީ ހުސައިން ވިދާލުވީ އެމެރިކާގައި އެޤައުމުގެ ދިދަ އަންދާލުން ކުށަކަށްނުވާއިރު، އެކަން ރާއްޖޭގައި ކުށަކަށް ނެހެދޭނެކަމަށެވެ. އެގޮތުން ރާއްޖޭޣައި ޤަވާއިދާއި ޚިލާފަށް އިންޑިއާ ސިފައިން ތިއްބައި އެމީހުން ކުރިއަށް އޮތްތަނުގައި ފޮނުވާލަން ބޭނުންވިޔަސް ނުކުރެވޭނެކަމަށާއި، މި ބިލުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ އެމްޑީޕީއަށްކަމަށްވެސް އަލީ ހުސައިން ވިދާޅުވިއެވެ. އޭނާ ވަނީ މިއީ ވަރަށް ނުރައްކާތެރި ބިލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އަލީ ހުސައިން މިހެން ވިދާލުވެފައިވާއިރު، ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ޤާނޫނުލް އުގޫބާތަށް ހުށައެޅުއްވި އިސްލާހުގެ ބިލުގައި ވަނީ ދިވެހިރާއްޖޭގެ ޚާރިޖީ މަޞްލަހަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށައެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި ބަޔާންކުރާ އަމަންޢާންމާއި، ރައްކާތެރިކަމާއި، އަޚްލާޤީ މިންގަނޑުތަކާގުޅޭ ކުށްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޚަރިޖީ މަޞްލަހަތަށް ގެއްލުންދިނުމުގެ ޢަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމެނުމެވެ. އަދި އެ ކުށުގެ ގޮތުގައި ބެލެވޭނެ ޢަމަލުތައް ސާފުކޮށް ބަޔާންކުރުމަށްޓަކައި، އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާހުތައް ގެނައުމަކީވެސް އެ އިސްލާހުގެ މަޤްޞަދެއްކަމަށް ބުނެފައިވެއެވެ.
މި އިޞްލާހުގެ ދަށުން ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށައަޅާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި:
– އެހެން ޤައުމެއްގެ ދިދައަށް ޤައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުންދިނުން ނުވަތަ ބަދަލުގެނައުން.
– އެހެން ޤައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުންދިނުން ނުވަތަ ގެއްލުންދިނުމުގެ ގޮވާލުން.
– އެހެން ޤައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުން.
– އެހެން ޤައުމެއްގެ ރައްޔިތަކަށް ވީތީ، ދިވެހިރާއްޖެ ދޫކޯށްދިނުމަށް ގޮވާލުން.
ދިވެހިރާއްޖޭގެ ޚާރިޖީ މަޞްލަހަތަށް ގެއްލުންދިނުމުގެ ޢަމަލުތަކަކީ ޖިނާޢީ ކުށެއްގެ ގޮތުގައި ޤާނޫނުގައި ކަނޑައެޅުމަށް ސަރުކާރުން ނިންމާފައި މިވަނީ އިދިކޮޅުން އިސްނަގައިގެން އިންޑިއާ އާއި ދެކޮޅަށް ހިންގާ ހަރަކާތްތަކަކީ ޤައުމީ ސަލާމަތަށް ނުރައްކާއޮތް އަދި ރާއްޖޭއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާއި ޚިލާފު ޢަމަލެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނިކޮށެވެ.
ކޮމެންޓު ފޮނުވާ