ޖުމްހޫރީ ޕާޓީއަކީ ހުރިހާ ބޭފުޅުންނަށްވެސް ފުރުސަތު އޮތް، އެކުގައި މަސައްކަތް ކުރެވޭނެ ތަނަވަސް ޖާގަ އޮތް ޕާޓީއެއް ކަމުގައި އެޕާޓީގެ ނައިބު ލީޑަރ އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގިނަ އަހަރުތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެން ބައިވެރިވެ ވަޑައިގެންނެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް އަމީން ވަނީ ސިޔާސީ ގޮތުން ޖުމްހޫރީ ޕާޓީގެ ތަސައްވަރައި ޤާސިމްގެ އަމާޒާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އަމީން ވިދާޅުވީ ޤާސިމް އިބްރާހިމަކީ ސިޔާސީ ލީޑަރުންގެ ތެރެއިން ކޮންމެ ބޭފުޅަކާއިއެކުގައިވެސް މަސައްކަތް ކުރެވޭނެ ސިޔާސީ ލީޑަރެއްކަމަށެވެ. އެކަން މާޒީން ދިވެހި ރައްޔިތުންނަށް ފެންނަން ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީއާއި އެހެން ޕާޓީތަކާއި އޮތް ތަފާތަކީ ޖުމްހޫރީ ޕާޓީއަކީ ކޮންމެ މީހަކަށްވެސް ކުރިއަށް ވަޑައިގަތުމަށް ގިނަ ފުރުސަތު އޮތް ޕާޓީއެއްކަމަށް އަމީން ފާހަގަ ކުރެއްވިއެވެ. ސިޔާސީ ގޮތުންނާއި، އަދި މީހާގެ އަމިއްލަ ކުރިއެރުމަށްވެސް ޖޭޕީ ތެރެއިން އެމީހަކު ދާން ބޭނުންވާ މިސްރާބަށް ދިއުމަށް ޖޭޕީން ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެކަމަށް އަމީން ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީއަކީ އުންމީދެއް އޮތް ޕާޓީއެއް. ޕާޓީގެ މެމްބަރުންނަށް ފުރުސަތުތައް ފަހިކޮށްދޭ، އަދި ފުރުސަތުތައް ތަނަވަސް ކޮށްދޭ ބައެއް. އަދި ކުރިއަށް އޮތް ތާގައިވެސް އެފުރުސަތު ފަހިވެގެންދާނެ. ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަންނަވާ ބޭފުޅުން ޒުވާން ބޭފުޅުން، އަންހެން ބޭފުޅުން އަދި އެނޫން ބޭފުޅުންވެސް މިކަންކަމުގައި ބައިވެރިވެ ޝާމިލުވާންވީ.
– އަމީން ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގައި އޮތް ފުރުސަތުތަކަށް އަލި އަޅުވާލައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ އެހެން އެއްވެސް ޕާޓީއަކުން ޖުމްހޫރީ ޕާޓީގައި ނެތް ފުރުސަތެއް ނޯންނާނެކަމަށެވެ. ކޮންމެ މެމްބަރަކަށްވެސް ޖުމްހޫރީ ޕާޓީގައި އޮންނާނީ ހަމަހަމަ ފުރުސަތު ކަމަށާއި، ޕާޓީގެ ކުރިމަގަށް ކުރާ މަސައްކަތެއްގައި މުޅި ލީޑަރޝިޕް އެމީހަކަށް އެއްބާރުލުން ދޭނެކަމަށް އަމީން ވިދާޅުވިއެވެ.
އަޅުގަނޑު ދެކޭ ގޮތުގައި މިޕާޓީން ލިބޭ ފުރުސަތުތަކަށް ވުރެ އެހެން ދިމާލަކުން ލިބޭ ފުރުސަތު އިތުރެއް ނުވާނެ. އަޅުގަނޑުމެންގެ ޕާޓީއަކީ އެންމެނަށްވެސް ހަމަހަމަ ކަމާއިއެކީ ފުރުސަތުތައް ފަހިކޮށްދޭ ޕާޓީއެއް.
– އަމީން ވިދާޅުވިއެވެ.
ޕާޓީގެ 4 ވަނަ ކޮންގްރެސްއަށް ތައްޔާރުވުމަށްޓަކައި ހާއްސަ ސްޓެއަރިން ކޮމެޓީއެއް އެކުލަވާލާފައި ވާއިރު، އެޕާޓީން ވަމުންދާ ތައްޔާރީތަކުގެ އެންމެ ފަހުގެ މައުލޫމާތު ނޫސްވެރިންނާ ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ޕާޓީގެ ކައުންސިލް މެމްބަރު އަދި ސްޓެއަރިންގ ކޮމެޓީގެ ޗެއަރ މުހައްމަދު އަޒްލީން ވިދާޅުވި ކޮންގްރެސްއަށް ތައްޔާރުވުމަށްޓަކައި ކޮންމެ ރަށެއްގައި މަދުވެގެން ޕާޓީގެ 1 ގޮފި އެކުލަވާލާނެ ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިދާރީ ދާއިރާ ހިމެނޭ ގޮތުން ކޮންމެ ދާއިރާއަކަށް އެދާއިރާއެއްގެ ރައީސަކާއި ނައިބު ރައީސެއް އިންތިޚާބު ކުރާނެ ކަމަށެވެ.
ޕާޓީގެ ގޮފިތައް ހެދުމަށް ޕާޓީއަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކަށް ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މިކަމަށްޓަކައި އެއްވެސް ފަރާތަކުން މަޢުލޫމާތެއް ބޭނުންފުޅުވާނަމަ ޕާޓީ ރަޖިސްޓްރާގެ އޮފީހުންނާއި ޕާޓީގެ އިދާރާއިން އެމައުލޫމާތެއް ލިބެންހުންނާނެކަމަށް އެޕާޓީން ބުނެއެވެ.
ޖުމްހޫރީ ޕާޓީން ބުނެފައިވަނީ މިމަސައްކަތް ކުރުމަށް އެންމެހާ ބޭފުޅުންނަށް ފުރުސަތު އޮންނާނެކަމަށެވެ. އަދި މިކަމަށްޓަކައި ރަށްރަށަށް ދަތުރު ކުރުމާއި ޕާޓީ ޕްރޮމޯޓް ކުރުމާއި މީހުން ބާރުވެރި ކުރުމަށް މަސައްކަތް ކުރުމަށް ޕާޓީގެ އެންމެހާ ބޭފުޅުންނަށް ވެސް ފުރުޞަތު ފަހިވެފައި އޮންނާނެ ކަމަށެވެ.
One Response
ނޫން އަމީން ތިޔައީ ތިބޭފުޅާވެސް އަމިއްލަ ފައިދާއަް ބުނާއެއްޗެއް ބޮޑުމުސާރަލިބި ގާސިމްގެ ރިސޯޓްތަކުގަ އާރާމްކުރަން އުޅެވޭތި. ކޮވިޑް ކާރިސާދިމާވެ ރައްޖޭގެ ރައްޔިތުން ނިކަމެތި ވީވަގުތު ގާސިމްގެ މުވައްޒިފުން ނައް ކަންތައްކުރިގޮތް ހަދާން ނެތޭހާދުވަހެއް އަދިނުވޭ އަމީންނައްވެސް އިގޭނެ އެކަން ދޮގެއްތޯ މިވަރު މީހަކައް ނުވާނެ ސިޔާސީ ކަންތަކުގަ އެއްބާރުލުން ދޭކައް ހޭއަރާތިބޭތި ރައްޔިތުންނޭ